Roadha Mihaaru
ޔާމީންގެ ތުހުމަތުތައް ޝަރީފަށް ވީ ޖޯކަކަށް!

ވޯޓު އޮޅުވާލީ ކަމަށް ޔާމީން އަނެއްކާވެސް ވިދާޅުވުމުން ޝަރީފަށް ވީ ޖޯކަކަށް!

28 ޖުލައި 2019

ރިޔާސީ އިންތިޚާބު ނާކާމިޔާބުވެވަޑައިގަތީ އިލެކްޝަންސް ކޮމިޝަން (އީސީ) އިން އޮޅުވައިލުންތަކާ ހެދި ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަނެއްކާވެސް ވިދާޅުވުމުން އެ ވާހަކަތަކަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް ހިތްހަމަނުޖެހުން ފާޅުކުރައްވައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ރިޔާސީ އިންތިޚާބު ނާކާމިޔާބުވެވަޑައިގަތީ އިލެކްޝަންސް ކޮމިޝަން (އީސީ) އިން އޮޅުވައިލުންތަކާ ހެދި ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަނެއްކާވެސް ވިދާޅުވުމުން އެ ވާހަކަތަކަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް ހިތްހަމަނުޖެހުން ފާޅުކުރައްވައިފި އެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރު ބޭއްވި ރިޔާސީ އިންތިޚާބުގެ ކުރިން ޔާމީނާއި ޝަރީފަކީ ވަރަށް ގާތް ދެ ބޭފުޅުންނެވެ. ކުރިއްސުރެ އެކުގައި ސިޔާސީ މަސައްކަތް ކުރެއްވުމުގެ އިތުރުން ޔާމީން ދެ ވަނަ ދައުރަކަށް ހޮވުމުގެ ކެމްޕޭންގައި ވެސް އެންމެ ކުރިން ޝަރީފް އުޅުއްވި އެވެ.

މި ގުޅުން މިގޮތަށް އޮއްވައި ޝަރީފް، އިލެކްޝަންސް ކޮމިޝަންގެ ރައީސަކަށް އައްޔަން ކުރައްވައި ކޮމިޝަނުގެ ނިންމުންތައް ޕީޕީއެމް ބޭނުންވާ ގޮތަށް ނިންމަމުން ދިއުމުން މައްސަލަ ބޮޑުވި އެވެ. އޭރު އިދިކޮޅު ޕާޓީތަކުން (މިހާރު ސަރުކާރު ހިންގާ ކޯލިޝަނުން) ބޮޑެތި ތުހުމަތުތަކެއް ޝަރީފާއި އީސީގެ މެމްބަރުންނަށް ކުރި އެވެ.

މި ތުހުމަތުތައް ކުރަމުން ދަނިކޮށް ޔާމީންގެ މައްޗަށް އިންތިޚާބުގައި ކުރި ހޯއްދެވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެވެ.

މި ނަތީޖާ އަދިވެސް ގަބޫލުފުޅު ނުކުރައްވާ ކަމަށް "ދަ ޕްރެސް" އަށް ދެއްވި އިންޓަވިއުއެއްގައި ޔާމީން އިއްޔެ ވިދާޅުވުމުން ޝަރީފް ސިފަކުރެއްވީ އެއީ "ކުރު ވާހަކައެއް"ގެ ގޮތުގަ އެވެ.

އެ އިންޓަވިއުގައި ޔާމީން ވިދާޅުވެފައި ވަނީ އިންތިޚާބުގައި ބޮޑެތި މައްސަލަތައް ހުރި ކަމަށެވެ. އެއް ކަމަކަށް ފާހަގަކުރެއްވީ ކުރިން ވެސް ޕީޕީއެމުން ހިތްހަމަނުޖެހުން ފާޅުކުރި މައްސަލަ އެވެ. އެއީ، ވޯޓު ކަރުދާސް ޗާޕްކުރުން އެމް7 އާ ހަވާލު ކުރުމެވެ. ގިނަ ސެކިއުރިޓީ ފީޗާސްތަކަކާ އެކު ވޯޓު ކަރުދާސް ޗާޕްކުރަން ނޮވެލްޓީން ހުށަހަޅާފައި އޮއްވައި އެމް7 އަށް ދިން ސަބަބާ މެދު ޔާމީން ވެސް ވަނީ ސުވާލު އުފައްދަވައިފަ އެވެ.

އެ ޝަކުވާ ރަސްމީކޮށް ނޮވެލްޓީން ރައީސް އޮފީހަށް އޭރު ހުށަހެޅުމުން އެކަން ބައްލަވައި ޝަރީފަށް ގުޅުއްވި ކަމަށް ޔާމީން ވިދާޅުވި އެވެ. ބޭރުގެ ފަރާތްތަކަށް ބައިވެރިވެވޭ ގޮތަށް ވޯޓު ކަރުދާސް ޗާޕްކުރަން އަލުން އިއުލާން ކުރައްވާނެ ކަމުގެ ޔަގީންކަން ޝަރީފް ދެއްވި ކަމަށް ޔާމީން ވިދާޅުވެފައިވެ އެވެ.

