22 ޖުލައި 2018
ރަށްވެހި ވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓުލާން ރަޖިސްޓަރީ ކޮށްދިނުމުގައި މަކަރު ހެދުމާއި އޮޅުވައިލުމުގެ އަމަލުތަކެއް ވެރިކަން ކުރާ ޕާޓީ، ޕީޕީއެމުން ހިންގާ ކަމަށް ތުހުމަތުކޮށް، އެ ޕާޓީ މެދުވެރިކޮށް ރަޖިސްޓަރީ ވެފައި ތިބި މީހުން އަލުން ފޯމު ހުށަހަޅަން އިދިކޮޅު ޕާޓީތަކުން މިއަދު ގޮވާލައިފި އެވެ.
ރަށްވެހި ވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓުލާން ރަޖިސްޓަރީ ކޮށްދިނުމުގައި މަކަރު ހެދުމާއި އޮޅުވައިލުމުގެ އަމަލުތަކެއް ވެރިކަން ކުރާ ޕާޓީ، ޕީޕީއެމުން ހިންގާ ކަމަށް ތުހުމަތުކޮށް، އެ ޕާޓީ މެދުވެރިކޮށް ރަޖިސްޓަރީ ވެފައި ތިބި މީހުން އަލުން ފޯމު ހުށަހަޅަން އިދިކޮޅު ޕާޓީތަކުން މިއަދު ގޮވާލައިފި އެވެ.
ސެޕްޓެމްބަރު 23 ގައި އޮންނަ މި އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރަން އިއްތިހާދުވެފައިވާ އިދިކޮޅު ޕާޓީތަކުން ބޭއްވި ޕްރެސް ކޮންފަރެންސެއްގައި އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އަލީ ނިޔާޒް ވިދާޅުވީ ވޯޓުލާން ރަޖިސްޓަރީ ކުރުވުމުގެ ނަމުގައި ކަންބޮޑުވާ ކަންތައްތަކެއް ހިންގަމުންދާ ކަމަށެވެ. އެންމެ ބޮޑު ބިރަކީ، ރަޖިސްޓަރީ ކުރުވާ ގިނަ އަދަދެއްގެ ފޯމުތައް އިލެކްޝަންސް ކޮމިޝަނަށް ހުށަނާޅައި ވޯޓުލުމުގެ ހައްގުން އެތައް ބަޔަކު މަހްރޫމް ކުރުން ކަމަށް އޭނާ ވިދާޅުވި އެވެ.
ނިޔާޒް ތުހުމަތު ކުރެއްވި ގޮތުގައި، ސަރުކާރުގެ މިނިސްޓްރީތަކާއި ކުންފުނިތަކުގެ މުވައްޒަފުން ލައްވައ ޕީޕީއެމުން، ރަޖިސްޓަރީ ކުރުވަނީ ވެސް އިންތިޚާބުގައި މަކަރު ހަދައި އޮޅުވައިލުމަށެވެ. އެ އޮޅުވާލުންތަކުގައި، އިލެކްޝަންސް ކޮމިޝަންގެ ބައިވެރިވުން ހިމެނޭ ކަމަށް ވެސް އޭނާ ތުހުމަތު ކުރެއްވި އެވެ.
"މި ގޮތަށް ރަޖިސްޓަރީ ކުރާއިރު އެންމެ ބިރުވެރި ކަމަކީ އެ ފޯމުގައި އެ މީހަކު ވޯޓުލާން ރަޖިސްޓަރީވާ ތަނެއް ވެސް ލިޔެފައި ނޯންނަ ކަން. އެ ބައި ފުރަނީ، ކުންފުނިތަކުން ކަމަށް ވަނީ. އެހެންވީމާ އަޅުގަނޑުމެން އިލްތިމާސް ކުރަން، މަޖުބޫރު ވެގެން އެ ފަދަ ފޯމެއްގައި ސޮއިކުރި ނަމަވެސް ދެ ވަނަ ފަހަރަށް، ތިބޭފުޅުންނަށް އިތުބާރު ހިފޭ ތަނެއްގައި ރަޖިސްޓަރީ ކުރައްވާށޭ. ދެ ވަނަ ފަހަަރަށް ފޯމު ހުށަހެޅުމަކީ މައްސަލައެއް ނޫން ކަަމަށް އިލެކްޝަންސް ކޮމިޝަނުން ވެސް ވިދާޅުވެފައި ވަނީ،" ނިޔާޒް ވިދާޅުވި އެވެ.
