Roadha Mihaaru
ސަބްމެރިން ކޭބަލެއް ގަނެ އިންޓަނެޓުގެ އަގުހެޔޮ ކުރަނީ

ސަބްމެރިން ކޭބަލެއް ގަނެ، އިންޓަނެޓުގެ އަގު ހެޔޮ ކުރާނަން: ރައީސް ޔާމީން

12 ސެޕްޓެމްބަރ 2018

ރާއްޖޭގައި ފުރަތަމަ ފަހަރަށް އަމިއްލަ ސަބްމެރިން ކޭބަލެއް ގަނެ، ރާއްޖޭގައި އިންޓަނެޓް ބޭނުންކުރާ އަގު 30 ޕަސަންޓު ހެޔޮ ކޮށްދެއްވާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން ރޭ ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ރާއްޖޭގައި ފުރަތަމަ ފަހަރަށް އަމިއްލަ ސަބްމެރިން ކޭބަލެއް ގަނެ، ރާއްޖޭގައި އިންޓަނެޓް ބޭނުންކުރާ އަގު 30 ޕަސަންޓު ހެޔޮ ކޮށްދެއްވާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން ރޭ ވިދާޅުވެއްޖެ އެވެ.

ވެރިކަން ކުރާ ޕާޓީ، ޕީޕީއެމުން ހުޅުމާލޭގައި ބޭއްވި ޖަލްސާއެއްގައި ރައީސް ޔާމީން ވިދާޅުވީ، ހުޅުމާލެ އަކީ ބައިނަލްއަގްވާމީ ވިޔަފާރިތައް ހިނގާނެ ހަބަކަށް ހަދަން ބޭނުންފުޅުވާ ކަމަށެވެ. އެގޮތުން، ހުޅުމާލޭގައި އިންޓަނޭޝަނަލް ބިޒްނަސް ސެންޓަރުތަކެއް އަޅަން ނިންމާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ހުޅުމާލެ އާއި ވިލިމާލޭގައި އައިސީޓީ ޕާކްތަކެއް ތަރައްގީ ކުރަން ބޭނުންފުޅުވާ ކަން ހާމަ ކުރައްވައި ރައީސް ޔާމީން ވިދާޅުވީ، އެކަންކަމަށް އިންވެސްޓް ކުރަން އުޅޭއިރު، "އަޅުގަނޑުމެންގެ ޑޭޓާ ބޭރު ބައެއްގެ ކޭބަލަކުން ޓްރާންސްމިޓް" ވާން އެމަނިކުފާނު ބޭނުންފުޅު ނުވާ ކަމަށެވެ.

"އެއީ އަޅުގަނޑުމެންގެ އެއްޗަކަށް ވާން ޖެހޭނީ. ހިއްކާނެ ގޮތެއް ނެތީމާ މަހާ ޖައްރާފާ ހޯދީ. ތެޔޮ ގެނެވޭނެ ގޮތެއް ނެތީމާ ބޮޑު ޓޭންކަރެއް ހޯދީ. އައިސީޓީގެ އަގު ހެޔޮކުރަން ބޭނުންވީމާ، ސަބްމެރިން ކޭބަލް ވެސް އިންވެސްޓް ކުރާނެ މި ރައީސް،" ފޯރި އާއި ޖޯޝުގައި ވާހަކަފުޅު ދައްކަވަމުން، މި މަހުގެ 23 ގައި ބާއްވާ ރިޔާސީ އިންތިޚާބުގައި ޕީޕީއެމްގެ ޓިކެޓުގައި ދެވަނަ ދައުރަކަށް ކުރިމަތިލައްވާފައިވާ ރައީސް ޔާމީން ވިދާޅުވި އެވެ.

ހުޅުމާލޭގައި ހަދަމުން އަންނަ ފްލެޓުތައް ރައްޔިތުންނަށް ދައްކާލުމަށް ރޭ ބޭއްވި ޖަލްސާގައި ރައީސް ޔާމީން، ތައިލެންޑަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުހައްމަދު ނަޝީދުއާ ސަލާމް ކުރައްވަނީ. - ފޮޓޯ: ރައީސް އޮފީސް

ހުޅުމާލޭގައި ހަދަމުން އަންނަ ފްލެޓުތައް ރައްޔިތުންނަށް ދައްކާލުމަށް ރޭ ބޭއްވި ޖަލްސާގައި ރައީސް ޔާމީން، ތައިލެންޑަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުހައްމަދު ނަޝީދުއާ ސަލާމް ކުރައްވަނީ. - ފޮޓޯ: ރައީސް އޮފީސް

އެމަނިކުފާނު ވިދާޅުވީ ހުޅުމާލެ އަދި ފަހުން ހިއްކަން ނިންމާފައިވާ ވިލިމާލެ ދޭއް ގައި ގާއިމް ކުރުމަށް ރާވާފައިވާ ދެ އައިސީޓީ ޕާކްގެ ސަބަބުން ރާއްޖޭގެ އައިސީޓީ ދާއިރާއަށް އިންގިލާބީ ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށެވެ.

އެމްޑީޕީގެ ތައުލީމީ ސިޔާސަތަށް ވަރަށް ބޮޑަށް ފާޑު ކިޔައި، ރައީސް ޔާމީން ވިދާޅުވީ އެ ސިޔާސަތުން ފެނުނީ "ބޯވަތަށް ޖަހައިގެން ފަހަތައް ހިނގާ ތަން" ކަމަށެވެ. އެމްޑީޕީގެ ތައުލީމީ ސިޔާސަތުގެ ސަބަބުން ތައުލީމީ ދާއިރާ ދާނީ ފަހަތައް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި ކޮންމެ ރަށެއްގައި އެ ރަށެއްގެ ފެންވަރުން މަދަރުސާ ހިންގާނެ ކަމަށް ބުނާއިރު، ކޮންމެ ރަށެއްގައި ބޮޑު ފެންވަރުގައި މިހާރު ސްކޫލްތައް ހިންގަމުންދާ ކަމަށެވެ. އަދި އެތައް ރަށެއްގައި އޭ ލެވެލަށް ކިޔަވައި ދޭއިރު، ރަށްރަށުގައި ޔުނިވަސިޓީގެ ކެމްޕަސްތައް ހުރި ކަމަށް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މަދަރުސާ ތައުލީމްގެ ވާހަކަ އާއި ވޮށުފިލާގެ ވާހަކަ ދައްކަން ޖެހޭ ދުވަސްތައް މާޒީވެ މިހާރު ދައްކަންވީ އައިސީޓީ ދާއިރާގެ ވާހަކަ އާއި ޓެބްލެޓުން ތައުލީމް ހާސިލް ކުރާ ވާހަކަ ކަމަށެވެ.