Roadha Mihaaru
މުހައްމަދު އިސްމާއިލް "ޔާގޫތެއް" ފަދަ: ރައީސް

ރައީސް ޔާމީން ހޯރަފުށީ ދާއިރާގެ މެންބަރު ސިފަކުރެއްވީ ޔާގޫތެއް ފަދައިން

17 ޖުލައި 2018

ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ އެމްޑީއޭ މެމްބަރު މުހައްމަދު އިސްމާއިލަކީ "ޔާގޫތެއް" ފަދަ މެމްބަރެއް ކަމަށް ވިދާޅުވެ، ރައީސް އަބްދުﷲ ޔާމީން އޭނާ އަށް މިއަދު ތައުރީފް ކުރައްވައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ އެމްޑީއޭ މެމްބަރު މުހައްމަދު އިސްމާއިލަކީ "ޔާގޫތެއް" ފަދަ މެމްބަރެއް ކަމަށް ވިދާޅުވެ، ރައީސް އަބްދުﷲ ޔާމީން އޭނާ އަށް މިއަދު ތައުރީފް ކުރައްވައިފި އެވެ.

ހޯރަފުށީގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ނިމުން ފާހަގަކުރުމަށާއި މާފިނޮޅުގައި އެއާޕޯޓެއް އެޅުމުގެ އަމަލީ މަސައްކަތް އިފްތިތާހު ކުރުމަށް ހޯރަފުށީގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ މެމްބަރު މުހައްމަދު އިސްމާއިލް ރައްޔިތުންގެ އިހްސާސްތަކާ އެއްގޮތަށް މަސައްކަތް ކޮށްދެއްވާ ކަމަށެވެ.

ހޯރަފުުށި ތަރައްގީ ކުރަނީ "ޔާގޫތޫގޭ މުހައްމަދު އިސްމާއިލް" ނޫން ކަމަށާއި އެއީ ރައީސް ޔާމީން ކޮށްދެއްވާ މަސައްކަތް ކަމަށް މެންބަރު ވިދާޅުވެ ދެއްކެވި ވާހަކައަށް ފަހު ރައީސް ވާހަކަފުޅު ފެއްޓެވީ ސަމާސާ ކުރައްވަމުންނެވެ.

މުހައްމަދު އިސްމާއިލް ހަރު އަޑުން ފޯރީގައި ދެއްކެވި ވާހަކަތަކަށް އިޝާރާތް ކުރައްވަމުން "މައިކްގެ އަޑު ހުރިހެން" ހީފުޅު ނުވާ ކަމަށް ރައީސް ވިދާޅުވި އެވެ.

ހޯރަފުށީ ރައްޔިތުންނާ ބައްދަލު ކުރައްވައި ރައީސް ވާހަކަފުޅު ދައްކަވަނީ. - ފޮޓޯ: ރައީސް އޮފީސް

ހޯރަފުށީ ރައްޔިތުންނާ ބައްދަލު ކުރައްވައި ރައީސް ވާހަކަފުޅު ދައްކަވަނީ. - ފޮޓޯ: ރައީސް އޮފީސް

ރައީސްގެ ވާހަކަފުޅުގައި ހޯރަފުށީ ރައްޔިތުންނަށް ޝުކުރު އަދާކުރަވަމުން ވިދާޅުވީ "އިންތިޒާމު ކުރެއްވި ހުރިހާ ބޭފުޅުންނާއި ހާއްސަކޮށް، މި ރަށުގެ ޔާގޫތެއް ފަދަ މެމްބަރު މުހައްމަދު އިސްމާއިލަށް ފަށް ފަށުން ޝުކުރު ދަންނަވަން" ކަމަށެވެ.

