Roadha Mihaaru
އަޅުގަނޑާ ދޭތެރޭ ފިޔަވަޅު އަޅާފާނެ: ރައީސް ޔާމީން

އަޅުގަނޑާ ދޭތެރޭ އީޔޫ އިން ފިޔަވަޅު އަޅައިފާނެ، ރައްޔިތުންނަށް ދަތިވެދާނެ: ރައީސް ޔާމީން

10 ޖުލައި 2018

ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން މި މަހުގެ މެދު ތެރޭގައި ފިޔަވަޅު އަޅާނެ ކަމަށް ބެލެވެނީ އެމަނިކުފާނާއި ސަރުކާރުގެ އިސް ބޭފުޅުންނާ ދޭތެރޭގައި ކަމަށާއި، ރައްޔިތުންނަށް ދަތިވެދާނެ ފިޔަވަޅެއް ވެސް އަޅައިފާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން މިއަދު މ. މުލީގައި ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން މި މަހުގެ މެދު ތެރޭގައި ފިޔަވަޅު އަޅާނެ ކަމަށް ބެލެވެނީ އެމަނިކުފާނާއި ސަރުކާރުގެ އިސް ބޭފުޅުންނާ ދޭތެރޭގައި ކަމަށާއި، ރައްޔިތުންނަށް ދަތިވެދާނެ ފިޔަވަޅެއް ވެސް އަޅައިފާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން މިއަދު މ. މުލީގައި ވިދާޅުވެއްޖެ އެވެ.

މ. އަތޮޅުގެ ތިން ރަށަކަށް ކުރައްވާ ދަތުރުފުޅުގައި، މުއްޔަށް ވަޑައިގެން ރައީސް ވިދާޅުވީ އީޔޫ އިން ފިޔަވަޅު އަޅާނީ ސިޔާސީ މީހުންނާ ދޭތެރޭގައި ކަމަށް ބެލެވޭ ކަމަށެވެ. އެކަމަކު، ރައްޔިތުންނަށް "އެވަރުގެ ދައްޗެއް ވެދާނެ ކަމަކަށް" އުންމީދު ނުކުރައްވާ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީން މިއަދު މުއްޔަށް ވަޑައިގެން އެރަށު ރައްޔިތުންނާ ސަލާމް ކުރައްވަނީ. - ފޮޓޯ: ރައީސް އޮފީސް

ރައީސް ޔާމީން މިއަދު މުއްޔަށް ވަޑައިގެން އެރަށު ރައްޔިތުންނާ ސަލާމް ކުރައްވަނީ. - ފޮޓޯ: ރައީސް އޮފީސް

"ރާއްޖޭގެ ސިޔާސީ އިސް މީހުންނާ ދޭތެރޭގައި، ހާއްސަކޮށް އަޅުގަނޑާ ދޭތެރޭގައި ނުވަތަ އަޅުގަނޑާ އެކީގައި މަސައްކަތް ކުރާ ކެބިނެޓް ޓީމާ ދޭތެރޭގައި ކޮންމެވެސް ފިޔަވަޅެއް އަޅައިފާނެ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި ހުރިހާ "ބޮޑެތި މީހުން ޖަލަށްލައިގެން" ބާއްވާ އިންތިހާބަކީ ގަބޫލުކުރަން ދަތި ކަމެއް ކަމަށް އީޔޫ އަށް ގަބޫލު ކުރެވިފައިވާ ކަމަށެވެ. އެކަމަކު، ބޮޑެތި މީހުން ޖަލަށް ވަންނަން، "ދޮރާށި" ހުޅުވީ އެމަނިކުފާނު ނޫން ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ.

އީޔޫއަށް ތަބާ ނުވެއްޖެ ނަމަ ރާއްޖެ ބަނގުރޫޓުވެދާނެ ކަމަށް ވިދާޅުވެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ކުރެއްވި ޓްވީޓަށް ރައްދު ދެއްވައި ރައީސް ވިދާޅުވީ ހުދުމުހުތާރު ސިފައަކީ ގާނޫނާއި ގަވައިދުތައް އެއްފަރާތަށް ޖައްސާފައި ކަންކަން ކުރުން ކަމަށެވެ. އެކަމަކު، "ޗާޓުން ބޭރުން" ކަންކަން ކުރެއްވީ ނަޝީދު ކަމަށް ވިދާޅުވެ، ރައީސް ޔާމީން ވަނީ ނަޝީދަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.

ރައީސް ވިދާޅުވި ގޮތުގައި ނަޝީދުގެ ޓްވީޓް ވިދާޅުވުމާއެކު، ހީވީ "އީދު ހަދިޔާއެއް" ލިބިގެން އުޅޭހެންނެވެ. ނަޝީދު ހުންނެވީ "އުފަލުން ފޮޅިފައި" ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އެކަމަކު، އީޔޫ އިން އަޅަން އުޅޭ ފިޔަވަޅަކީ ރައްޔިތުންނަށް ދަތިވާނެ ފިޔަވަޅަކަށް ވެދާނެ ކަމަށް ތަކުރާރުކޮށް ރައީސް ވިދާޅުވި އެވެ.

