Roadha Mihaaru
އާ ނިޒާމަކުން، އޫރު މަހާއި ބަނގުރާ މޮނިޓަރު ކުރަނީ

އޫރު މަހާއި ބަނގުރާ މޮނިޓަރު ކުރާނެ އާ ނިޒާމެއް ތައާރަފްކުރަނީ

24 ޖުލައި 2018

ރާއްޖެ އަށް އެތެރެ ކުރާ އޫރު މަހާއި، ބަނގުރާގެ ބާވަތްތައް މޮނިޓަރު ކުރާނެ އާ ނިޒާމެއް އަންނަ މަހުން ފެށިގެން ބޭނުންކުރަން ފަށާނެ ކަމަށް ކަސްޓަމުން މިއަދު ބުނެފި އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

ރާއްޖެ އަށް އެތެރެ ކުރާ އޫރު މަހާއި، ބަނގުރާގެ ބާވަތްތައް މޮނިޓަރު ކުރާނެ އާ ނިޒާމެއް އަންނަ މަހުން ފެށިގެން ބޭނުންކުރަން ފަށާނެ ކަމަށް ކަސްޓަމުން މިއަދު ބުނެފި އެވެ.

ކަސްޓަމްސް ހެޑް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް މުހައްމަދު ޖުނައިދު ވިދާޅުވި ގޮތުގައި އަލަށް ތައާރަފް ކުރާ މި ނިޒާމުގެ ދަށުން، އޫރު މަހާއި ބަނގުރާ އުފުލާ ހުރިހާ ކަނޑު އުޅަނދެއްގައި، އެ އެއްޗެއްގެ ދަތުރު ސެޓަލައިޓުން މޮނިޓަރު ކުރެވޭނެ ޑިވައިސެއް ހަރުކުރާނެ އެވެ.

މި އާ ނިޒާމުން އުޅަނދުތައް މޮނިޓަ ކުރަން ފެށުމުން، އެ ތަކެތި އުފުލާ އުޅަނދުފަހަރު އެ އެއްޗެއް ދާންވާ މަންޒިލް ނޫން އެހެން ތަނަކަށް ދާ ނަމަ ކަސްޓަމްގެ ކޮންޓްރޯލް ރޫމަށް އެނގޭނެ އެވެ.

"އެ [ދޯނި ދާންވާ] ރިސޯޓުގެ ނަން އަޅުގަނޑުމެންނަށް އެނގޭނެ. އެހެންވީމަ އެ ރިސޯޓު ނޫން އެހެން ދިމާލަކަށް އެ ދޯނި މިސްރާބު ޖަހައިފިއްޔާ އަޅުގަނޑުމެންނަށް އެނގޭނެ،" ޖުނައިދު ވިދާޅުވި އެވެ.

"މީގެ ސަބަބުން ރާއްޖެ އަށް އެތެރެވެގެން އަންނަ ބަނގުރާ ކޮންމެ ވެސް ގޮތަކަށް ކޮންޓްރޯލް ކުރެވޭނެ."

ޖުނައިދު ވިދާޅުވީ މަސްތުވާ ތަކެއްޗާއި ބަނގުރާގެ މައްސަލައަކީ އަލަށް ދިމާވެގެން އުޅޭ މައްސަލައެއް ނޫން ކަމަށެވެ. ނަމަވެސް ރާއްޖެ އަށް މަސްތުވާތަކެތި އެތެރެވުން ކޮންޓްރޯލް ކުރުމަށް ކެނޑި ނޭޅި ކަސްޓަމުން މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.