Roadha Mihaaru
ސޮވަރިން ފަންޑުގައި 47 މިލިއަން ޑޮލަރު އެބަހުރި

ސޮވަރިން ފަންޑުގައި 47 މިލިއަން ޑޮލަރަށް ވުރެ ގިނަ ފައިސާ ރައްކާ ކޮށްފައި އެބަހުރި: ރަައީސް ޔާމީން

27 ޖުލައި 2018

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން މިދިޔަ އަހަރު އުފެއްދި ސޮވަރިން ޑިވެލޮޕްމަންޓް ފަންޑު ގައި 47 މިލިއަން ޑޮލަރަށް ވުރެ ގިނަ ފައިސާ މިހާތަނަށް ރައްކާ ކޮށްފައިވާ ކަމަށް އެމަނިކުފާނު ރޭ ވިދާޅުވެއްޖެ އެވެ.

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން މިދިޔަ އަހަރު އުފެއްދި ސޮވަރިން ޑިވެލޮޕްމަންޓް ފަންޑު ގައި 47 މިލިއަން ޑޮލަރަށް ވުރެ ގިނަ ފައިސާ މިހާތަނަށް ރައްކާ ކޮށްފައިވާ ކަމަށް އެމަނިކުފާނު ރޭ ވިދާޅުވެއްޖެ އެވެ.

ސޮވަރިން ފަންޑަކީ ކުއްލި ހާލަތު ގައި ކުރިމަތިވެދާނެ ކަމަކަށްޓަކައި އަދި ތަރައްގީގެ ތަފާތު މަޝްރޫއުތައް ހިންގުމަށްޓަކައި ނަގާ ބޮޑެތި ލޯނުތައް އަނބުރާ ދެއްކުމުގަ އާއި އިގުތިސާދަށް އައިސްދާނެ ލޮޅުމަކުން ލިބޭ ގެއްލުން ފޫބެއްދުމަށްޓަކައި ސަރުކާރުން އުފައްދާފައިވާ ފަންޑެކެވެ. މިއީ ސެންޓްރަލް ބޭންކް، އެމްއެމްއޭގެ ރިޒާވްއާ މުޅިން ތަފާތު، އެކަމަކު ފައިސާ ރައްކާ ކުރުމަށްޓަކައި އުފައްދާފައިވާ ފަންޑެކެވެ.

މިފަދަ ރިޒާވް ފަންޑެއް އުފެއްދުމަށް ރާއްޖޭގެ ގާނޫނުއަސާސީން ވެސް ސަރުކާރަށް ލާޒިމް ކޮށްފައިވާއިރު، ސިންގަޕޫރު ކަހަލަ ގައުމުތަކުގައި ވެސް ކުއްލި ހާލަތުގައި ބޭނުން ކުރާނެ ފަންޑެއް އުފައްދާފައި ވެ އެވެ.

އިއްޔެ ފާހަގަކުރި ރާއްޖޭގެ މި އަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭއްވި ޖަލްސާ ގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، އެމަނިކުފާނު ވެރިކަމަށް ވަޑައިގަތުމުގެ ކުރީގެ ފަސް އަހަރު ތަރައްގީގެ މަޝްރޫއުތަކަށް ހޭދަކޮށްފައިވާ 8.3 މިލިއަން ރުފިޔާ އަށް ވުރެ މަތިން މި ސަރުކާރުން ޚަރަދު ކޮށްފައިވާ ކަމަށެވެ. ރައީސް ވިދާޅުވި ގޮތުގައި އެމަނިކުފާނުގެ ސަރުކާރުގެ ހަތަރު އަހަރުގެ 8.7 މިލިއަން ރުފިޔާ ތަރައްގީގެ މަޝްރޫއުތަކަށް ޚަރަދު ކޮށްފައި ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ މައްސަލާގައި ބޭރުގެ ކުންފުންޏަކަށް ގާތްގަނޑަކަށް ހަ ބިލިއަން ރުފިޔާ ދެއްކުމަށް ފަހު ކަމަށެވެ.

މިނިވަން ދުވަހުގެ މުނާސަބަތު ގައި ރޭ ބޭއްވި ޖަލްސާ ގައި ރައީސް ޔާމީން ބައެއް ބޭފުޅުންނާ ސަލާމް ކުރައްވަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

މިނިވަން ދުވަހުގެ މުނާސަބަތު ގައި ރޭ ބޭއްވި ޖަލްސާ ގައި ރައީސް ޔާމީން ބައެއް ބޭފުޅުންނާ ސަލާމް ކުރައްވަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

"މި ހަތަރު އަހަރު ދުވަހުގެ ތެރޭގައި ދައުލަތުގެ ރިޒާވް ވަނީ 368 މިލިއަން އެމެރިކާ ޑޮލަރުން އޭގެ ދެ ގުނަ، 773 މިލިއަން އެމެރިކާ ޑޮލަރަށް މައްޗަށް ޖެއްސިފައި،" ޖުމްހޫރީ މައިދާނު ގައި ބޭއްވި މިނިވަން ދުވަހުގެ ރަސްމީ ޖަލްސާ ގައި ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، މިދިޔަ ދުވަސްތަކުގައި، އެއް ވިސްނުމަށް ވުރެ ގިނަ ވިސްނުމާ އެކު، ޚާރިޖީ ގުޅުން ގާއިމްކޮށް، އެންމެ ސިނާއަތަކަށް ބަރޯސާ ވެފައި އޮތް އިގުތިސޯދު ހުޅުވައިލުމުގައި ވެސް ގިނަ ކާމިޔާބީތަކެއް ހާސިލް ކުރެވިފައިވާ ކަމަށެވެ.

