Roadha Mihaaru
ގާސިމަކީ ކުރު މަގުން އިންސާފު ހޯދާ ބޭފުޅެއް: ރައީސް

ގާސިމަކީ އެންމެ ކުރު މަގުން އިންސާފު ހޯދަން ފަަރިތަ ބޭފުޅެއް: ރައީސް

19 ޖުލައި 2018

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަކީ ކޯޓުތަކުގައި ހިނގަންވާ އެންމެ ކުރު މަގުން އިންސާފާ ހަމައަށް ވަޑައިގަންނަވަން ވަރަށް ފަރިތަ ބޭފުޅެއް ކަމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަކީ ކޯޓުތަކުގައި ހިނގަންވާ އެންމެ ކުރު މަގުން އިންސާފާ ހަމައަށް ވަޑައިގަންނަވަން ވަރަށް ފަރިތަ ބޭފުޅެއް ކަމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.

ހދ. ހަނިމާދޫގެ ނަރުދަމާގެ ނިޒާމު ރަސްމީކޮށް އިފްތިތާހު ކުރަން އެރަށުގައި ބޭއްވި ޖަލްސާގައި ރައީސް ޔާމީން ސިފަކުރެއްވި ގޮތުގައި ގާސިމަކީ "ކޯޓުތަކުގައި ހިންގަވަން ވަރަށް ފަރިތަ" ބޭފުޅެކެވެ. ގާސިމަށް އަމާޒުކުރައްވާ ރައީސް އެގޮތަށް ވާހަކަފުޅު ދެއްކެވީ އޭނާގެ މައްޗަށް އިއްވާފައިވާ ތިން އަހަރުގެ ޖަލުގެ ހުކުމުން ބަރީއަވެވަޑައިގަތުމަށް އިސްތިއުނާފަށް ވަޑައިގަންނަވަން ވިދާޅުވަމުންނެވެ.

ރައީސް އެގޮތަށް ވިދާޅުވި އިރު ގާސިމްގެ މައްސަލަ ވަނީ ހައި ކޯޓުގައި އިސްތިއުނާފްކޮށްފަ އެވެ. އެކަމަކު ގާސިމް ރާއްޖެއިން ބޭރުގައި ހުންނެވުމުން އޭގެ އަޑުއެހުމެއް އަދި ނުބާއްވަ އެވެ.

ގާސިމަށް ރައީސްގެ ފާޑުކިއުން މި އައީ ރިޔާސީ އިންތިހާބުގައި ރައީސްގެ ފަޅިއަށް އޭނާ ގެނެވޭތޯ ސަރުކާރުގެ އިސް ވެރިން މަސައްކަތް ކުރަމުން ދާ ކަމުގެ އަޑު އަރާފައި ވަނިކޮށެވެ.

ރައީސް ޔާމީން ވިދާޅުވި ގޮތުގައި ގާސިމަކީ ކޯޓުތަކުން ނިންމާ ކަންކަމުގައި އޭނާގެ ބަހެއް ހިމެނޭ ކަން އަމިއްލައަށް އިއުތިރާފް ވެވަޑައިގެންނެވި ބޭފުޅެކެވެ. ފެބްރުއަރީ 1 ގެ ހުކުމާ ގުޅިގެން ގާސިމް ދެއްކެވި ވާހަކަތަކުން އެކަން ސާފުވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

އޭރު ރާއްޖެ ޓީވީ އަށް ދެއްވި އިންޓަވިއުއެއްގައި ގާސިމް ވިދާޅުވީ "އަޅުގަނޑުމެން ފެބްރުއަރީ 1 ގައި ހުކުމެއް ނެރުނީމަ ކަމަކު ނުދިޔަ" ކަމަށެވެ. ގާސިމް އެ އިޝާރާތް ކުރެއްވީ ހުކުމުގައި ތިއްބެވި ސިޔާސީ ބޭފުޅުން ދޫކޮށްލަން ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުން ނެރުއްވި އަމުރަށެވެ.

އެކަމަކު އެ ވާހަކަތަކާ ގުޅިގެން ޖުމްހޫރީ ޕާޓީން އޭރު ބުނީ ގާސިމް ދެއްކެވި ވާހަކަ އޮޅުވާލައިގެން ފަތުރަމުންދާ ކަމަށާއި އޭނާ ވިދާޅުވީ ރައީސް އަބްދުﷲ ޔާމީން ބޭނުންފުޅު ނުވާ ގޮތަށް ހުކުމެއް އައުމުން ތަންފީޒު ނުކުރެއްވި ވާހަކަ ކަމަށެވެ.

