Roadha Mihaaru
"މިނިވަންކަމަށްޓަކައި ބަލަން ޖެހޭނީ އުދަރެހުގެ ކޮޅަށް"

މިނިވަންކަމުގެ ޔަގީންކަން ބޭނުން ނަމަ ބަލަން ޖެހޭނީ އުދަރެހުގެ އެންމެ ކޮޅަށް: ރައީސް

27 ޖުލައި 2024

ރާއްޖޭގެ މިނިވަންކަމާއި އިގުތިސާދީ ސިޔާދަތަށް ޔަގީންކަން ބޭނުން ނަމަ ބަލަން ޖެހޭނީ އުދަރެހުގެ އެންމެ ކޮޅަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ މިނިވަންކަމާއި އިގުތިސާދީ ސިޔާދަތަށް ޔަގީންކަން ބޭނުން ނަމަ ބަލަން ޖެހޭނީ އުދަރެހުގެ އެންމެ ކޮޅަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ 59 ވަނަ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި އެ މަނިކުފާނު ވިދާޅުވީ، މިނިވަންކަން ބޭނުން ނަމަ ބަލަން ޖެހޭނީ ވީހާ ވެސް ދުރަށް ކަމަށެވެ. ދަރިންގެ ދަރިންގެ މުސްތަގުބަލް ހަރުދަނާކޮށް، ރާއްޖޭގެ ސިޔާދަތީ މިނިވަންކަން ޔަގީންވާ ހިސާބަށް ދެވޭނީ އޭރުން ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، އިގުތިސާދީ ގޮތުން ދިވެހިން އަމިއްލަ ފައިމައްޗަށް ތެދުވެފައިވާ ކަމުގެ އިހުސާސް ކުރެވެން އޮތީ އިގުތިސާދު ޑައިވާސިފައި ކޮށްގެން ކަމަށެވެ. އެހެންވެ، ހަމައެެކަނި ޓޫރިޒަމަށް ބަރޯސާވުމުގެ ބަދަލުގައި އިގުތިސާދީ ތަފާތު މަސައްކަތްތައް ކުރަން މިހާރު ފަށާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

އޭގެ ތެރެއިން އެއްކަމެއްގެ ގޮތުގައި އެ މަނިކުފާނު ފާހަގަކުރެއްވީ މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސާވިސް އޮތޯރިޓީ އެވެ. އޭގެ ބޭނުމަކީ އިންޓަނޭޝަނަލް ފައިނޭންޝަލް ސާވިސް ސެންޓަރު ރާއްޖޭގައި ގާއިމްކުރުން ކަމަށް ވިދާޅުވި އެވެ. އެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށް ދާ ކަން ރައީސް ފާހަގަކުރެއްވި އެވެ.

މި އަހަރުގެ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް މުއިއްޒު ރޭ ވާހަކަފުޅު ދައްކަވަނީ.---ފޮޓޯ: ރައީސް އޮފީސް

މި އަހަރުގެ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް މުއިއްޒު ރޭ ވާހަކަފުޅު ދައްކަވަނީ.---ފޮޓޯ: ރައީސް އޮފީސް

"މި ދެންނެވި މިފްޒާ އަށް ބޭނުންވާ ބިލް ވެސް އިރާދަކުރެއްވިއްޔާ ޑްރާޓްކޮށް ހުށަހެޅުމުގެ މަސައްކަތް މި ވަނީ ފެށިފައި،" ސޯޝަލް ސެންޓަރުގައި ބޭއްވި ޖަލްސާގައި ރައީސް މުއިއްޒު ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ، ފުރަތަމަ ފަހަރަށް ރާއްޖޭގައި ޑިވެލޮޕްމަންޓް ބޭންކެއް މި ސަރުކާރުން އުފައްދާފައިވާ ކަމަށާއި އެ ބޭންކުގެ ބޯޑުގައި ތިބޭނީ އެކަމުގެ ތަޖުރިބާ ނެތް މީހުން ނޫން ކަމަށެވެ.