އިދިކޮޅު ކޯލިޝަންގެ ބައެއް ބޭފުޅުން މިދިޔަ ހަފުތާގައި އިލެކްޝަންސް ކޮމިޝަންގައި. - ފޮޓޯ: އެމްޑީޕީ
އޭނާ ވިދާޅުވީ، ރަޖިސްޓަރީ ވުމަށް އެދި ފޯމު ހުށަހެޅުމަށް ފަހު އިލެކްޝަންސުން ދޭ ލިޔުން ހޯދުމަކީ ވެސް މި ހާލަތުގައި ކުރަން މަޖުބޫރު ކަމެއް ކަމަށެވެ. އެއީ، އެއްވެސް ގޮތަކުން، ވޯޓުގެ ހައްގު ގެއްލިޔަ ނުދޭން ކަމަށް ވެސް ވިދާޅުވި އެވެ.
"އިންތިޚާބުގައި މަކަރު ހަދަން ބޭނުން ކުރަން ރާވާފައިވާ އުކުޅުތައް އަޅުގަނޑުމެންނަށް އެބަ އެނގޭ. އަޅުގަނޑުމެން ރައީސް ޔާމީންގެ އެ އަތްބައި ބަލައިފިން. އެ އަތްބައިގެ އެއްބަޔަކީ ނުބައި ތަންތަނަށް ރީ-ރެޖިސްޓަރީ ކުރުވުން،" ނިޔާޒް ވިދާޅުވި އެވެ.
އެންމެ ހަތް ރިސޯޓުގައި ވޯޓު ފޮށި ބަހައްޓަން ނިންމުމާއި ނުކުޅެދުންތެރިކަން ހުންނަ މީހުން ވޯޓުލާން އިލެކްޝަންސް ކޮމިޝަންގެ އޮފިޝަލުން އެހީވުމާއި ދަފްތަރުގެ ރަޖިސްޓަރީ ފަދަ ކަންކަމަކީ ވެސް އޮޅުވައިލަން ހިންގަން އުޅުނު އަަމަލުތަކެއް ކަމަށާއި ސަރުކާރުން ބޭނުންވި ގޮތަށް އެކަން ކާމިޔާބު ނުވީ ރައްޔިތުން ދޫދޭން ބޭނުން ނުވުމުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ވޯޓުލާން ރަޖިސްޓަރީ ކުރުމުގެ ޝަކުވާތަކާ ގުޅިގެން، އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނީ، ރަޖިސްޓަރީ ކުރަން ދިން ފޯމު އެ ކޮމިޝަނަށް ހުށަހެޅި ކަމާ މެދު ޝައްކުވާ ނަމަ، އެ ކޮމިޝަނަށް ދެ ވަނަ ފަހަރަށް ފޯމު ހުށަހަޅައިގެން ރަޖިސްޓަރީ ވުމަކީ މައްސަލައެއް ނޫން ކަަމަށެވެ. އޭރުން އެއް ފޯމު ބާތިލްކޮށް، އެ މީހަކު ރަޖިސްޓަރީ ކޮށްދޭނެ ކަމުގެ ޔަގީންކަން ވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ ދީފަ އެވެ.
