Roadha Mihaaru
ކުރިން ކެމްޕޭން ކުރިޔަސް މިހުރީ ގާނޫނީ އިމުގައި:ޝަރީފް

ކުރިން ކެމްޕޭން ކުރިޔަސް އަޅުގަނޑު މިހުރީ ގާނޫނީ އިމުގެ ތެރޭގައި: ޝަރީފް

12 ޖުލައި 2018

މި އަހަރުގެ ރިޔާސީ އިންތިޚާބު، ރައީސް އަބްދުﷲ ޔާމީނަށް ކާމިޔާބު ކޮށްދިނުމަށް ކުރިން ކެމްޕޭން ކުރެއްވިޔަސް އިލެކްޝަންސް ކޮމިޝަނަށް އައްޔަން ކުރެއްވުމާ އެކު، އަމަލު ކުރައްވަނީ ގާނޫނުގައި އެ މަގާމަށް ކަނޑައަޅާފައިވާ އިންތަކުގެ ތެރޭގައި ކަމަށް އެ ކޮމިޝަނުގެ ރައީސް އަހްމަދު ޝަރީފް މިއަދު ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

މި އަހަރުގެ ރިޔާސީ އިންތިޚާބު، ރައީސް އަބްދުﷲ ޔާމީނަށް ކާމިޔާބު ކޮށްދިނުމަށް ކުރިން ކެމްޕޭން ކުރެއްވިޔަސް އިލެކްޝަންސް ކޮމިޝަނަށް އައްޔަން ކުރެއްވުމާ އެކު، އަމަލު ކުރައްވަނީ ގާނޫނުގައި އެ މަގާމަށް ކަނޑައަޅާފައިވާ އިންތަކުގެ ތެރޭގައި ކަމަށް އެ ކޮމިޝަނުގެ ރައީސް އަހްމަދު ޝަރީފް މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް ޔާމީން ރިޔާސީ ދެ ވަނަ ދައުރަކަށް ހޮވަން ކުރިން ކެމްޕޭން ކުރައްވައި އެމަނިކުފާނަށް ތާއީދު ކުރައްވައި ސިޔާސީ ޕޯޑިއަމްތަކުގައި ވާހަކަ ދައްކަވާފައިވާ ބޭފުޅަކު އިލެކްޝަންސް ކޮމިޝަނުގެ ރައީސް ކަމުގައި ހުންނަވައިގެން މިނިވަން އިންސާފުވެރި އިންތިޚާބެއް ނުބޭއްވޭނެ ކަަމަށް ބުނެ އިދިކޮޅު ޕާޓީތަކުން ދަނީ ޝަކުވާ ކުރަމުންނެވެ. އިދިކޮޅުން ތުހުމަތުކުރާ ގޮތުގައި، ޝަރީފް އަމަލު ކުރައްވާނީ ރައީސް ޔާމީން އަންގަވާ ގޮތަކަށެވެ.

ސެޕްޓެމްބަރު 23 ގައި އޮންނަ ރިޔާސީ އިންތިޚާބާ ގުޅޭ ގޮތުން އިލެކްޝަންސް ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ޝަރީފަށް އަމާޒުކުރާ ފާޑުކިޔުންތަކާ ގުޅޭ ގޮތުން "މިހާރު" ން ސުވާލު ކުރުމުން ޝަރީފް ވިދާޅުވީ، ކުރިން ސިޔާސީ ހަރަކާތްތަކުގައި އުޅުއްވުމަކީ ނަޒާހަތްތެރިކަމާ މެދު ސުވާލު އުފައްދަން ޖެހޭ ކަމެއް ނޫން ކަމަށެވެ.

އެ ސުވާލު އުފައްދަން ޖެހެނީ، ޝަރީފް ވިދާޅުވި ގޮތުގައި، ކޮމިޝަނަށް އައްޔަން ކުރެއްވި ފަހުން، ގާނޫނާއި ގަވާއިދާ ޚިލާފަށް އޭނާ ކަމެއް ކުރައްވަމުން ގެންދަވާ ނަމަ އެވެ. ކޮމިޝަނުގައި ތިއްބެވި މެމްބަރުންނާ އެކު އޭނާ މަސައްކަތް ކުރައްވަމުން ގެންދަވަނީ ގާނޫނީ އިމުގެ ތެރޭގައި ކަމަށް ވިދާޅުވި އެވެ.

