Roadha Mihaaru
ނިޒާމީ ވޯޓުގައި އިދިކޮޅުގެ ސްޓޭންޑް ނޭނގި ހިމޭނުން!

ނިޒާމީ ބަހުސްގައި އިދިކޮޅުގެ ސްޓޭންޑް ނޭނގި ހިމޭނުން!

21 އެޕްރީލް 2021

ބަރުލަމާނީ ނިޒާމަށް ބަދަލުކޮށް ބޮޑުވަޒީރަކަށް ވެވަޑައިގަތުމުގެ ޝައުގުވެރިކަން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ފާޅުކުރެއްވިޔަސް، އެކަމުގައި އިދިކޮޅު ކޯލިޝަނުން އެއްވެސް އެއްޗެކޭ އަދި ނުބުނެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ބަރުލަމާނީ ނިޒާމަށް ބަދަލުކޮށް ބޮޑުވަޒީރަކަށް ވެވަޑައިގަތުމުގެ ޝައުގުވެރިކަން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ފާޅުކުރެއްވިޔަސް، އެކަމުގައި އިދިކޮޅު ކޯލިޝަނުން އެއްވެސް އެއްޗެކޭ އަދި ނުބުނެ އެވެ.

ގައުމު ހިންގުމުގައި އަމަލީ ގޮތުން ބައިވެރިވެ ވަޑައިގަންނަވަން ބޭނުންފުޅުވާ ކަމަށާއި 2023 ގައި ބޮޑުވަޒީރަކަށް ވެ ވަޑައިގަތުމުގެ ޝައުގުވެރިކަން އޮތްް ކަމަށް ވިދާޅުވެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ މިދިޔަ އާދިއްތަ ދުވަހުގެ ރޭ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް މެސެޖަކުން ދަންނަވައިފަ އެވެ. ޖަވާބުގައި ރައީސް ވިދާޅުވީ ނިޒާމަށް ބަދަލެއް ގެނެވޭނީ ރައްޔިތުންގެ ވޯޓަކުން ކަމަށެވެ.

ނަމަވެސް ރާއްޖޭގައި މިހާރު އޮތް ރިޔާސީ ނިޒާމު ބަދަލުކުރަން ބޭނުންވާކަން ނަޝީދު ވިދާޅުވިތާ ތިން ދުވަސް ވެގެންދާއިރު ވެސް އިދިކޮޅު ކޯލިޝަނުން ރަސްމީކޮށް އެއްވެސް އެއްޗެކޭ ނުބުނެ އެވެ. އެ މައްސަލައިގައި ބައެއް މެމްބަރުން ސޯޝަލް މީޑިއާގައި ހިޔާލުފާޅުކުރައްވާފައި އެބަހުއްޓެވެ. އެކަމަކު އެއީ ޕީޕީއެމް/ޕީއެންސީގެ ރަސްމީ ސްޓޭންޑެއް ނޫނެވެ.

ތަފާތު އެކި މައްސަލަތަކުގައި އިދިކޮޅު ކޯލިޝަނުން ބަޔާންތައް ނެރެ، އެ ފަރާތްތަކުގެ އަޑު ރައްޔިތުންނަށް އިއްވަ އެވެ. އެކަމަކު ނިޒާމީ ވޯޓުގެ ވާހަކަ އަށް އައިއިރު އެ ކަމެއް ވެސް ނުފެނުނެވެ. އިދިކޮޅު ކޯލިޝަންގެ ވަގުތީ ލީޑަރު، ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް ގުޅުމުން ޖަވާބެއް ނުދެއްވަ އެވެ.

އިދިކޮޅު ޕާޓީން އިސްކުރި ހިމޭންކަން އެއްބަޔަކު ނެގީ، ނިޒާމީ ވޯޓަކީ މަނީލޯންޑަރިންގެ ކުށުގައި ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންކުރަން ބޭނުންކުރާނެ ވޯޓެއް ކަމަށެވެ.

އެނގިފައިވާ ގޮތުގައި ނިޒާމީ ވޯޓު މައްސަލައިގައި އިދިކޮޅު ކޯލިޝަނުން އަދި ރަސްމީކޮށް މަޝްވަރާއެއް ނުކުރެ އެވެ. ނަމަވެސް ބައެއް މެމްބަރުންގެ ވިސްނުން ހުރީ، ޔާމީން މިނިވަންކޮށް އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ދީފިނަމަ ބަރުލަމާނީ އަށް ތާއީދުކުރާށެވެ.

އެ މައްސަލައިގައި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ކުރެއްވި ޓްވީޓުގައި ވިދާޅުވީ ވެރިކަންކުރަން ނޭންގުމަކީ ނިޒާމު ބަދަލުކުރަންޖެހޭ ސަބަބެއް ނޫން ކަމަށެވެ. ބަދަލުކުރަން ޖެހޭނީ ވެރިކަން ކުރަން ތިބި މީހުންކަމަށް އޭނާ ވިދާޅުވި އެވެ.

"އެކަން ވެސް ކުރަން ވާނީ ރައްޔިތުންގެ ވޯޓަކުން. ވެރިކަމުގެ ނިޒާމާ ބެހޭގޮތުން އަޅުގަނޑު ތާއީދުކުރަނީ ރައްޔިތުންގެ ނިންމުމަށް،" އާދަމް ޝަރީފްގެ ޓްވީޓުގައި ވެ އެވެ.

މާވަށު ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ސައީދު ކުރެއްވި ޓްވީޓުގައި ވިދާޅުވީ އެއީ ދެ ރައީސާއި ސަރުކާރަށް ވާގަވެރިވާ ފަރާތްތަކުގެ ހޭލުންތެރި ރޭވުމެއް ކަމަށެވެ. އެކަމުގައި ޓިއުޝަން ނަގައިދެނީ "އެފްއެމް ވެރިރަށަށް ހާޒިރުކޮށްގެން" ކަމަށާއި ރައީސާއި ސަރުކާރު އެކަން ދޮގެއް ނުކުރާނެ ކަމަށް ވެސް ސައީދު ވިދާޅުވި އެވެ.