Roadha Mihaaru
އޭ ލެވެލްގެ އެއް ވަނަ: އަބަދުވެސް ކިޔަވަން މޮޅު

އޭ ލެވެލްގެ އެއް ވަނަ: އަބަދުވެސް ކިޔަވަން މޮޅު

06 މާޗް 2018

އޯ ލެވެލް އާއި އޭ ލެވެލްގައި ރަނގަޅު ނަތީޖާއެއް ހޯދޭނީ ބުރަ މަސައްކަތުންނެވެ. އެއީ ސުވާލެއް ވެސް އޮތް ކަމެއް ނޫނެވެ. އެ ނަޒަރުން ބަލާއިރު އޭ ލެވެލްގައި ފަސް އޭ ސްޓާ ހޯދުމަކީ އަދި މާ ބޮޑު މަސައްކަތެކެވެ. މި ފަހަރު އޭ ލެވެލްގައި އެންމެ ވިދުން ގަދަވި ތިން ދަރިވަރުންގެ މަސައްކަތަށް ބަލައިލަމާ ހެއްޔެވެ؟

އާސިމާ ނިޒާރު އާސިމާ ނިޒާރު

އޯ ލެވެލް އާއި އޭ ލެވެލްގައި ރަނގަޅު ނަތީޖާއެއް ހޯދޭނީ ބުރަ މަސައްކަތުންނެވެ. އެއީ ސުވާލެއް ވެސް އޮތް ކަމެއް ނޫނެވެ. އެ ނަޒަރުން ބަލާއިރު އޭ ލެވެލްގައި ފަސް އޭ ސްޓާ ހޯދުމަކީ އަދި މާ ބޮޑު މަސައްކަތެކެވެ. މި ފަހަރު އޭ ލެވެލްގައި އެންމެ ވިދުން ގަދަވި ތިން ދަރިވަރުންގެ މަސައްކަތަށް ބަލައިލަމާ ހެއްޔެވެ؟

މި ދަރިވަރުން ކްލާހުގައި ޓީޗަރު ކިޔަވައިދޭ އެއްޗެހީގެ އިތުރުން އަމިއްލައަށް ކުރީގެ ޕޭޕަރުތައް ހެދުމާއި އިންޓަނެޓުގެ އެހީގައި އިތުރު މައުލޫމާތު ހޯދި އެވެ. ބައެއް މާއްދާތަކުން އޯ ލެވެލް އަދި އޭ ލެވެލްގައި ވެސް ޓިއުޝަން ނެގި އެވެ. މި ތިން ދަރިވަރުންނަށް ވެސް އެހެން ކުދިން ކުރަމުން އައި މަސައްކަތްތައް އެނގެ އެވެ. އެހެންކަމުން އެއް ވަނަ ލިބިދާނެ ކަމަކަށް ގަބޫލެއް ނުކުރެވުނެވެ.

އަޒްމާ "މިހާރު"އަށް އިންޓަވިއު ދެނީ: ކުރިއަށް ދާނީ މެޑިސިންގެ ރޮނގުން -- ފޮޓޯ: ނިޝާން އަލީ/ މިހާރު

އަޒްމާ "މިހާރު"އަށް އިންޓަވިއު ދެނީ: ކުރިއަށް ދާނީ މެޑިސިންގެ ރޮނގުން -- ފޮޓޯ: ނިޝާން އަލީ/ މިހާރު

އާއިޝަތު އަޒްމާ

ރަނގަޅު ތައުލީމެއް ހާސިލްކުރަން އާއިލާއާ އެކު ދ. ރިނބިދޫން މާލެއަށް ބަދަލުވިއިރު އަޒްމާ އަށް ވާނީ ހައެއްކަ އަހަރެވެ. ގްރޭޑް 1-7 އަށް ކަލާފާން ސްކޫލުގައި ކިޔެވި އެވެ. އޭރު ބޮޑަށް ސަމާލުކަން ދިނީ އެއް އަހަރުން އަނެއް އަހަރަށް ނަތީޖާ ރަނގަޅު ކުރުމަށެވެ. އިތުރު ހަރަކާތްތަކުގައި ބައިވެރިވިއަސް، އެއީ ކިޔަވަން އޮތް ހުރަހެއް ކަމަކަށް އަޒްމާ، 19، ނުދެކެ އެވެ.

