Roadha Mihaaru
ޕީޕީއެމްގެ މަޖިލީހުގެ މެމްބަރުންނަށް ބިރެއް ނެތް

ޕީޕީއެމްގެ މައްސަލަ ނުނިމެނީސް މެމްބަރަކު ވަތްކެއް ނުކުރާނަން: އީސީ

22 އޮކްޓޯބަރ 2018

ވެރިކަން ކުރާ ޕީޕީއެމާ ގުޅޭ ގޮތުން ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ ނުނިމެނީސް، އެ ޕާޓީ އަށް ނިސްބަތްވާ، ރައްޔިތުންގެ މަޖިލީހުގެ އެއްވެސް މެމްބަރަކު ޕާޓީން ވަކި ނުކުރަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ވެރިކަން ކުރާ ޕީޕީއެމާ ގުޅޭ ގޮތުން ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ ނުނިމެނީސް، އެ ޕާޓީ އަށް ނިސްބަތްވާ، ރައްޔިތުންގެ މަޖިލީހުގެ އެއްވެސް މެމްބަރަކު ޕާޓީން ވަކި ނުކުރަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފި އެވެ.

ޕީޕީއެމްގެ ރައީސްގެ މަގާމުގައި ހުންނެވި މައުމޫން އަބްދުލްގައްޔޫމް އެ މަގާމުން ވަކިކުރީ ގާނޫނާ ޚިލާފަށް ކަމަށް ކަނޑައަޅައިދިނުމަށް އެދި، ސިވިލް ކޯޓަށް މައްސަލަ ހުށަހެޅުއްވީ އެ މަނިކުފާނެވެ. އެ މަނިކުފާނު ޕީޕީއެމްގެ ރައީސް ކަމުންނާއި މެމްބަރު ކަމުން ވަކިކުރީ ޕާޓީގެ ތެރޭގައި ޚިޔާލު ތަފާތުވުންތަކެއް އުފެދިފައި ވަނިކޮށް، ޕާޓީގެ މުސްތަޝާރު އަދި މައުމޫންގެ ކޮއްކޯފުޅު، ރައީސް އަބްދުﷲ ޔާމީން ރިޔާސަތު ބެލެހެއްޓެވި ޕީޕީއެމްގެ ކައުންސިލް ބައްދަލުވުމެއްގަ އެވެ.

ރައީސް ޔާމީނަކީ، ޕީޕީއެމްގެ މުސްތަޝާރު ކަމަށް ވިޔަސް، ރިޔާސީ އިންތިޚާބުން ނާކާމިޔާބުވެވަޑައިގަތުމާ އެކު ކުއްލި ކޮންގްރެސްއެއް ބާއްވައި ޕާޓީގެ ރައީސްކަމަށް ރައީސް ޔާމީން ވަނީ އިންތިޚާބު ކޮށްފަ އެވެ. އިޖުރާއަތުތައް ފުރިހަމަނުވާ ކަަމަށް ބުނެ، އެ ކޮންގްރެސް ބަލައިނުގަންނަން އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމައިފަ އެވެ.

އެއާއެކު، ޕީޕީއެމާ ގުޅޭ ގޮތުން މިވަނީ ގާނޫނީ ސުވާލުތަކެއް އުފެދިފަ އެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް ވިދާޅުވީ ރިޔާސީ އިންތިޚާބާ ގުޅޭ ގޮތުން ޕީޕީއެމުން އުފައްދާ ޝަކުވާތަކަށް ބަލާއިރު އެ ޕާޓީ އަށް ނިސްބަތްވާ ބައެއް މެމްބަރުން ޕާޓީން ވަކިކޮށްދޭން އެދި އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުން އެކަށީގެންވާ ކަމަށެވެ. ރައީސް ޔާމީނަށް އިންތިޚާބު ނާކާމިޔާބުވުމާ އެކު މަޖިލީހުގެ ޕީޕީއެމް ބައެއް މެމްބަރުން ގެންދަވަނީ، އިދިކޮޅަށް ތާއީދު ކުރައްވައި ސަރުކާރަށް ފާޑު ވިދާޅުވަމުންނެވެ.

