Roadha Mihaaru
އޭ ލެވެލްގައި ދުނިޔެއިން 1ވަނަ ރާއްޖޭގެ ހަ ދަރިވަރުން

އޭ ލެވެލްގައި ދުނިޔެއިން 1ވަނަ ރާއްޖޭގެ ހަ ދަރިވަރުން

10 ޖުލައި 2018

މިދިޔަ އަހަރު ބޭއްވި އޭ ލެވެލް އިމްތިހާނުގައި މުޅި ދުނިޔެ އިން އެއް ވަނަ ދިވެހި ހަ ދަރިވަރަކު ހޯދައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މިދިޔަ އަހަރު ބޭއްވި އޭ ލެވެލް އިމްތިހާނުގައި މުޅި ދުނިޔެ އިން އެއް ވަނަ ދިވެހި ހަ ދަރިވަރަކު ހޯދައިފި އެވެ.

އޮކްޓޯބަރު/ނޮވެމްބަރުގައި ބޭއްވި އިމްތިހާނުން މުޅި ދުނިޔެ އިން އެއް ވަނަ ހަ ދަރިވަރަކު ހޯދިއިރު އެކިއެކި މާއްދާތަކުން ދިވެހި 45 ދަރިވަރަކު ވަނީ ދުނިޔޭގެ ގަދަ 10ގައި ހިމެނިފަ އެވެ.

ފަސް މާއްދާއިން އޭ ހޯދައިގެން މިދިޔަ އަހަރު 47 ދަރިވަރަކު ވަނީ އެއް ވަނަ ހޯދައިފަ އެވެ. އޭގެ ތެރެއިން ހަ ދަރިވަރަކު، ފަސް މާއްދާއިން އޭ ސްޓާ ހޯދާފައި ވެ އެވެ. މި ހަ ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާގެ ސްކޮލަޝިޕް ދީފައި ވެ އެވެ.

އޭލެވެލް އިން ރަން ވަނަތައް ހޯދި ދަރިވަރުންނަށް އިނާމު ދިނުމަށް ދަރުބާރުގޭގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި މި ދަރިވަރުންނަށް، ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ އިނާމާއި އެޑިއުކޭޝަން މިނިސްޓްރީން ދޭ އިނާމު ވެސް ވަނީ ހަވާލުކޮށްފަ އެވެ.

މިދިޔަ އަހަރުގެ މެއި/ޖޫން އަދި އޮކްޓޯބަރު/ނޮވެމްބަރު މަހުގައި ވެސް އޭ ލެވެލް އިމްތިހާނު ބާއްވާފައި ވެ އެވެ. އެގޮތުން މެއި މަހު ބޭއްވި އިމްތިހާނުން ފަސް މާއްދާއިން އޭ ހޯދައިގެން އެއް ވަނަ ލިބުނީ 44 ދަރިވަރުންނަށެވެ.

މިދިޔަ އަހަރުގެ އޭ ލެވެލްގައި ގައުމީ 10ގައި ހިމެނުނު ދަރިވަރުންތަކެއް، އެވޯޑާއެކު ފޮޓޯއަކަށް ހުއްޓިލައިގެން.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

މިދިޔަ އަހަރުގެ އޭ ލެވެލްގައި ގައުމީ 10ގައި ހިމެނުނު ދަރިވަރުންތަކެއް، އެވޯޑާއެކު ފޮޓޯއަކަށް ހުއްޓިލައިގެން.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ދެހާސްސޯޅަ ވަނަ އަހަރުގެ އިމްތިހާނުން ރާއްޖެއިން އެއް ވަނަ ހޯދީ 38 ދަރިވަރަކެވެ. އަދި 2015 ވަނަ އަހަރު އެ އަދަދު އުޅުނީ 28 ގަ އެވެ. އެހެންކަމުން ފާއިތުވި ހަތަރު އަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު، އޭ ލެވެލްގެ އެއް ވަނައިގައި އެންމެ ގިނަ ދަރިވަރުން ހިމެނިފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު ނޮވެމްބަރު ގަ އެވެ.

މިދިޔަ އަހަރުގެ ފަހު އިމްތިހާނުން 205 ދަރިވަރަކު ގައުމީ ގަދަ 10ގައި ހިމެނެނުއިރު، މިިދިޔަ އަހަރުގެ މެއި/ޖޫންގައި ގަދަ 10ގައި ހިމެނުނު ދަރިވަރުންގެ އަދަދު އުޅުނީ 186ގަ އެވެ.

މިރޭގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް ވިދާޅުވީ އޭ ލެވެލް ގަދަ 10ގައި ހިމެނޭ ދަރިވަރުންގެ އަދަދު އެއް އަހަރުން އަނެއް އަހަރަށް އިތުރުވަމުން އަންނަ ކަމަށެވެ. އެގޮތުން މިދިޔަ އަހަރަކީ، އޭ ލެވެލްގެ އެއް ވަނައިގައި އެންމެ ގިނަ ދަރިވަރުން ހިމެނުނު ފަހަރު ކަން ވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

ހައި އެޗީވާސް އެވޯޑު ދިނުމަށް ދަރުބާރުގޭގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވި ބައެއް ދަރިވަރުންތަކެއް: މިދިޔަ އަހަރު 205 ދަރިވަރުން ވަނީ ގައުމީ ގަދަ 10ގައި ހިމެނިފައި-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ހައި އެޗީވާސް އެވޯޑު ދިނުމަށް ދަރުބާރުގޭގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވި ބައެއް ދަރިވަރުންތަކެއް: މިދިޔަ އަހަރު 205 ދަރިވަރުން ވަނީ ގައުމީ ގަދަ 10ގައި ހިމެނިފައި-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

މިދިޔަ އަހަރުގެ އޮކްޓޯބަރު/ނޮވެމްބަރުގެ އޭ ލެވެލް ގަދަ 10 ހޮވާފައިވަނީ ކުރީގައި ވެސް އޮންނަ އުސޫލަށެވެ. ނަމަވެސް ސްކޮލަޝިޕް ދީފައި ވަނީ އަލަށް އަމަލުކުރަން ފެށި އުސޫލުގެ ދަށުންނެވެ. އެއީ ފަސް މާއްދާއިން އޭ ހޯދާފައިވާ ދަރިވަރުންނަށް ހައި އެޗީވާސް ސްކޮލަޝިޕް އަދި ފަސް މާއްދާއިން އޭ ސްޓާ ހޯދާފައިވާ ދަރިވަރުންނަށް ރައީސްގެ ސްކޮލަޝިޕެވެ.

އޭޝިޔާގެ 11 ގައުމަކުން ކިޔެވޭ ހައި އެޗީވާސް ސްކޮލަޝިޕް 41 ދަރިވަރަކަށް ލިބިފައިވާއިރު ދުނިޔޭގެ ކޮންމެ ގައުމަކުން ވެސް ކިޔެވޭ ރައީސްގެ ސްކޮލަޝިޕް މި އަހަރު ލިބިފައިވަނީ އެންމެ ހަ ދަރިވަރުންނެވެ. އެއީ ސީއެޗްއެސްއީގެ ހަ ދަރިވަރުން ކަމަށްވާ އަހުމަދު ބާސިލް ޝިޔާމް، އައިޝަތު ނާޒިޔާ ނިޔާޒު، އާމިނަތު އިބާނާ ޝާހިދު، ހުސެއިން ޝައްމާހު މުހައްމަދު، މަރިޔަމް އަޒްހާ އިބްރާހިމް އަދި މަރިޔަމް އިނާޝާ ޒިޔާދެވެ.