Roadha Mihaaru
ހައި ކޯޓު ފަނޑިޔާރު ކަމަށް ކުރިމަތިލާން ހުޅުވާލައިފި

ހައި ކޯޓު ފަނޑިޔާރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

01 އޯގަސްޓް 2016

ހައި ކޯޓު ފަނޑިޔާރުންގެ ބެންޗުން ހުސްވެފައިވާ ދެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ހުޅުވާލައިފި އެވެ.

ހައި ކޯޓު ފަނޑިޔާރުންގެ ބެންޗުން ހުސްވެފައިވާ ދެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ހުޅުވާލައިފި އެވެ.

ޖޭއެސްސީން މިއަދު ކުރި އިއުލާނުގައި ބުނެފައި ވަނީ ހައި ކޯޓަށް ދެ ފަނޑިޔާރުން ހޯދަން ބޭނުންވާ ކަމަށާއި އެ ދެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިމަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ.

ހައި ކޯޓު ފަނޑިޔާރުންނަށް މުސާރަ އާއި އިނާޔަތްތަކާ އެކު މަހަކު 54،000ރ. އާއި ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ގޮތެއްގެ މަތިން މެޑިކަލް އިންޝުއަރެންސް ލިބޭނެ އެވެ.

ހައި ކޯޓުގެ ނުވަ ފަނޑިޔާރުންގެ ބެންޗުން ދެ މަގާމު ހުސްވީ އެ ކޯޓުގެ ފަނޑިޔާރަކަށް ހުންނެވި ޑރ. އަޒްމިރަލްދާ ޒާހިރު ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވުމުންނާއި އެ ކޯޓު ފަނޑިޔާރަކަށް ހުންނެވި އައްބާސް ޝަރީފް ފަނޑިޔާރުކަމުން އަމިއްލަފުޅަށް ރިޓަޔާ ކުރެއްވުމުންނެވެ.

ހައި ކޯޓުގެ ދެ ގޮތްޕެއް ރާއްޖޭގެ ދެ ސަރަހައްދެއްގައި ގާއިމްކުރަންޖެހޭ ގޮތަށް ކޯޓުތަކުގެ ގާނޫނަށް އިސްލާހު ގެނެސްފައި ވާތީ ދެކުނު ގޮފި އައްޑޫގައި ގާއިމްކޮށް، ތިން ފަނޑިޔާރަކު އެތަނަށް ވަނީ ހަމަޖައްސައިފަ އެވެ. އެއީ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދާއި ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ އަދި ފަނޑިޔާރު ޝުޖާއު އުސްމާނެވެ. އެކަމަކު އުތުރު ގޮފި އަދި ގާއިމެއް ނުކުރެ އެވެ.

ހައި ކޯޓު މާލޭ ބްރާންޗްގައި މިހާރު ތިއްބެވީ އިސް ފަނޑިޔާރު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އަބްދުﷲ ހަމީދާއި ފަނޑިިޔާރު އަލީ ސަމީރު އަދި ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމެވެ.