Roadha Mihaaru
ސަރުކާރާ މަޝްވަރާކުރާނެ މާހައުލެއް ނެތް: އިބޫ

ސަރުކާރާ މަޝްވަރާކުރާނެ މާހައުލެއް އަދިވެސް ނެތް: އިބޫ

17 ޖުލައި 2018

އިދިކޮޅު ފަރާތްތަކުގެ ނަމުގައި ސަރުކާރާއެކު މަޝްވަރާ ކުރުމަށް ދައުވަތު ލިބިވަޑައިގެންފައިވާ ކަމަށާއި ނަމަވެސް މަޝްވަރާ ކުރުމުގެ މާހައުލެއް ރާއްޖޭގައި އަދިވެސް ނެތް ކަމަށް އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) މިއަދު ވިދާޅުވެއްޖެ އެވެ.

ހަސަން މުހައްމަދު ހަސަން މުހައްމަދު

އިދިކޮޅު ފަރާތްތަކުގެ ނަމުގައި ސަރުކާރާއެކު މަޝްވަރާ ކުރުމަށް ދައުވަތު ލިބިވަޑައިގެންފައިވާ ކަމަށާއި ނަމަވެސް މަޝްވަރާ ކުރުމުގެ މާހައުލެއް ރާއްޖޭގައި އަދިވެސް ނެތް ކަމަށް އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) މިއަދު ވިދާޅުވެއްޖެ އެވެ.

ރިޔާސީ އިންތިހާބަށް ރީ-ރެޖިސްޓްރީ ކުރެއްވުމަށް އެމްޑީޕީގެ ހަރުގެއަށް ވަޑައިގެން ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އިބޫ ވަނީ ސަރުކާރުން ފޮނުވި މަޝްވަރާގެ ދައުވަތު އިދިކޮޅު އިއްތިހާދުން ބަލައިގެންފައިވާ ކަމަށް ބައެއް މީޑިއާތަކުގައި ދައްކާފައިވާ ވާހަކަ ދޮގުކުރައްވައިފަ އެވެ.

"އަޅުގަނޑުމެން ދެކޭ ގޮތުގައި މިނިވަން އިންސާފުވެރި އިންތިހާބެއް ބޭއްވުމަށް ނޫން ނަމަ ރާއްޖެއަށް ދިމާވެފައި މިއޮތް ސިޔާސީ މައްސަލައިން އަރައިގަތުމަށްޓަކައި އިތުބާރު ހުރި ގޮތަކަށް ސަރުކާރާއެކީ ވާހަކަ ދެއްކޭނެ ކަމަކަށް އަޅުގަނޑުމެންނަށް އަދިވެސް ނުފެނޭ. ކުރީގައި ވެސް ހުރި ގޮތަށް ކަންތައް ހުރީ. ހުރިހާ ސިޔާސީ ލީޑަރުން ހުރީ ބަންދުގައި، ހައްޔަރުގައި. އެހެންވީމާ އިތުބާރެއް ނުކުރެވޭ ސަރުކާރުން ދައްކާ ވާހަކަތަކަކަށް،" އިބޫ ވިދާޅުވި އެވެ.

މީގެ އިތުރުން މެދުވެރިއެއް ނެތި ސަރުކާރާ ވާހަކަ ދެއްކުމާމެދު ވެސް އިބޫ ސުވާލު އުފެއްދި އެވެ.

"އަޅުގަނޑުމެންނަކަށް އަދިވެސް ނުފެނޭ އޯލް-ޕާޓީ ޓޯކްސްއެއް ބާއްވާކަށް ޖާގައެއް އޮތް ކަމަކަށް. އަދި ހަމައެކަނި ސަރުކާރާ މެދުވެރިއެއް ނެތި ވާހަކަދެއްކުމަކީ ނަތީޖާއެއް ނުކުންނާނެ ކަމަކަށް ވެސް ނުފެނޭ،" އޭނާ ވިދާޅުވި އެވެ.

އިދިކޮޅު ޕާޓީތަކާ އެކު 2015 ގައި ސަރުކާރުން މަޝްވަރާ ކުރިޔަސް، އޭގެ ފަހުން އެއްވެސް މަޝްވަރާއެއް ކުރިއަކަށް ނުގެންދެވެ އެވެ. މަޝްވަރާ އަށް އައުމަށް އޭގެ ފަހުން ސަރުކާރުން އެކި ފަހަރު މަތިން ދައުވަތު ދިނަސް، އިދިކޮޅު ޕާޓީތަކުން އެ ދައުވަތު ގަބޫލު ކޮށްފައެއް ނުވެ އެވެ.