ރައީސް ވިދާޅުވި ގޮތުގައި މުހައްމަދު އިސްމާއިލް ވަނީ ހޯރަފުށީ ރައްޔިތުންގެ ވިސްނުމާ އެއްގޮތަށް މަސައްކަތް ކުރައްވައިފަ އެވެ. ހޯރަފުއްޓަށް އިތުރު ކަންކަން ބޭނުންވެފައި ހުރި ކަން ފާހަގަ ކުރައްވައި ރައީސް ޔާމީން ވިދާޅުވީ އެކަންކަން ފުރިހަމަ ކޮށްދެވޭތޯ މަސައްކަތް ކުރައްވާނެ ކަމަށެވެ.

ރައީސް ޔާމީން، މިއަދު ހޯރަފުއްޓަށް ވަޑައިގެން، އެ ރަށު ރައްޔިތުންނާ ސަލާމް ކުރައްވަނީ. - ފޮޓޯ: ރައީސް އޮފީސް

ރައީސް ޔާމީން، މިއަދު ހޯރަފުއްޓަށް ވަޑައިގެން، އެ ރަށު ރައްޔިތުންނާ ސަލާމް ކުރައްވަނީ. - ފޮޓޯ: ރައީސް އޮފީސް

މި ރަސްމިއްޔާތުގައި މުހައްމަދު އިސްމާއިލް ވިދާޅުވީ ރައީސް ޔާމީން، ހޯރަފުށީގެ ތަރައްގީ އަށް ކޮށްދެއްވަން ވައުދުވެވަޑައިގެންނެވި ހުރިހާ ކަމެއް ފުރިހަމަކޮށް ދެއްވާފައިވާ ކަމަށެވެ. އަދި ވިދާޅުވީ ރާއްޖޭގެ އަދުލު އިންސާފުގެ ދާއިރާއަށް ހަމަހަމަކަން ގެނައުމަށް ކުރަން ޖެހޭ ހުރިހާ ކަމެއް ފުރިހަމަކޮށް ދެއްވައިފި ކަމަށެވެ.

މުހައްމަދު އިސްމާއިލް ވިދާޅުވި ގޮތުގައި ރާއްޖޭގެ އެކި ކަންކޮޅުތަކަށް ރައީސް ތަރައްގީ ގެނެސް ދެއްވީ ބޭރުން ސަރުކާރަށް ޕްރެޝަރު ކުރިމަތިކުރުވާފައި ވަނިކޮށެވެ. އެހެންވެ، ރައީސް ޔާމީން ނޫން ބޭފުޅަކަށް ވޯޓު ދެއްވައިގެން ނުވާނެ ކަމަށް ވެސް މުހައްމަދު އިސްމާއިލް ވިދާޅުވި އެވެ.

"ހަގީގަތުގައި 2018 ގައި ތިޔަބޭފުޅުން ނިންމާ ނިންމުމެއްގެ ސަބަބުން އަޅުގަނޑުމެންގެ ތެރެއިން މި ކަންކަން ލަސްވެ، ނޫން ނަމަ ނުކުރެވި، މުޅި ގައުމު އަނެއްކާ ވެސް ވިއްސަކަށް އަހަރު ފަހަތަށް ސޮއްސާލައިގެން ދާނެ. އެކަންކަން ތިޔަބޭފުޅުން ވިސްނަން ޖެހޭ،" މުހައްމަދު އިސްމާއިލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ހޯރަފުށީ ރައްޔިތުން، އެއާޕޯޓެއް އަޅައި ދިނުމަށް އެދުމުން، އެ ވާހަކަ ރައީސްއާ ހިއްސާ ކުރައްވާނެ ގޮތެއް ނޭނގިގެން އުޅުއްވި ކަމަށެވެ. އަދި "ވަރަށް ބިރުން ހުރެ، ރައީސް އަރިހު ދަންނަވާލީމަ" އެރޭ އުފަލުން ގޮސް ނުނިދުނު ކަމަށް ވެސް މުހައްމަދު އިސްމާއިލް ވިދާޅުވި އެވެ.

"ރައީސް ދެއްވީ ވަރަށް ފުރިހަމަ، ފެހި ސިގްނަލެއް،" މުހައްމަދު އިސްމާއިލް ވިދާޅުވި އެވެ.