އަދި ވިދާޅުވީ، މާލެ-ހުޅުލޭ ބްރިޖު އެއްގަމު މަގުން މިހާރު ގުޅާލާފައިވާއިރު، އެ ތާރީޚީ ބިނާއާ އެކު، ރާއްޖޭގެ ތަރައްގީގައި އިންގިލާބީ އައު ބާބެއް ފަށައިގެންފައިވާ ކަމަށެވެ.

"ހަމަ އެއާ އެކު، އަތޮޅުތަކުގެ ރައްޔިތުންގެ މުޅި އުންމީދަކީ ހުޅަނގު މޫސުމުގެ ވިއްސާރައިގެ ކުރިން ބަނދަރު ނިމުން ކަމުގައި ވި ދުވަސްތައް ކަޑައްތުކޮށް، ކައިރި މުސްތަގްބަލެއްގައި ރަށުން ފުރައިގެން އުދުހިފައި މާލެ އަށް އައުމުގެ އުންމީދު ކުރެވޭ ވަރަށް ރައްޔިތުންގެ ދިރިއުޅުން އުޖާލާ ކުރެވިފައި. މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް 24 ގަޑިއިރު ކަރަންޓު ދީ، އަތޮޅުތަކުގައި މާލެ އަށް ވުރެ އަގު ބޮޑުކޮށް ހުރި ކަރަންޓު މާލެއާ އެއްވަރުކޮށް ހިފެހެއްޓިފައި،" ރައީސް ޔާމީންގެ ވެރިކަމުގައި ހޯދާފައިވާ ކާމިޔާތަކަށް އަލިއަޅުވާލައްވަމުން އެމަނިކުފާނު ވިދާޅުވި އެވެ.

"ކާޑުގެ އަގު ހެޔޮކުރެވިފައި. މަތީ ތައުލީމަށް ފައިސާ ނުލިބޭ އެއްވެސް ކުއްޖަކު ނުހުންނާނޭ ގޮތަށް ކަންކަން ހަމަޖެއްސިފައި. ކުށްކުރުން ސައްތައަކުން 35 ދަށް ކުރެވިފައި."

ރާއްޖޭގެ މިނިވަން ކަމަށް 53 އަހަރު ފުރުން ފާހަގަ ކުރުމަށް ޖުމްހޫރީ މައިދާނުގައި ރޭ ބޭއްވި ރަސްމިއްޔާތުގައި، ޓޫރިޒަމްގެ ދާއިރާއިން އަހުމަދު މާހިރަށް، ރައީސް ޔާމީން ޝަރަފުވެރިކަމުގެ ގައުމީ އިނާމު ދެއްވަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

ރާއްޖޭގެ މިނިވަން ކަމަށް 53 އަހަރު ފުރުން ފާހަގަ ކުރުމަށް ޖުމްހޫރީ މައިދާނުގައި ރޭ ބޭއްވި ރަސްމިއްޔާތުގައި، ޓޫރިޒަމްގެ ދާއިރާއިން އަހުމަދު މާހިރަށް، ރައީސް ޔާމީން ޝަރަފުވެރިކަމުގެ ގައުމީ އިނާމު ދެއްވަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

ރައީސް ވިދާޅުވި ގޮތުގައި، މި ސަރުކާރުން މިހާތަނަށް ވަނީ 22 ރަށެއް ގައި ފެނުގެ ޒަމާނީ ނިޒާމާއި 21 ރަށެއް ގައި ނަރުދަމާގެ ވަސީލަތްތައް ގާއިމް ކޮށްދީފަ އެވެ. އަދި 88 ރަށަކަށް ރައްކާތެރިކަމާ އެކު ލަފާކުރެވޭނެ ގޮތް ހޯދައިދިން ކަމަށް ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ ތިލަދުންމަތިން ފެށިގެން އައްޑުއާ ހަމައަށް، އެމަނިކުފާނުގެ ސަރުކާރުން ހިންގާ ތަރައްގީގެ ހެޔޮ ބަދަލު ތަޖުރިބާ ނުކުރާ އެއްވެސް މީހަކު ނުހުންނާނެ ކަމަށެވެ. އަދި ވިދާޅުވީ، އެކި ސަރަޙައްދުގައި ހިންގަމުންދާ ގެންދާ ތަރައްގީގެ ބޮޑެތި މަޝްރޫއުތަކާއި ރައްޔިތުންގެ ދިރިއުޅުމަށް ގެންނަން މަސައްކަތް ކުރަމުންދާ ހެޔޮ ބަދަލުތަކުގެ ސަބަބުން، ރައްޔިތުންނަށް މިއަދު ތިބީ އުންމީދުގެ ރަން ފަތިހަކަށް އަލިވިލިއްޖެ ކަމުގެ އުފަލުގައި ކަމަށެވެ.

"ފައިސާ އާއި ފުރުސަތުގެ ހުރަސްތައް ގިރާކޮށް، ދިވެހި ކޮންމެ ދަރިއަކީ ތައުލީމީ، ފަންނުވެރި، އަމިއްލަ ގެދޮރުގައި އާއިލާ ގޮވައިގެން، އެހެން ވެސް ގައުމުތަކުގައި މީހުންނަށް ލިބިދޭ ފަސޭހަތަކާ އެކު ދިރިއުޅުމުގެ އުންމީދެއް އޮތް، ދަރިއެއް ކަމުގައި މިއަދު މިދަނީ ހަދައިދެވެމުން،" ރައީސް ޔާމީންގެ ރިޔާސީ ފުރަތަމަ ދައުރުގެ އެންމެ ފަހުގެ މިނިވަން ދުވަހުގެ ޖަލްސާ ގައި އެމަނިކުފާނު ވިދާޅުވި އެވެ.