އެކަމަކު ޝަރީފް އެގޮތަށް އަމަލު ނުކުރައްވާ ކަން އެނގިވަޑައިގަތީ، ޔާމީން ވިދާޅުވި ގޮތުގައި، އިންތިޚާބު ނިމުނު ފަހުންނެވެ. ރަށްރަށަށް ކުރެއްވި ދަތުރުފުޅުތަކުން ލިބިވަޑައިގަތް ތާއީދާއި ކުރެއްވި މަސައްކަތްޕުޅުތަކުން އިންތިޚާބުގައި މަދުވެގެން 65 ޕަސެންޓް ވޯޓު ލިބިވަޑައިގަންނަވާނެ ކަމަށް އަންދާޒާ ކުރެއްވި ކަމަށް ޔާމީން ވިދާޅުވި އެވެ.

އެކަމަކު ވޯޓުގެ ނަތީޖާ އައީ ހީފުޅުކުރެއްވި ގޮތާ ޚިލާފަށް ބޮޑެތި އޮޅުވާލުންތަކާ އެކުގައި ކަަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އެކަން ބަލަން ވެސް އީސީން ހުރަސްތަކެއް ކުރިމަތި ކުރުވި ކަމަށް ތުހުމަތު ކުރެއްވި އެވެ.

ޔާމީންގެ މި ވާހަކަފުޅުތަކަކީ ޝަރީފް ވިދާޅުވި ގޮތުގައި ހަގީގަތެއް ނެތް ވާހަކަތަކެކެވެ. މުބާރާތެއްގައި ބައިވެރިކުރަން ރަނގަޅުވާނެ ކަމަށް ވިދާޅުވީ އެ ސަބަބާ ހުރެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޝަރީފަށް ތާއީދު ކުރައްވައި ކޮމިޝަންގެ މެމްބަރު އަހްމަދު އަކްރަމް ކުރެއްވި ޓުވީޓެއްގައި ވެސް ވިދާޅުވީ ޔާމީންގެ ވާހަކަފުޅަކީ "ބުހުތާނު ދޮގެއް" ކަމަށެވެ. އީސީން ނަތީޖާ އިއުލާން ކުރަނީ ރައްޔިތުން ވޯޓު ދޭ ގޮތަށް ކަމަށް ވިދާޅުވި އެވެ. އެކަން ކުރަނީ އެކި ތަންތަނަށް އެއްވާ މީހުންގެ އަދަދަށް ބަލައިގެން ނޫން ކަމަށް ވިދާޅުވި އެވެ.

"އީސީގެ މަސައްކަތާ މެދު ރައްޔިތުންގެ ހިތްތައް ހަރާބު ކުރަން މަސައްކަތް ނުކުރުމަށް ސިޔާސީ ފަރާތްތަކަށް ގޮވާލަން،" އަކްރަމް ވިދާޅުވި އެވެ.

މިނިވަން މުއައްސަސާއެއްގެ ރައީސްގެ ގޮތުގައި ހުންނަވައި ޝަރީފް ރައްދު ދެއްވި ގޮތާ މެދު ސޯޝަލް މީޑިއާގައި ބައެއް މީހުން ހިތްހަމަނުޖެހުންފާޅުކުރި އެވެ.

ޕީޕީއެމްގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް ޑރ. ޚަލީލް ވިދާޅުވީ ޝަރީފްގެ ޓުވީޓުން އެ ކޮމިޝަނުގެ ނަޒާހަތްތެރިކަމާއި މިނިވަންކަމާ މެދު ސުވާލު އުފައްދަން ޖާގަ ލިބޭ ކަމަށެވެ.

މި ވާހަކަ އަށް ވެސް ޝަރީފް ރައްދު ދެއްވި އެވެ.

ޝަރީފް ވިދާޅުވި ގޮތުގައި ޔާމީނަށް ރައްދު ދެއްވީ އީސީގެ މަސައްކަތާ ގުޅޭ ގޮތުން ހަގީގަތާ ޚިލާފަށް ޔާމީން ވާހަކަފުޅު ދެއްކެވުމުންނެވެ. ޔާމީނާއި ޕީޕީއެމުން ދައްކާ އެހެން ވާހަކަތަކަށް ރައްދު ދެއްވާފައި ނުވާނެ ކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ.

ރިޔާސީ އިންތިޚާބު ނިމުމާ އެކު ވޯޓު އޮޅުވާލި ކަމުގެ ތުހުމަތާ އެކު ޕީޕީއެމުން މުޒާހަރާތައް ބޭއްވި އެވެ. އަދި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅި އެވެ. އެކަމަކު ކޯޓުން ނިންމީ ޕީޕީއެމުން ހށަހެޅި ހެކިތައް ބަލައި އަލުން އިންތިޚާބު ބާއްވަން ޖެހޭ ސަބަބެއް ނެތް ކަަމަށެވެ.