ބަޔަކު ރާއްޖެއާ މެދު އަޅާ ފިޔަވަޅު އަޅާތީ އެކަން ހުއްޓުވޭނެ ގޮތެއް ނޯންނާނެ ކަމަށާއި އެކަން ނުވޭތޯ ސަރުކާރުން މަސައްކަތް ކުރާނެ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ. އެކަމަކު، ނަޝީދު މިކަމާ މެދު އުފާ ފާޅުކުރައްވަންވީ ކީއްވެތޯ އެމަނިކުފާނު ސުވާލު އުފެއްދެވި އެވެ.

ރައީސް ޔާމީން އަދި ބައެއް ވަޒީރުން މިއަދު މ. މުލީގައި. - ފޮޓޯ: ރައީސް އޮފީސް

ރައީސް ޔާމީން އަދި ބައެއް ވަޒީރުން މިއަދު މ. މުލީގައި. - ފޮޓޯ: ރައީސް އޮފީސް

ސިޔާސީ ލީޑަރުންތަކެއް ބަންދުގައި ތިބުމާއި ވަކިވަކި ކަންތައްތަކެއް ނުކޮށްގެން ކަމަށް ބުނެ އީޔޫ އިން މި މަހުގެ މެދު ތެރޭގައި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު މިދިޔަ ހަފްތާގައި ދީފައިވާ ކަމަށް ރައީސް ޔާމީން މިއަދު ވަނީ މ. ދިއްގަރުގައި ވިދާޅުވެފަ އެވެ. މިއީ ރާއްޖެއާ ދެކޮޅަށް އީޔޫ އިން ފިޔަވަޅު އަޅާނެ ކަން މިހާ ތަފްސީލްކޮށް ރައީސް ހާމަކުރެއްވި ފުރަތަމަ ފަހަރެވެ.

ރައީސް ޔާމީން ވިދާޅުވީ ރައްޔިތުން އަންގައިފި ނަމަ އީޔޫއަށް ތަބާވާނެ ކަމަށާއި ނަމަވެސް އީޔޫއަށް ތަބާވާން ރައްޔިތުން އަންގާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. ރައީސް ވިދާޅުވީ ދަތި ކުރުމުގެ ފިޔަވަޅު އަޅައިފިނަމަ، އެކަމުން ދުރަށް ދެވޭނެ ގޮތްތައް ވެސް ހުންނާނެ ކަމަށެވެ.

"އަޅުގަނޑުމެންނާ ދޭތެރޭގައި ފިޔަވަޅު އެޅީމަ ދިވެއްސަކު ކޮށްގެން ނުވާނެ ކަމަކީ އުފާ ފާޅުކުރުން. އެއީ ކުރެވިގެން ވާނެ ކަމެއް ނޫން،" ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އީޔޫ އިން ރާއްޖެއާ ދޭތެރޭގައި ފިޔަވަޅު އަޅަން އުޅެނީ އިދިކޮޅު ފަރާތްތަކުން ދެއްކި ދޮގު ވާހަކަތަކެއްގެ މައްޗަށް ބިނާކޮށްގެން ކަމަށެވެ. އެކަމަކު، އެމަނިކުފާނަކީ ރައްޔިތުންނަށް އިތުރުފުޅު ހައްދަވައި، އޮޅުވާލައްވާނެ ބޭފުޅެއް ނޫން ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި ރައްޔިތުން ބޭނުންވަނީ މަސްލަހަތާ އެކީގައި އެންމެންގެ މައްޗަށް އިންސާފާއި ހަމަހަމަކަން ގާއިމު ކުރުމަށެވެ. ސިޔާސީ ބޭފުޅުންނާ ދެކޮޅަށް ދިން އަދަބުތަކާ ގުޅިގެން އެއީ އިންސާފުން އެއްކިބާވެގެން ދިން އަދަބުތަކެއް ކަމަށް ބުނެ ރައްޔިތުންގެ ބަޔަކު ނުނިކުންނަ ކަމަށް ރައީސް ވިދާޅުވި އެވެ.

"އެކަން ކުރަން ނިކުތީ 2015 ގެ މޭޑޭ މުޒާހަރާގެ ގޮތުގައި. އެއީކީ އިންސާފު ނުލިބިގެން ކުރި މުޒާހަރާއެއް ނޫން. އެއީ ސިޔާސީ މުޒާހަރާއެއް. އެ މުޒާހަރާ ރޭވި އިސް މީހުން ބޭނުންވީ ސަރުކާރު ވައްޓާލަން. ވާހަކައެއް ދައްކައިގެން މީހުން ސިކުނޑިތަކާ ކުޅެލައިގެން، ޝައުގުވެރިކަން އުފައްދައިގެން ގިނަ ބަޔަކު މަގުމައްޗަށް ނެރުނީ. އެކަމަކު މޭސްތިރިންގެ ހިތުގައި އޮތީ އެކަމެއް ނޫން. މޭސްތިރިންނަށް އެނގޭނެ ޝަރީއަތާއި ގާނޫނުގެ ތެރެއިން ކަން ލިބިފައި ހުރި އަދަބެއް ލިބިފައި ހުރީ،" ރައީސް ވިދާޅުވި އެވެ.