Roadha Mihaaru
ރަނިންމޭޓަކަށް ޝަހީމް ގެނައީ ދީނަށް ކުރާ ގަދަރަކުން

ރަނިން މޭޓަކަށް ޝަހީމް ހަމަޖެއްސީ އިސްލާމް ދީނަށް ކުރާ ގަދަރަކުން: ރައީސް ޔާމީން

10 ޖުލައި 2018

މި އަހަރުގެ ރިޔާސީ އިންތިޚާބުގައި އެމަނިކުފާނުގެ ރަނިން މޭޓަކަށް، އިސްލާމިކް ޔުނިވަސިޓީގެ ޗާންސެލަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ހަމަޖެއްސެވީ، އިސްލާމް ދީނަށް ކުރާ އިހުތިރާމާއި ގަދަރެއްގެ ބޮޑުކަމުން ކަމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

މި އަހަރުގެ ރިޔާސީ އިންތިޚާބުގައި އެމަނިކުފާނުގެ ރަނިން މޭޓަކަށް، އިސްލާމިކް ޔުނިވަސިޓީގެ ޗާންސެލަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ހަމަޖެއްސެވީ، އިސްލާމް ދީނަށް ކުރާ އިހުތިރާމާއި ގަދަރެއްގެ ބޮޑުކަމުން ކަމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.

މ. އަތޮޅަށް މިއަދު ފެއްޓެވި ދަތުރުފުޅުގައި، މުލަކުގައި ވާހަކަފުޅު ދައްކަވަމުން، ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީން ވަނީ އެ މަނިކުފާނުގެ ރަނިން މޭޓް ޝަހީމާ ގުޅޭގޮތުން ފުރަތަމަ ފަހަރަށް ވާހަކަފުޅު ދައްކަވައިފަ އެވެ.

ރައީސް ޔާމީން ވިދާޅުވީ ރަނިން މޭޓަކަށް ޝަހީމް ހަމަޖެއްސެވީ، ނައިބު ރައީސެއްގެ ގޮތުގައި ހުންނަވައިގެން އިސްލާމް ދީނުގެ އިހުތިރާމާއި ގަދަރު ބޮޑު ކުރެއްވޭނީ އޭނާ އަށް ކަމަށް ގަބޫލުފުޅު ކުރެއްވޭތީ ކަމަށެވެ. އެކަމަކު، އިދިކޮޅު ފަރާތްތަކުން، ޝަހީމުގެ އަބުރު ކަތިލުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ރައީސް ޔާމީން ތުހުމަތު ކުރެއްވި އެވެ.

ރައީސް ޔާމީން މިއަދު މުލަކަށް ވަޑައިގަތުމުން އެރަށު ރައްޔިތުން އެމަނިކުފާނަށް މަރުހަބާ ކިޔަނީ. - ފޮޓޯ: ރައީސް

ރައީސް ޔާމީން މިއަދު މުލަކަށް ވަޑައިގަތުމުން އެރަށު ރައްޔިތުން އެމަނިކުފާނަށް މަރުހަބާ ކިޔަނީ. - ފޮޓޯ: ރައީސް

ރައީސް ޔާމީންގެ ރަނިން މޭޓަކަށް ޝަހީމް ހަމަޖެއްސުމާ ގުޅިގެން އިދިކޮޅު ފަރާތްތަކުން ދޭ ބަހުގެ ހަމަލަތަކަށް ރައްދު ދެއްވަމުން ރައީސް ވިދާޅުވި ގޮތުގައި، ޝަހީމަކީ މިހާތަނަށް އިލްމުވެރިންގެ މެދުގައި ފުންނާބު އުސް އަދި ރައްޔިތުން ބަލައިގަންނަ ބޭފުޅެކެވެ. އަދި އެންމެން ވެސް ޝަހީމަށް ކަމޭހިތައި، އިހުތިރާމްކުރާ ކަމަށް ވިދާޅުވި އެވެ. އެކަމަކު، އެމަނިކުފާނުގެ ރަނިން މޭޓަކަށް ޝަހީމް ހަމަޖެއްސެވުމާ އެކު، އޭނާއާ އެކު ތިއްބެވި އެހެން އިލްމުވެރިންގެ ވެސް އަބުރު ކަތިލުމަށް ގިނަ ވާހަކަތަކެއް ފަތުރަމުންދާ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

"ސިޔާސީ ބޭނުމަށްޓަކައި އެކަނި އެ ބޭފުޅާގެ [ޝަހީމް] ޝަހުސު ކަތިލުމުގެ ކޮން ހައްގެއްތޯ އޮތީ؟ މިއީ ޑިމޮކްރަސީއެއް ނޫން. މިއީ އެންމެ ވިޔާނުދާކޮށް ކަންކަން ކުރާ ގޮތް." ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ދީނީ އިލްމުވެރިއަކު ވެސް، އިދިކޮޅު އެމްޑީޕީގެ ނައިބު ރައީސަކަށް ހަމަޖައްސައިފި ނަމަ، ޝަހީމްގެ އަބުރު ކަތިލި މީހުން އޭގެ އިދިކޮޅަށް ލަވަ ކިޔާނެ ކަމަށެވެ.