އަމީނިއްޔާ ސްކޫލުން ސާނަވީ ތައުލީމު ނިންމުމަށް ފަހު ސީއެޗްއެސްއީ އަށް ވަނީ ބޮޑު ކާމިޔާބީއަކާ އެކު އެވެ. އެއީ އަށް މާއްދާއިން އޭ ހޯދައިގެން ރާއްޖޭގެ އެއްވަނަ މަގާމުން ޖާގަ ލިބުނު ދަރިވަރެއްގެ ގޮތުގަ އެވެ.

އަޒްމާ: ފަސް މާއްދާއިން އޭ ސްޓާ ލިބިދާނެ ކަމަށް އުއްމީދެއް ނުކުރޭ -- ފޮޓޯ: ނިޝާން އަލީ/ މިހާރު

އަޒްމާ: ފަސް މާއްދާއިން އޭ ސްޓާ ލިބިދާނެ ކަމަށް އުއްމީދެއް ނުކުރޭ -- ފޮޓޯ: ނިޝާން އަލީ/ މިހާރު

އަޒްމާ ބުނި ގޮތުގައި ސްކޫލުގައި ހަވާލުކުރާ މަސައްކަތެއް އެ ދޭ ދުވަހެއްގައި ނިންމުން ވަރަށް މުހިންމެވެ. އޭގެ ސަބަބުން ވަގުތު ސަލާމަތްކުރެވި ފިލާވަޅުތައް ދަސްކުރަން އެކަށީގެންވާ ވަގުތު ލިބޭނެ ކަމަށް އޭނާ ބުންޏެވެ.

"އެ ދުވަހަކު ކިިޔަވައިދޭ އެއްޗެއް ނުވަތަ މަސައްކަތެއް އެ ދުވަހު މި ކޮށްލަނީ. އޭރަށް ފިލާވަޅު ދަސްކުރަން އެކަށީގެންވާ ވަގުތު ލިބޭނެ. ގިނަ ފިލާވަޅުތަކެއް އެއް ފަހަރާ ދަސްކުރަންޏާ މާ ރަނގަޅަށް ދަސްނުކުރެވި ދާނީ،" އަންނަ އޮގަސްޓް މަހު ޑޮކްޓަރުކަން ކިޔަވަން މެލޭޝިޔާއަށް ދާން ތައްޔާރުވެގެން ހުރި އަޒްމާ ބުންޏެވެ.

"އެހެންވެ ރަނގަޅު ނަތީޖާއެއް ހޯދުމަށް ސަމާލުކަން ދޭން ޖެހޭ އެއް ކަންތައް އެއީ. އެ ދުވަހެއްގެ ފިލާވަޅު އެ ދުވަހެއްގައި ދަސްކުރުން."

އޭނާ ބުނީ އޭ ލެވެލްއަށް ކިޔެވީ ވަރަށް ސަމާލުކަން ދީގެން ކަމަށެވެ. އެހެންކަމުން ލިބުނު ކާމިޔާބީއާ މެދު ހުރީ ވަރަށް ބޮޑަށް ހިތްހަމަޖެހިފަ އެވެ.

އޭނާގެ ޝުކުރު އާއިލާ އާއި ގާތް ރައްޓެހިން އަދި ކިޔެވި ހުރިހާ ސްކޫލެއްގެ ޓީޗަރުންނަށެވެ.

"ވަރަށް ހިތްހަމަޖެހިއްޖެ 12 އަހަރު ކުރި މަސައްކަތުގެ ނަތީޖާ ލިބުމުން. އެއީ ވަރަށް ގިނަ ބައެއްގެ އެހީތެރިކަމާއި ބުރަ މަސައްކަތުގެ އަގު."