މި މައްސަލައިގައި ބައެއް މެމްބަރުން ޕާޓީގެ ރަސްމީ ގްރޫޕްތަކުން ވެސް ވަނީ ބޭރުކޮށްފަ އެވެ.

ޝަރީފް ވިދާޅުވި ގޮތުގައި ވަކި ނުފޫޒެއް ނުވަތަ ސިޔާސީ މަގްސަދެއް ހާސިލްކުރުމަށްޓަކައި، މަޖިލީހުގެ ބައެއް މެމްބަރުން ވަކިކޮށްދިނުމަށް އެދި އެ ކޮމިޝަނަށް ހުށަހަޅަން އުޅޭ ކަމުގެ މައުލޫމާތު ވެސް ވަނީ ލިބިފަ އެވެ.

"ކޮމިޝަނުން މިހާރު މިވަނީ، ސިވިލް ކޯޓުން ޕީޕީއެމްގެ ލީޑަޝިޕާ ގުޅޭ ގޮތުން ވަކިގޮތެއް ކަނޑައަޅަންދެން، ޕާލިމެންޓް އެއްވެސް މެމްބަރަކު ވަކިކުރަން ޕީޕިއެމުން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅިއަސް އަޅުގަނޑުމެން އެއަށް އިޖާބަ ނުދޭނެ ކަމަށް މެމްބަރުން ވަނީ އިއްތިފާގުން ނިންމާފައި،" ޝަރީފް ވިދާޅުވި އެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޝަންގެ މެމްބަރުން. --ފޮޓޯ: ނިޝާން އަލީ/މިހާރު

އިލެކްޝަންސް ކޮމިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޝަންގެ މެމްބަރުން. --ފޮޓޯ: ނިޝާން އަލީ/މިހާރު

ޕީޕީއެމާއި އިލެކްޝަންސް ކޮމިޝަނާ ދެމެދު ހިތްހަމަނުޖެހުންތަކެއް އުފެދިފައިވާ މި ދަނޑިވަޅުގައި މި ނިންމުން ނިންމި ނަމަވެސް، އެ ކޮމިޝަނުން މީގެ ކުރިން ވަނީ ޕީޕީއެމުން އެދިގެން ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރުންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައިފަ އެވެ. އޭގެ ތެރެއިން، ހަތަރު މެމްބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ވަނީ ނިންމައިފަ އެވެ.

މަޖިލީހުގެ 12 މެމްބަރެއްގެ ގޮނޑި ގެއްލިއްޖެ ކަމަށް އޭރު އީސީން ކަނޑައެޅީ ގާނޫނާ އެއްގޮތަށްތޯ "މިހާރު" އިން ސުވާލު ކުރުމުން ކޮމިޝަނުން ސީދާ ޖަވާބެއް ނުދިނެވެ.

ޝަރީފް ވިދާޅުވި ގޮތުގައި ސުޕްރީމް ކޯޓުގައި އެ މައްސަލަ ހިނގަމުންދާތީ ކޮމިޝަނުން މި ވަގުތު އެއްވެސް ވާހަކައެއް އެކަމުގައި ނުދައްކާނެ އެވެ. ޕީޕީއެމަށް ފަހިވާ ގޮތަށް އަމަލުކުރި ކަމަށް ތުހުމަތުކުރާ ކޮމިޝަނުން ވާހަކަ ނުދެއްކިއަސް، ބައެއް މެމްބަރުން އޭރު ވަކިކުރީ ގާނޫނާ ޚިލާފަށް ކަމަށް ރާއްޖޭގެ ސީނިއާ ބައެއް ގާނޫނީ ވަކީލުން އޭރު ވެސް ވިދާޅުވި އެވެ.