ރިޔާސީ އިންތިޚާބަށް، އަދާލަތު ޕާޓީގެ ކެމްޕޭން މެނޭޖަރަކަށް ހަމަޖައްސާފައިވާ އަހްމަދު ނޫމާން ވިދާޅުވި ގޮތުގައި، ވޯޓުލާން ރަޖިސްޓަރީ ކުރުމުގެ ނަމުގައި ސަރުކާރުގެ ކުންފުނިތަކުގެ ބައެއް މުވައްޒަފުންގެ އައިޑީ ކާޑު އަތުލަމުންދާ ކަމުގެ މައުލޫމާތު ވެސް ވަނީ ލިބިފަ އެވެ. އޭގެ އިތުރުން، ސިވިލް ސާވަންޓުންގެ އާއިލާތަކުގެ އައިޑީ ކާޑުގެ މައުލޫމާތު ހޯދަން ވެސް މަޖުބޫރު ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
ނޫމާން ވިދާޅުވީ، ރައްޔިތުންގެ ތާއީދު ނޯންނަ ސަރުކާރުތަކުން އިންތިޚާބު ކާމިޔާބު ކުރަން ވަރަށް ގިނަ އުކުޅުތައް ބޭނުން ކުރާ ކަމަށެވެ. އެއް ކަމަކީ، އޭނާ ވިދާޅުވި ގޮތުގައި، ވޯޓުލާން ނުކުންނަ މީހުންގެ އަދަދު މަދުކުރުމެވެ. އަދި ސަރުކާރުގެ އަމަލުތަކުން އެ މަންޒަރު ފެންނަމުންދާ ކަމަށް ވެސް ވިދާޅުވި އެވެ.
"ތަކުރާރުކޮށް އަޅުގަނޑުމެން މި ދަންނަވަނީ އިލެކްޝަންސް ކޮމިޝަނަކީ މިނިވަން ތަނެއް ނޫން ކަމަށް. ކަންކަން ބަދަލުކުރަން ޖެހޭ ކަމަށް،" ނޫމާން ވިދާޅުވި އެވެ.
ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު ޑރ. ހުސެއިން ރަޝީދު ހަސަން ވިދާޅުވީ، ކިތަންމެ އުކުޅެއް ބޭނުންކޮށްގެން ވެސް އިންތިޚާބުގައި މަކަރު ހަދަން އުޅުނަސް ޕާޓީތަކުން އެ ފުރުސަތެއް ނުދޭނެ ކަމަށެވެ. ރައްޔިތުން ތިބީ އިދިކޮޅު ޕާޓީތަކާ އެކު ކަމަށާއި އިންތިޚާބުގައި ރައީސް ޔާމީން ބޮޑުތަނުން ބަލިކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެމްޑީޕީގެ މެމްބަރުންގެ އަދަދު ބައިލައްކައަށް އަރައިފި
އިންތިޚާބު އޮޅުވާލަން ފުރުސަތެއް ނެތް: ޝަރީފް
އިންތިޚާބުގެ ނަތީޖާ އޮތީ އުފައްދާފައި: މުއިއްޒު
އިންތިހާބު ބާއްވަނީ ހަމަނުޖެހުންތަކަށް މަގުފަހިވާ ގޮތަށް
އިންތިޚާބުގައި ވާދަކުރަން ހަތް މީހަކު ފޯމު ނަގައިފި
ގާނޫނުއަސާސީ ބުނާ އަދަދު ނެތަސް ވޯޓު ނަގަން ނިންމައިފި
މެމްބަރުން ޖަލްސާތަކުގައި ބައިވެރިވާން އާދޭސް ކުރަނީ!
ގާނޫނުތަކަށް ހުށަހެޅި އިސްލާހަށް މިއަދުވެސް ވޯޓަށް ނޭހި
ރިޔާސީ އިންތިހާބުގެ ހިސާބުތަކާއި ސިޔާސީ ބޮޑު މަންޒަރު!
އެމްޑީޕީއަށް 15 މިލިއަން، ޕީޕީއެމަށް 9 މިލިއަން