Roadha Mihaaru
ސިއްރު ފެންފުށީގައި ބެހެއްޓި ބުދުތައް ނަގަން އަންގައިފި

ސިއްރު ފެންފުށީގެ "ގެލެރީ" ގައި ބެހެއްޓި ބުދުތައް ނަގަން ސަރުކާރުން އަންގައިފި

27 ޖުލައި 2018

ސިއްރު ފެންފުށީގެ "ގެލެރީ" ގައި ބެހެއްޓި ބުދުތައް ނަގަން ސަރުކާރުން އަންގައިފި އެވެ.

ސިއްރު ފެންފުށީގެ "ގެލެރީ" ގައި ބެހެއްޓި ބުދުތައް ނަގަން ސަރުކާރުން އަންގައިފި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް މުއާޒް އަލީ މިއަދު ކުރެއްވި ޓުވީޓެއް ގައި ވިދާޅުވީ، ށ. އަތޮޅުގައި ހިންގާ ސިއްރު ފެންފުށީ ގައި ބުދުތަކެއް ބެހެއްޓި ކަމުގެ މައުލޫމާތު އެ އޮފީހަށް ލިބުމާ އެކު، އެ ތަކެތި ނެގުމުގެ މަސައްކަތް ޓޫރިޒަމް މިނިސްޓްރީ އާއި އެ ރިސޯޓުގެ މެނޭޖުމަންޓް ގުޅިގެން މިހާރު ކުރިއަށް ދާ ކަމަށެވެ. އަދި އެ ތަކެތި މާދަމާގެ ނިޔަލަށް އެއްކޮށް ނަގައި ނިންމުމަށް ރައީސް އޮފީހުން ޓޫރިޒަމް މިނިސްޓްރީ އަށް އަންގާފައިވާ ކަމަށް ވެސް މުއާޒް ވިދާޅުވި އެވެ.

ސިއްރު ފެންފުށީގެ ގެލެރީގައި ބެހެއްޓި ބުދުތައް.--- ފޮޓޯ: ކެޓް ވިންޓަން

ސިއްރު ފެންފުށީގެ ގެލެރީގައި ބެހެއްޓި ބުދުތައް.--- ފޮޓޯ: ކެޓް ވިންޓަން

އިނގިރޭސި ވިލާތުގެ އާޓިސްޓެއް ކަމަށްވާ ޖޭސަން ޑިކެއާސްގެ ޚިޔާލާ އެއްގޮތަށް އުފެއްދި މި ގެލަރީ ނުވަތަ އެގްޒިބިޝަން ގާއިމް ކޮށްފައި ވަނީ ސިއްރު ފެންފުށީގެ ފަޅުތެރޭގަ އެވެ. މޫދުގެ ދިރުންތަކާއި އިންސާނުންނާ އޮތް ގުޅުން މިތަނުގައި ދައްކުވައިދީފައި ވަނީ އިންސާނުންނާ ވައްތަރު ގޮތަށް ހަދާފައި ހުރި ބުދުތަކާއި އޭގައި ހަރުކޮށްފައިވާ މުރަކަތަކުންނެވެ.

އެ ބުދުތައް ނެގުމަށް ސަރުކާރުން އެންގިއިރު، އެ ތަކެތި ބެހެއްޓި މައްސަލާގައި ދީނީ އިލްމުވެރިންނާއި ބައެއް ސިޔާސީ މީހުންގެ ފާޑުކިޔުން ސަރުކާރަށް ވަނީ ވަރަށް ބޮޑަށް އަމާޒުވެފަ އެވެ. އެގޮތުން، އެއީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހުއްދަ ދީގެން ގަސްދުގައި ކޮށްފައިވާ ކަމެއް ބުނެ ވެސް ބައެއް މީހުން ފާޑުކިޔާފައި ވެ އެވެ.

ނަމަވެސް، މި ބުދަތައް ރާއްޖެ އެތެރެކުރި ގޮތާއި އެ ތަކެތި ބަހައްޓައިގެން ސިއްރު ފެންފުށީ ގައި ޚާއްސަ ގެލެރީއެއް ހެދުމަށް ހުއްދަ ލިބުނު ގޮތާ ގުޅޭ ގޮތުން ސަރުކާރުން އަދި ވަކި އެއްޗެއް ނުބުނެ އެވެ.

ސިއްރު ފެންފުށީގެ ގެލެރީގައި ބެހެއްޓި ބުދުތައް.--- ފޮޓޯ: ކެޓް ވިންޓަން

ސިއްރު ފެންފުށީގެ ގެލެރީގައި ބެހެއްޓި ބުދުތައް.--- ފޮޓޯ: ކެޓް ވިންޓަން

ސިއްރު ފެންފުށީގައި، ބުދު ބަހައްޓައިގެން، ކޮރަލޭރިއަމްގެ ނަން ދީފައިވާ މިތަން ހަދާފައި ހުންނަނީ، ހަ މީޓަރު ހުންނަ ދަގަނޑު ފޮއްޓެއްގެ ގޮތަށެވެ. އޭގެ ތަންތަންގަނޑު ކަނޑައިގެން، ފެނާއި ވައި ދައުރު ވާނެ ގޮތަށް ހަދާފައިވާ މި ފޮށީގެ ބޮޑުބައި ހުންނަނީ ފެނުން މަތީގަ އެވެ. އަދި ބިޔަ މި ފޮށީގެ މަތީގައި ވެސް ބުދުތައް ބަހައްޓާފައި ހުރި އިރު، ފޮށީގެ އެތެރޭގައި، ދެ ފެން ދޭތެރެ އާއި މޫދު އަޑީގައި ވެސް ބުދުތައް ހުރެ އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އައްޑޫ ގައި ބޭއްވި ސާކް ސަމިޓާ ދިމާކޮށް، މޮނިއުމަންޓް ސިފައިގައި ހުރި ބުދުތަކެއް އެ ސިޓީ ގައި ބެހެއްޓި މައްސަލަ ވެސް ކުރިން ވަރަށް ބޮޑަށް ހޫނުވެ، ބޮޑު ހަމަނުޖެހުމަކަށް ދިޔަ އެވެ. އެ ތަކެތި، އެމްޑީޕީގެ ސަރުކާރުން އޭރު ނުނެގުމުން އައްޑޫގެ ބައެއް މީހުން ވަނީ އެ އަށް ގެއްލުން ދީ ހަލާކުކޮށްލައިފަ އެވެ.