"ދުނިޔޭގެ އެހެން ގައުމުތަކުގައި މިކަން ކޮށްފައި ތިބި، ރާއްޖޭގެ ޑިވެލޮޕްމަންޓް ބޭންކް މެދުވެރިކޮށް ވިޔަފާރި ކުރުމުގެ ޔަގީންކަން އެ ބޯޑުގައި ތިބި މީހުންނަށް ބަލައިލީމާ ލިބޭނެ ވަރުގެ މީހުން އަޅުގަނޑުމެން މި ހޯދަނީ. އެހެންވީމާ އެ ބޯޑުގައި ތިބޭނީ އެފަދަ މީހުން. މި ބޭންކުގެ ސީއީއޯއަކަށް ވެސް އެފަދަ މީހަކު މި ހޯދަނީ. އެ މަސައްކަތް މިހާރު ހިނގަނީ،" ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވި ގޮތުގައި ރާއްޖޭގައި ފުރަތަމަ ފަހަރަށް އިންޓަނޭޝަނަލް ބަންކަރިންގެ ހިދުމަތް އަންނަ މަހު ފަށާނެ އެވެ. އެ ހިދުމަތް ފަށައި ފުރަތަމަ އެއް އަހަރުގެ ތެރޭގައި އެކަނިވެސް ރާއްޖޭގެ ޖީޑީޕީ އަށް 400 މިލިއަން ޑޮލަރު އިތުރު ވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.

މި އަހަރުގެ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް މުއިއްޒުގެ ދެކަނބަލުން ރޭ ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ރައީސް އޮފީސް

މި އަހަރުގެ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް މުއިއްޒުގެ ދެކަނބަލުން ރޭ ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ރައީސް އޮފީސް

"އޭރުން ދަރަނި ކުޑަވެގެން އެބަދޭ. ޑެޓް ޖީޑީޕީ އެބަ ދަށްވޭ. ދަަރަނި އެބަ ދަށްވޭ. އޭގެ އިތުރަށް ވެސް ގިނަ ފައިދާތަކެއް އެބަވޭ. ބިޒްނަސް ޕްރޮފިޓް ޓެކްސް އިން ލިބޭ ފައިދާތައް އެބަ ލިބޭ. ވަޒީފާތައް އެބަ ލިބޭ. އުތުރުގައި މިކަން ކުރާ ސަރަހައްދުގައި ހާއްސަކޮށް [ވަޒީފާ] އުފެދޭނެ. އަދި އެމްޕީއެލުން ބޭނުންވާ ނަމަ ކޮންމެ ސަރަހައްދަކުން ވެސް ރައްޔިތުންނަށް ވަޒީފާ ދެވޭނެ،" ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ، ބަންކަރިންގެ ހިދުމަތާ އެކު، އެމްޕީއެލްގެ މަސައްކަތްތައް ވެސް ފުޅާވެ، ސަރުކާރަށް ފައިދާތަކެއް ވާނެ ކަމަށެވެ.

ރައީސް މުއިއްޒު ވިދާޅުވީ، ދައުލަތުގެ ރިޒާވަށް އެންމެ ބޮޑު ނޭދެވޭ އަސަރެއް ކުރަނީ ދަރަންޏާއި ތެލަށް ކުރޭ ހޭދަ ބޮޑުވުމުން ކަމަށެވެ. ރާއްޖެ އަށް ބޭނުންވާ ވަރަށް ތެޔޮ ގަންނަން އަހަރަކު 500-600 މިލިއަން ޑޮލަރު ހަރަދު ކުރަންޖެހޭ ކަމަށާއި އެކަމަކު އެ ހަރަދު ކުޑަކުރުމުގެ ބޭނުމުގައި ސްޕެޝަލް އިކޮނޮމިކް ޒޯނުގެ ތެރެއިން މަސައްކަތްތައް ފަށަން ތައްތާރުވަމުން އަންނަ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

