Roadha Mihaaru
ޕީޕީއެމަށް އެންމެ ބޮޑު ކުރިއެރުމެއް ލިބުނީ މާމިގިލިން

މި ފަހުން ޕީޕީއެމަށް އެންމެ ބޮޑު ކުރިއެރުމެއް ލިބުނީ މާމިގިލިން: ނިހާން

05 ސެޕްޓެމްބަރ 2018

ޕީޕީއެމަށް، ފަހުގެ ތާރީޚެއްގައި އެންމެ ބޮޑު ކުރިއެރުމެއް ލިބުނީ ޖުމްހޫރީ ޕާޓީގެ ފައުންޑަރު ގާސިމް އިބްރާހީމްގެ އުފަން ރަށް އދ. މާމިގިލިން ކަމަށް ޕީޕީއެމުން މިއަދު ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ޕީޕީއެމަށް، ފަހުގެ ތާރީޚެއްގައި އެންމެ ބޮޑު ކުރިއެރުމެއް ލިބުނީ ޖުމްހޫރީ ޕާޓީގެ ފައުންޑަރު ގާސިމް އިބްރާހީމްގެ އުފަން ރަށް އދ. މާމިގިލިން ކަމަށް ޕީޕީއެމުން މިއަދު ބުނެފި އެވެ.

ޕީޕީއެމުން ބޭއްވި ނިއުސް ކޮންފަރެންސެއްގައި، އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަހުމަދު ނިހާން އެހެން ވިދާޅުވީ ޕީޕީއެމްގެ މުސްތަޝާރު ރައީސް އަބްދުﷲ ޔާމީން އއ. އާއި އދ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި މާމިގިއްޔަށް އިއްޔެ ވަޑައިގެން، ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ކުރައްވާފައި ވަނިކޮށެވެ.

ނިހާން ވިދާޅުވީ، ރައީސް ޔާމީން ގެނެސް ދެއްވާފައިވާ ތަރައްގީ ފެނިގެން، ގިނަ ބަޔަކު ޕީޕީއެމާ ގުޅެމުން އަންނަ ކަމަށެވެ. އެގޮތުން، އެ ޕާޓީއަށް މި ފަހުން ގާތްގަނޑަކަށް 80 ޕަސެންޓުގެ ބޮޑު ކުރިއެރުމެއް ހޯދާފައި ވަނީ، އިދިކޮޅު ކޯލިޝަނާ ގުޅިގެން ރައީސް ޔާމީނާ ދެކޮޅަށް މަސައްކަތް ކުރައްވަމުން ގެންދަވާ ގާސިމްގެ ބާރުވެރިކަން އޮންނަ މާމިގިލިން ކަމަށް ނިހާން ވިދާޅުވި އެވެ.

ނިހާން ވިދާޅުވީ ސިޔާސީ ގޮތުން ގާސިމް އެންގެވި ގޮތް ނޫން އެހެން ގޮތަކަށް މާމިގިލީގައި އުޅޭ "ކުކުޅު ހާ ވެސް ހަރަކާތް ނުކުރާ މިންވަރަށް" މާމިގިލީ ކޮންޓްރޯލް ކޮށްގެން އުޅޭ ކަމަށް ގާސިމްގެ ޓީމުން ބުނާ ކަމަށެވެ. ނަމަވެސް، މިދިޔަ ފަސް އަހަރުގެ ތެރޭގައި މާމިގިލީގެ ތަރައްގީ އަށް ސަރުކާރުން ކޮށްދީފައިވާ ކަންތައްތައް އެ ރަށުގެ ރައްޔިތުން މިހާރު ބަލައިގެންފައިވާ ކަމަށް ނިހާން ވިދާޅުވި އެވެ.

"ފަހުގެ ތާޜީހުގައި ޕީޕީއެމަށް، ގާތްގަނޑަކަށް 80 ޕަސެންޓް ބޮޑު ކުރިއެރުމެއް އަޅުގަނޑުމެން ހޯދި ރަށަކީ އދ. މާމިގިލީ ކަމުގައި ދަންނަވަން،" ރައީސް ޔާމީންގެ އަރިހުގައި އިއްޔެ މާމިގިއްޔަށް ވެސް ވަޑައިގެންނެވި ނިހާން ވިދާޅުވި އެވެ.

"އެ ރަށުގައި އުޅޭ ދިވެހި ރައްޔިތުންގެ ތެރެއިން ބުއްދި ސަލާމަތުން، ހެޔޮ ވިސްނުމުގައި ތިއްބެވި ދިވެހި ރައްޔިތުން ގަބޫލު ކުރައްވާ ކަން ހާމަވެގެން އެ ދިޔައީ ރައީސް ޔާމީންގެ ތަރައްގީ ވަރަށް ބޮޑު ތަނުން ކުރިއަށް ގޮސްފި ކަމަށާއި އަދި ހުދު މާމިގިއްޔަށް ވެސް މިހާތަނަށް ތަރައްގީގެ ގޮތުން މަޝްރޫއުތައް ގެނެސް ދެއްވުމުގައި ރައީސް ޔާމީންގެ ދައުރު އިންތިހާއަށް އޮތްކަން އެބޭފުޅުން ގަބޫލު ކުރައްވާކަން ހަމަ ގައިމު ވެސް އަޅުގަނޑަށް ފެނިގެންދިޔަ."

މާމިގިލީން ޕީޕީއެމަށް ބޮޑު ކުރިއެރުމެއް ލިބިފައިވާ ކަމަށް ނިހާން ވިދާޅުވިއިރު، މާމިގިލީގައި ރައީސް ޔާމީން އިއްޔެ ވަނީ ވަކި ފިކުރެއްގެ މަތީގައި "ގުޑާނުލެވި" އޮތް އަރިއަތޮޅުގެ ރައްޔިތުން ވެސް ތަރައްގީގެ ވިސްނުމާ އެކު ކުރިއަށް ދިއުމަށް ގޮވާލައްވައިފަ އެވެ.

އަރިއަތޮޅުގައި ހިމެނޭ އއ. އަދި އަދ. އަކީ ގާސިމަށް ތާއީދު ބޮޑު ދެ އަތޮޅެވެ. މީގެ ކުރިން ބޭއްވި އިންތިޚާބުތަކުގައި ނަތީޖާ ނެރެދީފައި ވަނީ ވެސް އޭނާގެ ވިސްނުމާ އެއްގޮތަށެވެ.

އަންނަ ހުކުރު ދުވަހުގެ ރޭ މާލޭގައި ޕީޕީއެމްގެ ބޮޑު ޖަލްސާއެއް ބާއްވާއިރު އެ ޖަލްސާގައި މެނިފެސްޓޯގެ މުހިއްމު ކަންތައްތައް ހިއްސާކުރެވިގެންދާނެ ކަމަށް ނިހާން ވަނީ މިއަދު ވިދާޅުވެފަ އެވެ.