Roadha Mihaaru
ފޯކައިދޫ އިން ފަހު ވަގުތު ތިމަރަފުއްޓާ އެއްވަރުކޮށްފި

ފޯކައިދޫ އިން ފަހު ވަގުތު ތިމަރަފުއްޓާ އެއްވަރުކޮށްފި

09 ޖުލައި 2018

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކުޅުނު މެޗުގެ ފަހު ވަގުތު ށ. ފޯކައިދޫ އިން ޖެހި ގޯލާ އެކު ތ. ތިމަރަފުއްޓާ 2-2 އިން އެއްވަރުކޮށްފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކުޅުނު މެޗުގެ ފަހު ވަގުތު ށ. ފޯކައިދޫ އިން ޖެހި ގޯލާ އެކު ތ. ތިމަރަފުއްޓާ 2-2 އިން އެއްވަރުކޮށްފި އެވެ.

މި މެޗުން ލިބުނު ޕޮއިންޓާ އެކު ފޯކައިދޫ ލީގުގެ ހަ ވަނައިގައި އޮތީ ތިން މެޗުން ދެ ޕޮއިންޓާ އެކު އެވެ. ތިމަރަފުށި ލީގުގައި ހޯދި ފުރަތަމަ ޕޮއިންޓާ އެކު ވަނީ ލީގުގެ ނުވަ ވަނަ އަށް ޖެހިލައިފަ އެވެ.

ކުޅުނު ފުރަތަަމަ ދެ މެޗުން ތިމަރަފުށި ބަލިވެފައިވުމުން މި މެޗަށް ތިމަރަފުށިން ނުކުތީ ރަނގަޅު ނަތީޖާއެއް ނެރެ އަލުން ފޯމަކަށް އެޅުމަށެވެ. އަނެއްކޮޅުން މިނިވަން ޗެމްޕިއަންޝިޕްގެ ފައިނަލުގައި ތިމަަރަފުށި އަތުން 3-0 އިން ބަލިވުމުން ފޯކައިދޫ އިން މި މެޗަށް ނުކުތީ މޮޅެއް ހޯދުމަށެވެ. ފޯކައިދޫ އިން ޕްރިމިއާ ލީގަށް ނުކުތީ މިނިވަން ޗެމްޕިއަންޝިޕް ކުޅުނު ޓީމަށް ގިނަ ބަދަލުތަކެއް ގެނެސްގެންނެވެ. ތިމަަރަފުށީ ޓީމުގައި ބިދޭސީ ތިން ކުޅުންތެރިންގެ އިތުރުން ދެން ހިމެނެނީ ހުސް އެ ރަށަށް ނިސްބަތްވާ ކުޅުންތެރިންނެވެ.

މެޗު ފަށައިގެން ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނުނުއިރު ފޯކައިދޫ އަށް ލީޑުނަގައިދޭން އެ ޓީމުގެ މުހައްމަދު މުސްލިހު (މުއްޓި) އަށް ރަނުގެ ފުރުސަތެއް ލިބުނެވެ. މެޗުގެ 20 ވަނަ މިނިޓްގައި ކުރިން އީގަލްސް އާއި ވެލެންސިއާ އަދި ނިއު ރޭޑިއަންޓަށް ވެސް ކުޅުނު މުއްޓި އަށް އޭރިއާ ތެރެއިން މުޅިން ހުސްކޮށް ލިބުނު ބޯޅަ ތިމަރަފުށީގެ ކީޕަރު އަޑެޓުންޖީ ލޯރެންސް ވަނީ މަތަކޮށްފަ އެވެ.

އޭގެ މިނިޓެއް ފަހުން ތިމަރަފުށީގެ ބިދޭސީ ކުޅުންތެރިއާ ކޮއާސީ އޭރިއާ ތެރެއިން ޖެހި ބޯޅަ ފޯކައިދޫގެ ކީޕަރު ހަނީފް ސާގިބް ވަނީ މަތަކޮށްފަ އެވެ.