ދުނިޔޭގެ އެހެން ގައުމުތަކުގައި މިކަން ކޮށްފައި ތިބި، ރާއްޖޭގެ ޑިވެލޮޕްމަންޓް ބޭންކް މެދުވެރިކޮށް ވިޔަފާރި ކުރުމުގެ ޔަގީންކަން އެ ބޯޑުގައި ތިބި މީހުންނަށް ބަލައިލީމާ ލިބޭނެ ވަރުގެ މީހުން އަޅުގަނޑުމެން މި ހޯދަނީ. އެހެންވީމާ އެ ބޯޑުގައި ތިބޭނީ އެފަދަ މީހުން. މި ބޭންކުގެ ސީއީއޯއަކަށް ވެސް އެފަދަ މީހަކު މި ހޯދަނީ.--- ރައީސް

ސްޕެޝަލް އިކޮނޮމިކް ޒޯންތައް ހުޅުވައިލުމުން އެންމެ ފުރަތަމަ ވެސް ލިބުނީ "ސޯލާ ސިޓީ" އެއް ގާއިމްކުރުމުގެ ޕްރޮޕޯޒަލެވެ. އެހެންވެ، މާލެ ސަރަހައްދުން ބަނޑޮސް ކައިރިން އެ މަސައްކަތަށް ހާއްސަަ ފަޅެއް މިހާރު ހަމަޖައްސައި، އެއްބަސްވުމަކާ ހަމައަށް އައިސްފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

"އޭގެ ދަށުން 100 މެގަވޮޓުގެ ކަރަންޓު މި އުފެއްދެނީ. މި ސަރަހައްދަށް، މާލެ ސަރަހައްދަށް މި ބޭނުންވަނީ އެންމެ ގިނަ ވިޔަސް، ހުޅުމާލެ، ހުޅުލެ، މާލެ، ވިލިމާލެ، ގުޅިފަޅު، ގިރާވަރުފަޅު މުޅި ސަރަހައްދަށް ބޭނުންވަނީ ގާތްގަނޑަކަށް 150-160 މެގަވޮޓް އެންމެ ގިނަވިޔަސް،" ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ، "ސޯލާ ސިޓީ" އިން ދޭ ކަރަންޓު ނެޓްވޯކް ސްޓެލްކޯގެ ގްރިޑާ ގުޅާލާނެ ކަމަށާއި އޭގެ ނަތީޖާއަކީ މިހާރު ތެލަށް ކުރޭ ހޭދަ ދެބައިކުޅަ އެއްބަޔަށް މި ފަސް އަހަރުގެ ތެރޭގައި ކުޑަވުން ކަމަށެވެ. އެއީ ހަމައެކަނި މާލެ ސަރަހައްދެވެ.

"އެހެންވީމާ ދަރަނި ކުޑަކުރުމާއި ތެލަށް ކުރާ ހަރަދު ކުޑަކުރުން ވެގެން ދާނީ އަޅުގަނޑުމެންގެ ރިޒާވަށް ހެޔޮ އަސަރު ކުރުން،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

ރައީސް ރޭ ވިދާޅުވީ، ތެޔޮ ރައްކާ ކުރުމަށް މާލެ އަތޮޅު ފުނަދޫގައި ހަދާފައިވާ ފެސިލިޓީ ވެސް މާގިރި ފަޅަށް ބަދަލުކުރުމުގެ މަސައްކަތް ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ނިމޭނެ ކަމަށެވެ. އޭރުން ފުނަދޫގައި ގާއިމް ކުރަނީ އިންޓަނޭޝަނަލް ފައިނޭންޝަލް ސާވިސް ސެންޓަރެވެ.

އެ މަނިކުފާނު ފާހަގަކުރެއްވި ގޮތުގައި އިންޓަނޭޝަނަލް ފައިނޭންޝަލް ސާވިސް ސެންޓަރު އުފެއްދުމަކީ ވެސް ރާއްޖޭގެ އިގުތިސާދީ ސިޔާދަތަށް ލިބޭ އިތުރު ޔަގީން ކަމެކެވެ.