ފާތުން: ކުރީގެ ޕޭޕަރުތަކާއި އިންޓަނެޓުގެ އެހީތެރިކަން ވެސް ހޯދި.- ފޮޓޯ: ނިޝާން އަލީ/ މިހާރު

ފާތުން: ކުރީގެ ޕޭޕަރުތަކާއި އިންޓަނެޓުގެ އެހީތެރިކަން ވެސް ހޯދި.- ފޮޓޯ: ނިޝާން އަލީ/ މިހާރު

ފާތިމަތު ސައީދު

އޯލެވެލްއާ ހަމައަށް އޭނާ ކިޔެވީ އުފަން ރަށް، ސ. ފޭދޫ ސްކޫލްގަ އެވެ. ސީއެޗްއެސްއީއަށް ބަދަލުވީ އޭގެ ފަހުން، އޭ ލެވެލް އަށް ކިޔެވުމަށެވެ. އެކަމަކު ފާތުން، 20، އެންމެ ބޮޑު ސަމާލުކަން ދިނީ އެހެން ދަރިވަރުންނާ ވާދަކުރާކަށް ނޫނެވެ. އަމިއްލަ ނަތީޖާ ރަނގަޅުކުރާށެވެ.

މާލެއާ އެއް ފެންވަރުގެ ތައުލީމެއް ރަށްރަށުން ނުލިބޭކަމުގެ ޝަކުވާ ގިނަ ބަޔަކު ކުރެ އެވެ. ނަމަވެސް ފާތުން ގަބޫލުކުރާ ގޮތުގައި، ރަނގަޅު ނަތީޖާއަކީ ޓީޗަރުގެ އެހީއާ އެކު ދަރިވަރުން ކުރާ މަސައްކަތުން ހޯދޭ އެއްޗެކެވެ.

"ކުރާ މަސައްކަތަށް [ނަތީޖާ] ބިނާ ވެފައި އޮންނާނީ. ހުރިހާ ސްކޫލެއްގެ ދަރިވަރުންނަށް ވެސް އެއް ފޮތްތަކެއް، ޓީޗަރުންނާއި އެއް ވަސީލަތްތަކެއް މި ލިބެނީ،" އޯ ލެވެލްއިން އަށް މާއްދާއިން އޭ ހޯދި ދަރިވަރު ބުންޏެވެ.

"ބައެއް ފަހަރަށް ޓީޗަރު ކިޔަވައިދޭ އެއްޗެއް ރަނގަޅަށް ނޭނގުނީމަ ފޮތްތަކާއި އިންޓަނެޓުގެ އެހީ މި ހޯދަނީ. އޯ ލެވެލްގެ ކެމިސްޓްރީ ވެސް ދަސްކުރީ، ޔޫޓިއުބްގައި ހުންނަ އެޑިއުކޭޝަނަލް ވީޑިއޯތައް ބަލައިގެން. އެއީ އޭރު އިތުރު ގޮތެއް ނެތިގެން،" އޯ ލެވެލް އިމްތިހާނުން ވެސް އަށް މާއްދާއިން އޭ ހޯދައިގެން އެއް ވަނަ ހޯދި ފާތުން ބުންޏެވެ.

ފާތުން (ވ) އަދި އަޒްމާ: މި ދެ ދަރިވަރުން އަންނަނީ އެމްބީބީއެސް ކިޔެވުމަށް މެލޭޝިޔާއަށް ދިއުމަށް ތައްޔާރުވަމުން.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ފާތުން (ވ) އަދި އަޒްމާ: މި ދެ ދަރިވަރުން އަންނަނީ އެމްބީބީއެސް ކިޔެވުމަށް މެލޭޝިޔާއަށް ދިއުމަށް ތައްޔާރުވަމުން.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ރަށުގައި ކިޔެވިއިރު އިތުރު ހަރަކާތެއްގައ ބައިވެރިވެ އެކި ވަނަތައް ވެސް ހޯދި އެވެ. އެކަމަކު އޭ ލެވެލް އަށް މާލެ ބަދަލުވުމާ އެކު ހުރިހާ ވަގުތެއް ވެސް ހޭދަކުރީ ކިޔެވުމަށެވެ.

"އެއް ވަނަ އަށް ޓާގެޓްކޮށްގެން މަސައްކަތް ކުރީ. އެކަމަކު އުއްމީދެއް ނުކުރަން ފަސް މާއްދާއިން އޭ ސްޓާ ލިބޭނެ ކަމަކަށް،" ފާތުން ބުންޏެވެ.