މެޗުގެ 29 ވަނަ މިނިޓްގައި ތިމަރަފުށީގެ އަހުމަދު ހައިލަމް ނަގައިދިން ހުރަސް އެ ޓީމުގެ ކޮއާސީ އަށް ލިބުމުގެ ކުރިން ފޯކައިދޫ ކީޕަރު ހަނީފް ވަނީ ސަލާމަތްކޮށްފަ އެވެ.

މެޗުގެ 42 ވަނަ މިނިޓްގައި ފޯކައިދޫގެ ފޯވާޑް މުހައްމަދު ޖައިލަމް އަށް ހުސް ފުރުސަތެއް ލިބުނެވެ. ތިމަރަފުށީގެ ފަހަތުން ހެދުނު ގޯހެއްގެ ފައިދާ ނަގައި ހުސްކޮށްހުރެ ޖައިލަމް ބޮލުން ޖެހި ބޯޅަ ކީޕަރު އަޑެޓުންޖީ ވަނީ މަތަކޮށްފަ އެވެ. ތިމަރަފުށީގެ އިބްރާހިމް ސިނާހު ބޮލުން ޖައްސާލި ބޯޅައެއް އެ ޓީމުގެ އަބްދުﷲ ޒިޔާން ފޮނުވާލި ނަމަވެސް ދިޔައީ ބޭރަށެވެ.

ފޯކައިދޫގެ ދެ ލަނޑު ޖެހި ޖައިލަމް (ކ) އަށް ތިމަރަފުށީގެ ސިނާހު ޓެކުލްކުރަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ފޯކައިދޫގެ ދެ ލަނޑު ޖެހި ޖައިލަމް (ކ) އަށް ތިމަރަފުށީގެ ސިނާހު ޓެކުލްކުރަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ފަހު މިނިޓްގައި ފޯކައިދޫ އަށް ލީޑުނަގައިދިނީ ޖައިލަމް އެވެ. އޭރިއާ ތެރެއިން ތިމަރަފުށީ ޑިފެންޑަރުން ވަށާލައިގެން ތިއްބާ އޭނާ ޖެހި ބޯޅަ އަމާޒުވީ ގޯލުގެ މަތީ ކަނަށެވެ.

ދެ ވަނަ ހާފް ކުރީކޮޅުގައި ލީޑުފުޅާކުރަން ފޯކައިދޫ އަށް ރަނގަޅު ތިން ފުރުސަތެއް ލިބިގެންދިޔައިރު ބޭނުމެއް ނުހިފުނެވެ. އެންމެ ރަނގަޅު ފުރުސަތު ލިބުނީ އެ ޓީމުގެ މިސްރުގެ ކުޅުންތެރިއާ މަހުމޫދު މުސްތަފާ އަށެވެ. އޭނާ އަށް ހުސްކޮށް ލިބުނު ބޯޅަ ފޮނުވާލި ނަމަވެސް ކީޕަރު އަޑެޓުންޖީ ވަނީ މަތަކޮށްފަ އެވެ.

ތިމަރަފުއްޓަށް ނަތީޖާ ހަމަހަމަ ކޮށްދިނީ މެޗުގެ 69 ވަނަ މިނިޓްގައި އަހުމަދު މައުރޫފް (މާއްޓޭ) އެވެ. ދެ ވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް މާއްޓޭ މި ލަނޑު ޖެހީ އޭރިއާ ތެރެއިން ލިބުނު ބޯޅައަކުންނެވެ. ކޮއާސީ ހުސްކޮށްލާފައި ދިން ބޯޅަ މާއްޓޭ ވަނީ ގޯލުގެ ތިރީ ކަނަށް އަމާޒުކޮށްލައިފަ އެވެ. މިއީ ތިމަރަފުށިން ލީގުގައި ޖެހި ފުރަތަމަ ގޯލެވެ.

އޭގެ ފަހުން ދެ ޓީމުން ވެސް ކުރިއަށް ޖެހިގެން ލަނޑެއް ޖަހަން ގިނަ މަސައްކަތްތަކެއް ކުރި އެވެ. މެޗުގެ 87 ވަނަ މިނިޓްގައި ތިމަރަފުށީ އޭރިއާ ތެރެއިން ކުޅުންތެރިއަކު އަތުގައި ޖެހުނު ބޯޅައެއްގައި ޕެނަލްޓީ ހޯދުމަށް ފޯކައިދޫ ކުޅުންތެރިންނާއި އޮފިޝަލުން ވަރަށް ބޮޑަށް އެޕީލްކުރި އެވެ.

