Roadha Mihaaru
ވެހިކަލްތައް އެތެރެކުރުމުގައި އޮޅުވާލާ މައްސަލަ ބަލަނީ

ވެހިކަލްތައް އެތެރެކުރުމަށް ފަހު، ލިޔެކިޔުންތައް އޮޅުވާލާ މައްސަލަ ބަލަނީ

20 ޖުލައި 2020

ރާއްޖެ އަށް ވެހިކަލްތައް އެތެރެކުރުމަށް ފަހު، ޑިއުޓީއާ ގުޅޭ ލިޔެކިޔުންތައް އޮޅުވައިލާ މައްސަލަތަކަށް ހައްލު ހޯދަން ޓްރާންސްޕޯޓް މިނިސްޓްރީ އާއި ކަސްޓަމްސް އިން މަޝްވަރާ ފަށައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ރާއްޖެ އަށް ވެހިކަލްތައް އެތެރެކުރުމަށް ފަހު، ޑިއުޓީއާ ގުޅޭ ލިޔެކިޔުންތައް އޮޅުވައިލާ މައްސަލަތަކަށް ހައްލު ހޯދަން ޓްރާންސްޕޯޓް މިނިސްޓްރީ އާއި ކަސްޓަމްސް އިން މަޝްވަރާ ފަށައިފި އެވެ.

އެކަމާ ގުޅޭ ގޮތުން، ޓްރާންސްޕޯޓު މިނިސްޓަރު އާއިޝަތު ނަހުލާ އާއި ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް އަބްދުﷲ ޝަރީފާއި އެ ދެ އިދާރާގެ އެހެން އިސްބޭފުޅުން އިއްޔެ މަޝްވަރާ ކުރެއްވި އެވެ.

އެ ބައްދަލުވުމަށް ފަހު، ކަސްޓަމްސް އިން ކުރި ޓުވީޓެއްގައި ބުނީ ވެހިކަލްތައް އެތެރެކޮށް، ޑިއުޓީ ދެއްކުމަށް އެ އިދާރާ އަށް ހުށަހަޅާ ލިޔެކިޔުންތައް ބަދަލުކޮށްގެން، ރަޖިސްޓަރީ ކުރަން ޓްރާންސްޕޯޓް މިނިސްޓްރީ އަށް ހުށަހަޅާފައިވާ ކަމަށް ތަހުގީގަށް ފާހަގަވެފައިވާ ކަމަށެވެ. އެހެންވެ، އެކަން ހައްލު ކުރަން ކަސްޓަމްސްގެ އިސްވެރިޔާ ޝަރީފް، މިނިސްޓަރު ނަހުލާއާ ބައްދަލުކުރެއްވީ ކަމަށް ކަސްޓަމްސް އިން ބުންޏެވެ.

މިކަމާ ގުޅޭ އިތުރު މައުލޫމާތެއް އަދި ދެ އިދާރާ އިން ވެސް ހާމައެއް ނުކުރެ އެވެ.

ރާއްޖެ އެތެރެކުރާ ވެހިކަލްތަކުގެ ޑިއުޓީ އޮޅުވައިލާ މައްސަލަ ތަހުގީގަށް ފާހަވުމުން، އެ މައްސަލަ ހައްލު ކުރުމުގެ މަޝްވަރާތައް ފެށިއިރު، ކަސްޓަމަސް އަށް 130 އަހަރު ފުރުމާ ގުޅިގެން މިދިޔަ ހޮނިހިރު ދުވަހު ދެއްވި ހިތާބުގައި ވެސް ކޮމިޝަނާ ޖެނެރަލް ޝަރީފް ވަނީ ހިދުމަތްތައް ދިނުމުގައި ނަޒާހަތްތެރިކަމަށް ހާއްސަ ސަމާލުކަމެއް ދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ.

ކަސްޓަމްސްގެ ޓްވީޓް

މަސްއޫލިއްޔަތުތައް އަދާކުރުމުގައި އަމާނާތްތެރިކަމާއި އިހުލާސްތެރިކަމާ އެކު ވަޒީފާ އަދާކުރުމަށް ކަސްޓަމްސްގެ ހުރިހާ މުވައްޒަފުންނަށް އޭނާ އިލްތިމާސް ކުރެއްވި އެވެ.

އޮޅުވާލައިގެން އެއް ގަރާޖެއްގައި ގިނަ އަދަދެއްގެ އުޅަނދުތައް ރަޖިސްޓަރީ ކުރާ މައްސަލަތަކެއް މިދިޔަ އަހަރު ފެންމަތިވި އެވެ. މިފަދަ ކަންކަން ކުރަނީ ޓްރާންސްޕޯޓް މިނިސްޓްރީގެ ތެރެއިން ބައެއްގެ ބައިވެރިވުން އޮވެގެން ކަމަށް ވެސް ޓްރާންސްޕޯޓް މިނިސްޓަރު ނަހުލާ އޭރު ވިދާޅުވެފައި ވެ އެވެ.