"މި ކަމުގައި އެހީތެރިވެދިން އެންމެންނަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން. ހާއްސަކޮށް އާއިލާއަށާއި ޓީޗަރުން އަދި ރައްޓެހިންނަށް."

މަލްސާ "މިހާރު" އަށް އިންޓަވިއު ދެނީ: އޭނާ ކުރިއަށް ދާން ބޭނުންވަނީ އިކޮނޮމިކްސްގެ ދާއިރާއިން.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

މަލްސާ "މިހާރު" އަށް އިންޓަވިއު ދެނީ: އޭނާ ކުރިއަށް ދާން ބޭނުންވަނީ އިކޮނޮމިކްސްގެ ދާއިރާއިން.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

މަރިޔަމް މަލްސާ

ޖަމާލުއްދީނާއި އަމީނިއްޔާ ސްކޫލުގައި ކިޔެވިއިރު ވެސް މަލްސާ، 19، އައީ ރަން ވަނަތަކެއް ހޯދަމުންނެވެ. އިތުރު ހަރަކާތްތަކުގައި މާ ހަރަކާތްތެރިކޮށް ނޫޅެ، ހުރިހާ ވަގުތެއްހެން ކިޔަވަން ހުސްކުރީ ވެސް، ރަައީސުލްޖުމްހޫރިއްޔާގެ ސްކޮލަޝިޕަށް އަމާޒުކޮށް މަސައްކަތް ކުރުމަށް ކަމަށް މަލްސާ ބުންޏެވެ. ނަމަވެސް އޭނާގެ މަސައްކަތްތަކާ އެއްވަރަށް ދީނީ ކަންތައްތަކަށް ވެސް ސަމާލުކަން ދިނެވެ. އޭގެ ސަބަބުން އިތުރު ހިތްވަރެއް ލިބުނެވެ.

"ކޮންމެ ކަމެއް ކުރާއިރު ވެސް ފެއިތުއަކީ އެންމެ މުހިއްމު އެއް ކަންތައް. ދިރިއުޅުމުގައި ދިމާވާ ބުރަތަކަށް ހައްލެއް ލިބިގެންދޭ،" އިކޮނޮމިކްސްގެ ދާއިރާއިން ކުރިއަށް ދާން ތައްޔާރުވަމުން އަންނަ މަލްސާ ބުންޏެވެ.

އޭ ލެވެލްގެ އެންމެ މޮޅު ތިން ދަރިވަރުން "މިހާރު"ގައި

އޭ ލެވެލްގެ އެންމެ މޮޅު ތިން ދަރިވަރުން "މިހާރު"ގައި

ތައުލީމީ ހަޔާތުގެ 12 އަހަރުގެ ތެރޭގައި ދަސްވި އެންމެ މުހިއްމު ކަމަކީ، މަލްސާ ފާހަގަކުރި ގޮތުގައި، ކިތައްމެ ގިނަ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހުނު ކަމަށް ވިއަސް، ބުރަކޮށް މަސައްކަތް ކޮށްފި ނަމަ ރަނގަޅު ނަތީޖާއެއް ލިބޭނެކަމެވެ. އެކަން އޭނާގެ ނަތީޖާއިން ރަނގަޅަށް ދައްކައިދީފި އެވެ.

"އޯ ލެވެލްގައި ރާއްޖެެއިން ދެ ވަނަ ލިބުނީ. އެހެންވެ ސްކޮލަޝިޕަށް އަމާޒުކޮށް ވަރަށް ބުރަ މަސައްކަތުން ރައީސްގެ ސްކޮލަޝިޕް ލިބުނީ،" އޭނާ ބުންޏެވެ.

"އެކަމުގައި ބެެލެނިވެރިންނާއި ކިޔެވި ސްކޫލުތަކުގެ ޓީޗަރުންނާއި ރައްޓެހިންގެ ފަރާތުން އެހީތެރިކަމެއް ލިބުނު. އަދި ހާއްސަކޮށް ދައްތަގެ ނަން ފާހަގަކޮށް."