Roadha Mihaaru
"ވަކި ބޭފުޅަކު ބޭނުންވާ ގޮތަށް ސަރުކާރު ނުހިންގާނެ"

ދެކޮޅަށް ތެދުވިޔަސް ވަކި ބޭފުޅަކު ބޭނުންވާ ގޮތަށް ސަރުކާރު ނުހިންގާނެ: މުއާޒް

30 އޮކްޓޯބަރ 2016

ސަރުކާރާ ދެކޮޅަށް ތެދުވިޔަސް ވަކި ބޭފުޅަކު ބޭނުންވާ ގޮތަށް ސަރުކާރު ނުހިންގާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް މުއާޒް އަލީ ރޭ ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ސަރުކާރާ ދެކޮޅަށް ތެދުވިޔަސް ވަކި ބޭފުޅަކު ބޭނުންވާ ގޮތަށް ސަރުކާރު ނުހިންގާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް މުއާޒް އަލީ ރޭ ވިދާޅުވެއްޖެ އެވެ.

ރައީސް އަބްދުﷲ ޔާމީން ވެރިކަމަށް ގެންނެވުމަށް އެންމެ ބޮޑަށް މަސައްކަތްޕުޅު ކުރެއްވި ބޭބޭފުޅު، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް، ސަރުކާރަށް ކުރައްވާ ތާއީދު އަނބުރާ ގެންދެވުމުން ކުރިމަތިވެފައިވާ ފާޑުކިޔުންތަކަށް ރައްދު ދެއްވައި މުއާޒް ކުރެއްވި ޓުވީޓްތަކެއްގައި ވިދާޅުވީ ސަރުކާރު ދެމި އޮންނަނީ ރައްޔިތުންނަށްޓަކައި ކަމަށެވެ. ވަކި ބޭފުޅަކު މި ސަރުކާރަށް ކުރައްވާ ތާއީދު އަނބުރާ ގެންދެވުމަކުން ތަރައްގީއަށް ހީނަރު ކަމެއް ނާންނާނެ ކަމަށް މުއާޒް ވިދާޅުވި އެވެ.

އޭނާ ނުސީދާކޮށް ވިދާޅުވެފައިވާ ގޮތުގައި މައުމޫންގެ ތާއީދު އަނބުރާ ގެންދެވީ އެމަނިކުފާނު ބޭނުންފުޅުވި ގޮތަށް ސަރުކާރު ނުހިންގާތީ އެވެ.

"ވަކި ބޭފުޅަކު ބޭނުންހާ ގޮތަކަށް ސަރުކާރު ހިންގަވާނެ ކަމަށް ދެކި ބޭނުންހާ ކަމެއް ހާސިލް ނުވުމުން، ސަރުކާރަށް ތާއީދު ކުރެއްވުން އަނބުރާ ގެންދަވައި މި ސަރުކާރުގެ ބޮލުގައި އެކި އިލްޒާމްތައް އަޅުވައި، ސަރުކާރާއި ދެކޮޅަށް ތެދުވި ނަމަވެސް މި ސަރުކާރުން ގަބޫލުކުރާ އުސޫލްތަކަށް ބަދަލެއް ނާންނާނެ،" މުއާޒް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ސަރުކާރުން އަބަދުވެސް ކަންކަން ކުރާނީ ރައްޔިތުންގެ ލާބަ އާއި މަންފާ އަށެވެ.

މި ސަރުކާރުން ކުރިއަށް ގެންދާ ތަރައްގީގެ މަޝްރޫއުތަކަށް، ކުރީގެ ރައީސުންނާއި އިދިކޮޅު ފަރާތްތަކުން ވެސް ޖާގަ ދެއްވަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ޒުވާނުން ރުޅި ނާރުވައި އަމާންކަން ދެމެހެއްޓުމަށް ޖާގަ ދޭން ޖެހޭ ކަމަށް ތަރުޖަމާން ޔވިދާޅުވި އެވެ.

ޕީޕީއެމަަށް ފަސް އަހަރު ފުރުން ފާހަގަކުރުމަށް ޝީ ބިލްޑިންޑުގައި ބޭއްވި ކުޑަ ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން، ރައީސް ޔާމީނަށް ކުރައްވާ ތާއީދު، މައުމޫން އަނބުރާ ގެންދެވީ ވެރިކަން ކުރައްވާ ގޮތާ މެދު ވަރަށް ބޮޑަށް ފާޑުވިދާޅު ވަމުންނެވެ.

މައުމޫން ވިދާޅުވީ އެންމެ ފުރަތަމަ ގައުމު އިސްކޮށްގެން ވެރިކަމަށް އައި ސަރުކާރުން ކަންކަން ކުރަމުން މިހާރު ދަނީ ގާނޫނުތަކާއި ގަވާއިދުތަކާއި ޑިމޮކްރެސީގެ އުސޫލުތަކާ ހިލާފަށް ކަމަށެވެ. ތިން ބާރު ވަކިވެފައި އޮތް ނިޒާމުގައި ތިން ބާރު މަސްހުނިކޮށް، ހުރިހާ ބާރުތަކެއްގައި ވެސް ގަދަވެފައި ވަނީ އެއް ބޭފުޅެއްގެ އަޑު ކަމަށް މައުމޫން ވިދާޅުވި އެވެ. މުޅި ގައުމު ބޯލަނބަލަން ޖެހިފައި ވަނީ، މައުމޫން ވިދާޅުވެފައިވާ ގޮތުގައި، އެއް ބޭފުޅަކު އަންގަވާ ގޮތަކަށެވެ. ކޮރަޕްޝަން އިންތިހާ އަށް އޮތްއިރު، ރައްޔިތުންގެ މަޖިލިސް މެދުވެރިކޮށް ރައްޔިތުންނަށް ގެއްލުންވާ ފަދަ އެތައް ކަމެއް ހިންގާފައިވާ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.