Roadha Mihaaru
ވިކްޓްރީ އާއި ފޯކައިދޫ އެއްވަރު

ވިކްޓްރީ އާއި ފޯކައިދޫ އެއްވަރު

25 އޮކްޓޯބަރ 2018

ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ދެ ވަނަ ބުރުގައި މިއަދު ހަވީރު ވިކްޓްރީ އާއި ށ. ފޯކައިދޫ ލަނޑެއް ނުޖެހި އެއްވަރުވެއްޖެ އެވެ.

ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ދެ ވަނަ ބުރުގައި މިއަދު ހަވީރު ވިކްޓްރީ އާއި ށ. ފޯކައިދޫ ލަނޑެއް ނުޖެހި އެއްވަރުވެއްޖެ އެވެ.

ވިކްޓްރީ 10 ޕޮއިންޓާ އެކު ހަ ވަނައިގައި އޮތްއިރު ފޯކައިދޫ އޮތީ ނުވަ ޕޮއިންޓާ އެކު ހަތް ވަނައިގަ އެވެ.

މިއަދުގެ މެޗުން މޮޅުވި ނަމަ ފޯކައިދޫ އަށް ވިކްޓްރީގެ މައްޗަށް ތާވަލުގައި ކުރި ހޯދޭނެ އެވެ. ފޯކައިދޫގެ ކޯޗު އަލީ ނިޝްތާރު ވެސް ބުނީ މެޗަށް އައީ އެ އަމާޒުގައި ކަމަށާއި އެކަން ނުވުމުން މާޔޫސްވި ކަމަށެވެ.

"އެކަމަކު ވެސް ގާތްގާތުގައި މެޗުތަކެއް ކުޅެން ޖެހި އަދި ވަރުގަދަ މެޗެއް ކުޅެ މާ ގިނަ ދުވަހެއް ނުވެ އަނެއްކާ ކުޅެން ޖެހުމުން ވަރުބަލިކަން ވެސް ހުންނާނެ،" ނިޝްތާރު ބުންޏެވެ.

ރާއްޖޭގެ އެންމެ ބޮޑު އެއް ޓީމު އަތުން ޕޮއިންޓެއް ލިބުމަކީ ހިތްހަމަޖެހުމެއްތޯ އެހުމުން ނިޝްތާރު ބުނީ އެ ޓީމުން ބަލަނީ ނަމަކަށް ނޫން ކަމަށާއި މިއީ އޭނާގެ ޓީމަށް މޮޅުވެވެން ޖެހޭނެ މެޗެއް ކަމަށެވެ.

"ވިކްޓްރީ ވެސް ވަރަށް އުނދަގޫ ހާލަތެއްގައި އޮތީ،" އޭނާ ބުންޏެވެ.

ވިކްޓްރީގެ އެސިސްޓަންޓް ކޯޗު އަހުމަދު ނިއާޒް ބުނީ މޮޅުވި ނަމަވެސް ކުޅުންތެރިން ރަނގަޅު ފައިޓެއް ދިން ކަމަށާއި މައްސަލައަކީ ލިބުނު ފުރުސަތުތަކުގެ ބޭނުން ނުކުރެވުން ކަމަށެވެ.

"ކުރިއަށް އޮތްތަނުގައި އެކަންކަން ރަނގަޅުކުރަން މަސައްކަތްކުރާނަން. މެޗުން މޮޅުނުވެވުމަކީ ދެރައެއް އެކަމަކު އެވްރެޖްކޮށް ކުޅުންތެރިން ރަނގަޅަށް ކުޅުނު،" ނިއާޒް ބުންޏެވެ.

މިއަދުގެ މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމަށް ވެސް ރަނގަޅު ފުރުސަތެއް ނުލިބެ އެވެ. އެކަމަކު ދެ ވަނަ ހާފުގައި ނަތީޖާ ބަދަލުކޮށްލަން ފުރުސަތުތަކެއް ލިބުނެވެ. ފޯކައިދޫގެ ޖަމާލް ޖަލީލް ހަލީލް 59 ވަނަ މިނެޓުގައި ބޮލުން ގޯލަށް ފޮނުވާލި ނުރައްކާތެރި ބޯޅަ ވިކްޓްރީގެ ގޯލްކީޕަރު މުހައްމަދު އިމްރާން މަތަކުރި އެވެ. އޭގެ ފަހުން 61 ވަނަ މިނެޓުގައި ވިކްޓްރީގެ މިރާހު މުހައްމަދު އޭރިއާ ތެރެއަށް ރަނގަޅު ބޯޅައެއް ހުރަސްކުރި ނަމަވެސް ހުސްކޮށް ހުރި އަހުމަދު ރިޒްވާނަށް ރަނގަޅަށް ފޮނުވާނުލެވުނެވެ. އަދި 72 ވަނަ މިނެޓުގައި ވިކްޓްރީގެ އަހުމަދު ރަޝީދު (އައްމަޑޭ) ހުހަށް އަރައި ގޯލަށް ފޮނުވާލަން ލިބުނު ރަނގަޅު ފުރުސަތުގައި މާ ލަސްކުރުމުން، ފޯކައިދޫގެ ޕާކިސްތާން ގޯލްކީޕަރު ހަނީފް ސާގިބް އަރައި ދިފާއުކުރި އެވެ.

މެޗުގެ 76 ވަނަ މިނެޓުގައި ފޯކައިދޫގެ ހަލީލް އޭރިއާ ތެރޭ ހުސްކޮށް ހުރި އަހުމަދު މުހައްމަދު (އައްމަޑޭ) އަށް ދިން ބޯޅަ އޭނާ ޖަހަޖަހާ އޮއްވާ ކީޕަރު އިމްރާން ސަލާމަތްކުރި އެވެ. އަދި 77 ވަނަ މިނެޓުގައި ވިކްޓްރީގެ މިރާހު ގޯލަށް ފޮނުވާލި ބޯޅަ ވެސް މަތަކުރީ ކީޕަރެވެ. އޭރު އޭރިއާ ތެރޭ ވިކްޓްރީ ދެ ކުޅުންތެރިން ހުހަށް ތިއްބެވެ.