Roadha Mihaaru
އަޒުމަކީ ހުރިހާ ރަށަކަށް ދިއުން: އިބޫ

ކެމްޕޭނަށް ދެން ހުއްޓުމެއް ނާންނާނެ، އަޒުމަކީ ހުރިހާ ރަށަކަށް އެރުން: އިބޫ

14 ޖުލައި 2018

ރިޔާސީ އިންތިހާބަށް ގުޅިފައިވާ ޕާޓީތަކުން ކުރާ ކެމްޕޭނަށް ދެން އެއްވެސް ހުއްޓުމެއް ނާންނާނެ ކަމަށާއި އަޒުމަކީ ރާއްޖޭގެ ހުރިހާ ރަށަކަށް އެރުން ކަމަށް ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހް (އިބޫ) މިއަދު ވިދާޅުވެއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ރިޔާސީ އިންތިހާބަށް ގުޅިފައިވާ ޕާޓީތަކުން ކުރާ ކެމްޕޭނަށް ދެން އެއްވެސް ހުއްޓުމެއް ނާންނާނެ ކަމަށާއި އަޒުމަކީ ރާއްޖޭގެ ހުރިހާ ރަށަކަށް އެރުން ކަމަށް ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހް (އިބޫ) މިއަދު ވިދާޅުވެއްޖެ އެވެ.

ގުޅިފައިވާ ޕާޓީތަކުގެ ދޮރުންދޮރަށް ކެމްޕޭން މިއަދު ހެނދުނު އައްޑޫ މަރަދޫފޭދޫން ރަސްމީކޮށް ފައްޓަވައި ދެއްވުމަށް ފަހު، އިބޫ ވިދާޅުވީ ކެމްޕޭން ދެން ވަރަށް ހަލުވި ވާނެ ކަމަށެވެ. އަދި ރަނިން މޭޓް ފައިސަލް ނަސީމު ވެސް އައްޑު އަށް މިހާރު ވަޑައިގެން ކެމްޕޭނުގައި ބައިވެރިވަޑައިގެންފައިވާތީ އިބޫ ވަނީ އޭނާ އަށް މަރުހަބާ ވެސް ވިދާޅުވެފަ އެވެ.

އިބޫ މިއަދު މަރަދޫގައި މަސްވެރިންނާ ބައްދަލު ކުރައްވަނީ.

"...މިއަދު މި ފަށަނީ ކެމްޕޭންގެ އެންމެ މުހިއްމު ބައި ކަމަށްވާ ދޮރުންދޮރަށް ގޮސް ރައްޔިތުންނާ ބޭނުން ވަނީ ކޮން ކަންތައްތަކެއްތޯ އޮޅުން ފިލުވައި އަޅުގަނޑުމެންގެ މެނިފެސްޓޯ ތަފުސީލު ކުރުމަށް ބޭނުންވާ މައުލޫމާތާ އެއްޗެހި ހޯދުން،" އޭނާ ވިދާޅުވި އެވެ. "....އިރާދަކުރެއްވިއްޔާ ދެން މިއަކަށް މަޑުޖެހުމެއް ނޯންނާނެ. އަޅުގަނޑުމެންގެ މަސައްކަތް ކުރިއަށް ގެންގޮސް ތޭވީސް ސެޕްޓެމްބަރުގައި މި އޮންނަ އިންތިހާބު ބޮޑު ތަނުން އިރާދަކުރެވިއްޔާ އަޅުގަނޑު ކާމިޔާބު ކުރާނަން." އިބޫ ވިދާޅުވި އެވެ.

"އަޅުގަނޑު ހަމަ އަޒުމް ކަނޑައަޅައިގެން މިހުރީ އިރާދަކުރެއްވިއްޔާ ކޮންމެ ރަށަކަށް އަރަން."

އިބޫ ވިދާޅުވި ގޮތުގައި ސެޕްޓެމްބަރު 23 ގައި ބާއްވާ އިންތިހާބާ ދެމެދު އޮތް ގާތްގަނޑަކަށް 74 ވަރަކަށް ދުވަހުގެ ތެރޭގައި ހުރިހާ ރަށަކަށް ވަޑައިގަތުމަކީ އަމާޒެކެވެ.

"ސަތޭކަ އަށްޑިހަ ހަތް ރަށް އެބައޮތް ދަތުރު ކުރަން. އެކަމަކު އަޅުގަނޑުމެންގެ އަމާޒަކީ ކޮންމެ ރަށަކަށް ވެސް ދިއުން. އިރާދަކުރެއްވިއްޔާ ކޮންމެ ރަށެއްގެ ރައްޔިތުންނާ ބައްދަލު ކުރުމުގެ އުންމީދު އެބަ އޮތް. އެ ތަސައްވުރު އެބަ އޮތް،" އިބޫ ވިދާޅުވި އެވެ.

"...ދެން ރަނިން މޭޓް ވެސް މިހާރު އެބަ ހުންނެވި އެހެންވީމާ ޓީމްތަކައް ބައިބައިކޮށްގެން ވެސް އަޅުގަނޑުމެންނަށް މިކަން ކުރެވޭނެ. އެކަމަކު އަޅުގަނޑު ހަމަ އަޒުމް ކަނޑައަޅައިގެން މިހުރީ އިރާދަކުރެއްވިއްޔާ ކޮންމެ ރަށަކަށް އަރަން."

އިބޫ ރޭ އައްޑޫގެ ކެމްޕޭން ޓީމްތަކާ އެކު.

އިބޫގެ އައްޑޫ ދަތުރުގެ ތެރެއިން މިހާތަނަށް ވަނީ އައްޑޫގެ ކެމްޕޭން ޓީމްތަކާއި އައްޑޫގެ މަސްވެރިންނާ ވެސް ބައްދަލު ކުރައްވައިފަ އެވެ. އެގޮތުން މަސްވެރިން ކަންބޮޑުވުން ފާޅު ކުރި ކަންތައްތައް ބެލުމަށް ފަހު ދެން އައްޑު އަށް ކުރައްވާ ދަތުރުގައި މަސްވެރިން ފާޅު ކުރެއްވި ކަންބޮޑުވުންތަކަށް ހައްލު ހޯދައި ދޭނެ ގޮތްތަކުގެ ތަފުސީލު ދެއްވާނެ ކަމަށް އިބޫ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ރިޔާސީ އިންތިހާބުގެ ކުރިން އައްޑޫގައި ގުޅިފައިވާ ޕާޓީތަކުގެ ކެމްޕޭން ޖަލްސާއެއް ވެސް އައްޑޫގައި ބާއްވާނެ އެވެ.

އިބޫ އާއި ރަނިންމޭޓް ފައިސަލް މިއަދު ފުވައްމުލަކަށް ވެސް ވަޑައިގަންނަވާނެ އެވެ. އަދި އަނެއްކާ ވެސް މާދަމާ އައްޑު އަށް ވަޑައިގެން ކެމްޕޭން ހަރަކާތްތައް ހިންގާނެ އެވެ.

އެންމެ ދެކުނުގެ ކެމްޕޭން ދަތުރު ނިންމައިލާނީ މާދަމާ ހަވީރު އެވެ.