Roadha Mihaaru
"ޚިދުމަތް ކުރަން ފާތުން އަށް މަގާމެއް ބޭނުން ނުވާނެ"

ފާތުން އަށް ސަރުކާރާއި ޕީޕީއެމްގެ މަގާމެއް ބޭނުމެއް ނުވާނެ: ރައީސް ޔާމީން

11 ޖުލައި 2018

ފަސްޓް ލޭޑީ އަދި އަނބިކަނބަލުން ފާތުމަތު އިބްރާހީމް (ފާތުން) ސަރުކާރާއި ޕީޕީއެމްގެ މަގާމެއް ބޭނުމެއް ނުވާނެ ކަމަށާއި ހައިސިއްޔަތެއް ނެތި ވެސް ގައުމަށް ޚިދުމަތް ކުރެއްވުމުގައި އެކަމަނާ ދެމިހުންނަވާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން އިއްޔެ ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ފަސްޓް ލޭޑީ އަދި އަނބިކަނބަލުން ފާތުމަތު އިބްރާހީމް (ފާތުން) ސަރުކާރާއި ޕީޕީއެމްގެ މަގާމެއް ބޭނުމެއް ނުވާނެ ކަމަށާއި ހައިސިއްޔަތެއް ނެތި ވެސް ގައުމަށް ޚިދުމަތް ކުރެއްވުމުގައި އެކަމަނާ ދެމިހުންނަވާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން އިއްޔެ ވިދާޅުވެއްޖެ އެވެ.

މ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި މުލަކަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި، އަންހެނުން ބާރުވެރިކުރުވައި ހަމަހަމަ ފުރުސަތު ހޯދައިދޭން ސަރުކާރުން މަސައްކަތްތަކެއް ކުރައްވަމުން އަންނަ ކަން ފާހަގަކުރައްވައި ވިދާޅުވީ އެމަނިކުފާނުގެ ރަނިން މޭޓަކަށް އެ ރަށުން ވެސް ބޭނުން ވާނީ، އަނބިކަނބަލުން ފާތުން ކަމަށް ވެދާނެ ކަމަށެވެ. އެކަމަކު، ރަނިން މޭޓަކަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް ހަމަޖެއްސީ، އެ މަގާމަށް އެންމެ ގާބިލް ބޭފުޅަކީ އެއީ ކަަމަށް ގަބޫލުކުރައްވާތީ ކަމަށެވެ.

ރައީސް ވިދާޅުވި ގޮތުގައި އަންހެނުންގެ ވޯޓަކުން އިންތިޚާބު ކާމިޔާބު ކުރާނަމަ، މުލަކުގެ ރައްޔިތުން ވެސް ބޭނުންވާނީ ފާތުން ހޮވަން ކަމަށް ވެދާނެ އެވެ. ރަނިން މޭޓަކަށް ނުވި ނަމަވެސް ރައްޔިތުންގެ ޚިދުމަތުގައި ފާތުން ދެމިހުންނަވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑުގެ އަންހެނުން ރަސްމީ މަގާމެއް ބޭނުމެއް ނުވާނެ. ޕީޕީއެމްގެ ހައިސިއްޔަތެއް ވެސް ބޭނުމެއް ނުވާނެ. ދިވެހި ރައްޔިތުންގެ ޚިދުމަތުގައި، ޚާއްސަކޮށް އަންހެނުންގެ ޚިދުމަތުގައި މަގާމެއް، ހައިސިއްޔަތެއް ނެތި ދެމިހުންނަވާނެ،" ރައީސް ޔާމީން ވިދާޅުވި އެވެ.

""އަޅުގަނޑުގެ އަންހެނުންގެ މަގާމް އޭނަ އަށް ލިބުނީމަ އޭނަ އަށް ފުދޭ."

ސަރުކާރުގެ އެކި މިނިސްޓްރީތަކުން ކުރަން ޖެހޭ މަސައްކަތްތަކާއި ވެރިކަން ކުރާ ޕާޓީ، ޕީޕީއެމްގެ ކަންކަން ފަސްޓް ލޭޑީ ފާތުން އަމިއްލަފުޅަށް ކުރައްވަމުން އަންނަ ކަމަށް ބުނެ އެކަމަނާ އަށް ފާޑުކިއުން އަމާޒުކުރެ އެވެ. މި ސަރުކާރުގެ އިޖުތިމާއީ ރައްކާތެރިކަމުގެ ތެރޭގައި ހިމެނޭ ގިނަ ޚިދުމަތްތަކެއްގައި ފާތުންގެ ބައިވެރިވުން ބޮޑެވެ.

ރައީސް ޔާމީން ވިދާޅުވީ ރައްޔިތުންނަށް ބޭނުންވާ އެކި ކަންކަން ފަސްޓް ލޭޑީ ކޮށްދެއްވަމުން ގެންދަވަނީ، އެމަނިކުފާނު ވިދާޅުވެގެން ނޫން ކަމަށެވެ.

"އަޅުގަނޑު އަންހެނުން ކައިރީގައި އަޅުގަނޑު ބުނެގެންނެއް ނޫން ޚިދުމަތަށް ނުކުމެ އުޅެނީ އެކަހަލަ އިޖުތިމާއީ އެތައް ބައިވަރު މަސައްކަތްތަކެއް ކުރާކަށް. އޭނާ އަށް އަމިއްލަ އަށް ފެނިގެން. އެކަމަކު އަޅުގަނޑު އެބަ ހިތްވަރު ދެން،" ރައީސް ޔާމީން ވިދާޅުވި އެވެ.

އެ އުސޫލުން އަންހެނުންނަށް ހިތްވަރުދީ، ކުރިއެރުމަށް ކޮންމެ ފިރިއަކު ވެސް މަސައްކަތްކޮށްދޭން ރައީސް އެދިވަޑައިގަތެވެ.