ޝަރީފަށް ފާޑުކިއުން އަމާޒުކުރާއިރު، އެއް ޕާޓީން އަނެއް ޕާޓީ އަށް ބަދަލުވެ ލީޑަރުންނަށް ސަނާ ކިއުމަކީ ވެސް ރާއްޖޭގެ ސިޔާސީ މަސްރަހުގައި ހިނގާ ކަމެއް ކަމަށާއި އެހެންވެ ނަޒާހަތްތެރިކަމާ މެދު ސުވާލެއް ނުއުފެއްދޭނެ ކަަމަށް ވިދާޅުވި އެވެ.

އިލެކްޝަންސް ކޮމިޝަނުގެ ރައީސް ކަމަށް ޝަރީފް ހަމަޖެއްސީ، އެ މަގާމުގައި ހުންނެވި އަހްމަދު ސުލައިމާނަށް ވެސް ވަރަށް ބޮޑެތި ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް، އޭނާ އިސްތިއުފާ ދެއްވައި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނުގެ މަގާމަކަށް ވަޑައިގަތުމުންނެވެ. އިލެކްޝަންސް ކޮމިޝަންގެ ރައީސްކަމާ ހަވާލުވެވަޑައިގަތުމުގެ ކުރިން ޝަރީފް ހުންނެވީ ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގަ އެވެ.

ޝަރީފް ވިދާޅުވީ ރައީސް ޔާމީނަށް ކެމްޕޭން ކުރެއްވުމާއި ޕީޕީއެމަށް ތާއީދު ހޯދަން މަސައްކަތް ކުރެއްވި ވާހަކަ އަށް އިންކާރު ނުކުރައްވާ ކަމަށެވެ. އޭނާ ބޭނުން ކުރައްވާ ޓުވިޓާ އެކައުންޓާއި ސޯޝަލް މީޑިއާގެ އެހެން ވަސީލަތްތަކުގައި ވެސް މީގެ ކުރިން ވަޒީފާ އަދާކުރެއްވި ތަންތަނާއި ކުރެއްވި މަސައްކަތާއި ސިޔާސީ ޕާޓީއެއްގައި އުޅެފައިވާ ނަމަ އެކަން ވެސް ތާރީޚަށްޓަކައި ރައްޔިތުންނަށް ހިއްސާ ކުރައްވާފައި ވާނެ ކަމަށް ވިދާޅުވި އެވެ.

"އެ ހުރިހާ މައުލޫމާތެއް ޓުވިޓާގައި ހުންނާނެ. އަޅުގަނޑު ކޮންމެހެން އެ އެއްޗެހި ޑިލީޓް ކުރާކަށް ވެސް ނޫޅެން. ސަބަބަކީ އެއީ އަޅުގަނޑުގެ ވަރަށް އަމިއްލަ މައުލޫމާތުތަކަކަށް ވާތީ. އެކަމަކު އެއީ އަޅުގަނޑުގެ ނަޒާހަތްތެރިކަމާ މެދު ސުވާލު އުފެއްދޭނެ ކަމެއް ނޫން،" ޝަރީފް ވިދާޅުވި އެވެ.

"އަޅުގަނޑު އިވެލުއޭޓް ކުރައްވާށޭ، އިލެކްޝަންސް ކޮމިޝަން ހިންގުމަށް ކަނޑައަޅާފައިވާ ގާނޫނުން ޝަރީފް އެބަ ބޭރުވޭތޯ. އެ ގޮތަށް ބޭރުވަންޏާ އަޅުގަނޑުގެ އިންޓެގްރިޓީއާ މެދު ސުވާލު އުފައްދަވާ. އެކަމަކު މީގެ ކުރިން ދައްކާފައި އޮތް ވާހަކައެއް، ކޮށްފައި އޮތް ކަމަކާ މެދު މިހާރު ކިހިނެއްތޯ ސުވާލު އުފައްދާނީ."

ޝަރީފް ވިދާޅުވި ގޮތުގައި ކުރިން ސިޔާސީ ހަރަކާތެއްގައި ބައިވެރިވެވަޑައިގަތުމަކީ އިލެކްޝަންސް ކޮމިޝަނަށް ގާނޫނީ ގިއުގަނޑުގެ ތެރޭގައި އޭނާ އަށް މަސައްކަތް ނުކުރެއްވެންވީ ސަބަބެއް ނޫނެވެ. އަދި އޭނާ އަކީ ގާނޫނީ އިމުގެ ތެރޭގައި ކަންކަން ނުކުރެއްވޭ ވަރަށް ސިޔާސީ ކަންކަން ލޭ ގައި ހިފާފައި ހުރި ބޭފުޅެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.