Roadha Mihaaru
ނުކުޅެދޭ ކުދިންގެ އިނާޔަތް ބޮޑުކޮށްދޭން ވައުދުވެއްޖެ

ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް 5000ރ. ދޭން ރައީސް ވައުދުވެވަޑައިގެންފި

10 ޖުލައި 2018

އިތުރު ދައުރަކަށް އިންތިހާބުވެއްޖެ ނަމަ، ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ސަރުކާރުން ދެމުން އަންނަ އިނާޔަތް 5000ރ. އަށް ބޮޑު ކުރުމަށް ރައީސް އަބްދުﷲ ޔާމީން ވައުދުވެވަޑައިގެންފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

އިތުރު ދައުރަކަށް އިންތިހާބުވެއްޖެ ނަމަ، ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ސަރުކާރުން ދެމުން އަންނަ އިނާޔަތް 5000ރ. އަށް ބޮޑު ކުރުމަށް ރައީސް އަބްދުﷲ ޔާމީން ވައުދުވެވަޑައިގެންފި އެވެ.

މ. އަތޮޅަށް މިއަދު ފެއްޓެވި ދަތުރުފުޅުގައި، މުލީ ރައްޔިތުންނާ ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އިތުރު ދައުރަކަށް އިންތިހާބުވެއްޖެ ނަމަ، ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް އިތުރު ފުރުސަތުތަކެއް ހޯއްދަވައިދެއްވާނެ ކަމަށެވެ.

ރައީސް ވިދާޅުވި ގޮތުގައި ރާއްޖޭގެ އާބާދީއަށް ބަލާނަމަ ކޮންމެ ރަށެއްގައި ޚާއްސަ އެހީއަށް ބޭނުންވާ ކުދިން މަދުން ނަމަވެސް އެބަތިއްބެވެ. އެކި ކަންކަމުންނާއި އެކި ހިއްސުތަކުން މަހްރޫމްވެފައި ތިބި މީހުން ތިބިއިރު، އެ ކުދިންނަށް އިތުރު ކަންތައްތަކެއް ކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

އެގޮތުން "ގާބިލް" ނަމުގައި ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ހިންގާ މަޝްރޫއުގެ އަމާޒަކަށް ވާނީ އެފަދަ ކުދިންގެ ތެރެއިން ވަޒީފާ ނުލިބޭ ކުދިންނަށް ވަޒީފާ ހޯދައިދިނުން ކަމަށް ރައީސް ވިދާޅުވި އެވެ. އަދި އެފަދަ ކުދިންގެ ބޭނުންތައް ފުއްދުމަށް ލޯނު ނެގޭނެ އިންތިޒާމު ހަމަޖައްސަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"އޭގެ ބޭނުމަކަށް ވަނީ އެ ކުދިންނަކީ އަމިއްލައަށް މަސައްކަތްކޮށް އަމިއްލައަށް އާމްދަނީ ހޯދޭ ކުދިންތަކަކަށް ހެދުން. އަދި އެކަން ކުރެވެންދެން މިހާރު މި ހިނގާ ސަރުކާރު ކުންފުނިތަކުން ވަޒީފާ ލިބުމުގެ އިތުރުން އެކަން ވެސް ވާނެ. އެކަން ނުލިބޭ ކުދިންނަށް އަޅުގަނޑުގެ ސަރުކާރެއްގައި ހަމަ އެންމެ ފުރަތަމަ ދުވަހުން ފެށިގެން މިއިން ކޮންމެ ކުއްޖަކަށް 5000ރ. ކަށަވަރު ކޮށްދޭނަން،" ރައީސް ވިދާޅުވި އެވެ.

ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ސަރުކާރުން މިހާރު ދެނީ 2000ރ. ގެ އެލަވަންސެކެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ސަރުކާރުން ފޯރުކޮށްދޭ މާލީ އިނާޔަތް ބޮޑުކޮށްދިނުމުގެ އިސްލާހެއް ރައްޔިތުންގެ މަޖިލީހަށް މީގެކުރިން ހުށަހެޅި އެވެ. މަކުނުދޫ ދާއިރާގެ އަދާލަތު ޕާޓީގެ މެމްބަރު އަނާރާ ނައީމް ހުށަހެޅުއްވި އިސްލާހު މަޖިލިހުގެ ތަޅުމުން ބޭރުކޮށްލީ، އެ އިސްލާހާ ގުޅޭ ގޮތުން ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކާ މަޝްވަރާކޮށް ނިމި، ފާސްކުރާ ހިސާބަށް ގޮސްފައި ވަނިކޮށެވެ.

ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުން ބޭނުންވަނީ ރައްޔިތުންނަށް އޯގާތެރި ސަރުކާރަކަށް ވާން ކަމަށެވެ. ރާއްޖޭގެ ތާރީހުގައި ހާއްސަ އުސޫލެއްގެ ދަށުން ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ވަޒީފާގެ ފުރުސަތުގެ ތަނަވަސްކޮށްދިނީ ހަމައެކަނި މި ސަރުކާރުން ކަމަށް ރައީސް ވިދާޅުވި އެވެ.