ރައީސް ޔާމީން މިއަދު ހދ. ހަނިމާދުއަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ސަލާމް ކުރައްވަނީ. - ފޮޓޯ: ރައީސް އޮފީސް

ރައީސް ޔާމީން މިއަދު ހދ. ހަނިމާދުއަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ސަލާމް ކުރައްވަނީ. - ފޮޓޯ: ރައީސް އޮފީސް

"ގާސިމަކީ ކޯޓު މަރުހަލާ އަށް ފަރިތަ ބޭފުޅެއް. ކޯޓުތައް ހުރި ތަން، ކޯޓުތަކުގައި ހިނގަންވާ އެންމެ ކުރު މަގުން އިންސާފާ ހަމައަށް ދާން ވަރަށް ފަރިތަ ބޭފުޅެއް. އެހެންވީމަ ތިން އަހަރުގެ ހުކުމެއް އައުމާ ގުޅިގެން މައުސޫމް ކަމަށް ވާ ނަމަ، ކުށުން ބަރީއަވެވަޑައިގަތުމަށް އިސްތިއުނާފަށް ވަޑައިގަންނަވާ،" ރައީސް ވިދާޅުވި އެވެ.

ގާސިމްގެ މައްޗަށް ތިން އަހަރު ދުވަހުގެ ޖަލު ހުކުމެއް އައީ، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ހުށަހެޅިކަން ކްރިމިނަލް ކޯޓުގައި ސާބިތުވުމާ ގުޅިގެންނެވެ.

ގާސިމް ބޭސްފަރުވާ އަށް ސިންގަޕޫރަށް ފުރާވަޑައިގަތީ އޭނާގެ މައްޗަށް ހުކުމް އައި ފަހުން، ސެޕްޓެމްބަރު 6، 2017 ގަ އެވެ. ސިންގަޕޫރުން ބޭސްފަރުވާ ކުރެއްވުމަށް ފަހު، އޭނާ ވަކި ހިސާބަކުން ޖަރުމަނަށް ވަޑައިގެން އެ ގައުމުން ހިމާޔަތް ހޯއްދެވި ގޮތަށް އުޅުއްވަނީ ޖަރުމަނުގަ އެވެ.

ރައީސް ޔާމީން ވިދާޅުވި ގޮތުގައި ގާސިމަކީ މައުސޫމް ބޭފުޅަކަށް ވާ ނަމަ، އެ ކުށުން ބަރީއަވުމަށް މަސައްކަތް ކުރައްވަން ޖެހޭނެ އެވެ. އޭގެ ބަދަލުގައި އަމިއްލަ އަށް އަރުވާލެވިގެން އެތައް ދުވަހަކު ހުންނަވާ ނަމަ، އިސްތިއުނާފް މަރުހަލާތައް ކާމިޔާބުނުވާނެ ކަން ގާސިމް، ރައްޔިތުންނަށް ވިދާޅުވާން ރައީސް އެދިވަޑައިގެންނެވި އެވެ.

"ތިން އަހަރުގެ ހުކުމެއް އައުމާ ގުޅިގެން މައުސޫމް ކަމަށްވާ ނަމަ، ކުށުން ބަރީއަވެވަޑައިގަތުމަށް އިސްތިއުނާފަށް ވަޑައިގަންނަވާ. އޭގެ ބަދަލުގައި ވަޑައިގެން އެހެން ކަރައެއްގައި ހުންނެވުމަކީ އެއަށް އަޅުގަނޑަށް ހައްލެއް ގެނެސްދެވޭނެ ކަމެއް ނޫން،" ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ގާސިމަށް ރިޔާސީ އިންތިހާބަށް ކުރިމަތިނުލެއްވެނީ އޭނާގެ މައްޗަށް އައި ތިން އަހަރު ދުވަހުގެ ޖަލު ހުކުމާއި ގާސިމް ވޯޓު ދެއްވައިގެން ގާނޫނުއަސާސީ އަށް ގެނައި އިސްލާހުގެ ސަބަބުން ކަމަށެވެ. ރައީސް އެ އިޝާރާތް ކުރެއްވި އިސްލާހަކީ އުމުރުން 65 އަހަރުން މަތީގެ މީހުންނަށް ރާއްޖޭގެ ވެރިކަމަށް ނާދެވޭ ގޮތަށް ގާނޫނުއަސާސީ އަށް ގެނައި އިސްލާހެވެ.

ރައީސް ވިދާޅުވި ގޮތުގައި ގާސިމް އެ އިސްލާހަށް ވޯޓު ދެއްވާފައި، އިންތިހާބަށް ކުރިމަތިލައްވަން ހުރަސްތަކެއް އޮތް ކަމަށް ވިދާޅުވެގެން ނުވާނެ އެވެ.