ތިމަރަފުށިން ލީޑުނެގި ގޯލު މެޗުގެ އިތުރުވަގުތުގެ ފުރަތަމަ މިނިޓްގައި ޖެހީ ކޮއާސީ އެވެ. ކައުންޓަ އެޓޭކުގައި ކުރިއަށްދިޔަ ބޯޅައެއްގައި ފޯކައިދޫ ކީޕަރު ހަނީފް ކައިރިން ކޮއާސީ ޖެހީ ތިރިތިރިންނެވެ. އެ ބޯޅަ ކޮއްޓުމަށް ފަހު ކުރިއަށް ޖެހިގެން ކުރި އެޓޭކުގައި ފޯކައިދޫ އަށް އެއްވަރުކޮށްދިނީ ޖައިލަމް އެވެ. އޭނާ ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ދުރުކަނަށެވެ. އޭނާ އެ ބޯޅަ ގޯލަށް ވައްދާލީ ކީޕަރު އަޑެޓުންޖީ އަށް އެއްވެސް ފުރުސަތެއް ނުދީ އެވެ.

މެޗާ ބެހޭގޮތުން ފޯކައިދޫގެ ކޯޗު އަލީ ނިސްތާރު މުހައްމަދު ވަނީ ތިމަރަފުށީ ކުޅުންތެރިން ފަހު ވަގުތާ ޖެހެންދެން ކުރި ހިތްވަރަށް ތައުރީފްކޮށްފަ އެވެ. އަދި މި މެޗުން ތިން ޕޮއިންޓް ނުލިބުނީ ކުޅުންތެރިން މެޗަށް ނުކުތްއިރު ފުރިހަމަ އަށް ތައްޔާރުވެފައި ނެތުމުން ކަމަށް ބުންޏެވެ

"ހަގީގަތުގައި މިއީ އަޅުގަނޑުމެން ފެންވަރެއް ނޫން. މި ބުނީ ތިމަރަފުށި ކުޅުންތެރިން ދަށެކޭ ނޫން. އަޅުގަނޑުމެން ކުރިން ދެ މެޗުގައި ދެއްކި ކުޅުން މި މެޗުގައި ނުދެއްކުނު. ހަގީގަތުގައި ތިމަރަފުށީ ޓީމު ވަރަށް ބޮޑަށް އަންޑައެސްޓިމޭޓް ކޮށްލައިގެން އަޅުގަނޑުމެންގެ ކުޅުންތެރިންނަށް ތިބެވުނީ އެ ވެދާނެ ނިއު ރޭޑިއަންޓް އަތުން ތިމަރަފުށި އެހާ ބޮޑުކޮށް ބަލިވީމަ އެ ވިސްނުމުގައި މި މެޗަށް ނުކުތީ ކަމަށް،" ނިސްތާރު ބުންޏެވެ.

ތިމަރަފުށީގެ މެނޭޖަރު އިބްރާހިމް ސަނާހު ބުނީ މެޗަށް ނުކުތީ މޮޅެއް ހޯދުމަށް ކަމަށާއި އެކަން ހާސިލްނުވީ ފަހު ވަގުތު ޑިފެންޑަރުންނަށް ހެދުނު ގޯހަކުން ކަމަށެވެ. އެކަމަކު މެޗަކަށް ފަހު މެޗެއް ކުޅުންތެރިންގެ ކުޅުން ރަނގަޅުވަމުން އައުމަކީ ކުރިއަށް ހުރި މެޗުތަކަށް ނުކުންނައިރު ލިބޭ ހިތްވަރެއް ކަމަށް އޭނާ ވަނީ ބުނެފަ އެވެ.

ލީގުގައި މިރޭ ކުޅޭ މެޗުގައި ނިއު ނުކުންނާނީ މާޒިޔާއާ ދެކޮޅަށެވެ.