ކުރިން ރައްޔިތުންގެ މަޖިލީހުގެ މުލަކު ދާއިރާގެ މެމްބަރުކަން ވެސް ކުރެއްވި ރައީސް ޔާމީން ވަނީ އިދިކޮޅު ސިޔާސީ ފަރާތްތަކަށް ވަރަށް ބޮޑަށް މިއަދު ފާޑުވިދާޅުވެފަ އެވެ. އެގޮތުން، އިދިކޮޅު ކޯލިޝަން އެ މަނިކުފާނު ސިފަ ކުރެއްވީ އެއްވެސް މިސްރާބެއް ނެތި، ވައިޖެހޭ ކޮޅަކަށް އޮޔާދާ ބޮނބިގަނޑެއް ފަދައިންނެވެ.

ރައީސް ވިދާޅުވި ގޮތުގައި، ސިޔާސީ ވިސްނުމުގައި އެކި ކުލަ އާއި ވިސްނުން އެމަނިކުފާނު ވަނީ ދެކެވަޑައިގެންފަ އެވެ. އެކަމަކު، މިހާތަނަށް އައި އިރު، ރާއްޖޭގައި ތަޣައްޔަރު ނުވެ އޮތީ ހަމައެކަނި ޕީޕީއެމްގެ ފިކުރު ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. އަދި ޕީޕީއެމް މިހާތަނަށް ވެސް އޮތީ "ފެށި އުސޫލުން، ފެށި އަސްލުތަކަށް" އިހްތިރާމް ކުރާ ޕާޓީގެ ގޮތުގައި ކަމަށް ވިދާޅުވި އެވެ.

"އެކަމަކު އެހެން ޕާޓީތަކުގެ ލީޑަރުން ދެކެވަޑައިގަންނަވާ. އެ ބޭފުޅުން އެ ދަތުރު ކުރައްވަނީ އަޅުގަނޑު ކުރިން ދެންނެވި ގޮތަށް، އެ ފަހަރަކު ޖެހުނު ގޮތަކަށް. ހޭރިޔާ ކުރަން ޖެހިއްޖިއްޔާ އެގޮތަށް. ރިޔާ ފައްސިޔަ ކުރަން ޖެހިއްޖިއްޔާ އެކަން ވެސް ކޮށްގެން. އެހެންވެ، އެ ބޭފުޅުންގެ ސިޔާސީ ފިކުރަަކީ ކޮބައިތޯ؟،" ރައީސް ޔާމީން ސުވާލު ކުރެއްވި އެވެ.

"ކުރީގައި އެއް ޕާޓީއަކުން ފެނުނު މީހަކު، އިދިކޮޅަށް މަސައްކަތް ކުރި ޕާޓީއެއްގެ ނައިބު ރައީސެއްގެ ގޮތުގައި ވެސް ފެނިދާނެ."

މުލަކުގެ ރައްޔިތުންނާ ބައްދަލުކުރައްވައި، ރައީސް ޔާމީން މިއަދު ވާހަކަފުޅު ދައްކަވަނީ. - ފޮޓޯ: ރައީސް އޮފީސް

މުލަކުގެ ރައްޔިތުންނާ ބައްދަލުކުރައްވައި، ރައީސް ޔާމީން މިއަދު ވާހަކަފުޅު ދައްކަވަނީ. - ފޮޓޯ: ރައީސް އޮފީސް

ރައީސް ޔާމީން ވިދާޅުވީ، ރާއްޖޭގައި އުފެދިގެން އައީ ސިޔާސީ ގޮތުން ދެ ފިކުރު ކަމަށެވެ. އޭގެ ތެރެއިން އެއް ފިކުރަކީ "ފަނާކުރަނިވި ފިކުރު" ކަމަށާއި އެ ފިކުރު އެމްޑީޕީން ވަރަށް ރަނގަޅަށް ދައްކައި ދީފައިވާ ކަމަށް ވިދާޅުވި އެވެ. އަދި އެ ފިކުރަށް މަނައެއްގެ ގޮތުގައި ގޮން ޖަހަން އުފެއްދީ ޕީޕީއެމް ކަމަށް ރައީސް ވިދާޅުވި އެވެ.

"އެންމެ ފުރަތަމަ އުފެއްދީ ޑީއާރުޕީ. ދެން ޕީއޭ. ދެން ޕީޕީއެމް. މި ހުރިހާ ޕާޓީއެއް ވެސް އުފެދިގެން އައީ، އެމްޑީޕީގެ ފިކުރަށް ގޮންޖަހަން ވެގެން މަޖުބޫރު ވެގެން. އެހެންވެ، އަޅުގަނޑުމެންގެ މަސައްކަތުގައި އެހާ ބާރަށް ކުރިއަށް މި ދަނީ،" ރައީސް ޔާމީން ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވި ގޮތުގައި، ޑިމޮކްރަސީގެ އުސޫލުން، ގިނަ ބައެއްގެ މަޝްވަރާގެ މަތިން ކަންކަން ކުރި ނަމަވެސް، އެކަމުގައި ހުދޫދުން ބޭރުވެ ވަޑައިނުގަންނަވާނެ އެވެ. އަދި ހުދޫދުންގެ ބޭރުގައި އޮންނަ ކަމެއްގައި ރައްޔިތުންގެ ރައުޔު ނުބަލާނެ ކަމަށާއި އެ ކަންކަން އޮންނާނީ، ބަދަލު ނުކުރެވޭ އެއްޗެއްގެ ގޮތުގައި، ގާނޫނުއަސާސީ އަށް ވިރުވައި އަޅާފައި ކަމަށް ރައީސް ވިދާޅުވި އެވެ.

ނަމަވެސް އިދިކޮޅު ޕާޓީތަކަކީ ހުދޫދުން ބޭރުވެފައިވާ އަދި ގާނޫނުއަސާސީއާ ހިލާފަށް ގިނަ ކަންކަން ކުރަމުން ދާ ބައެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.