Roadha Mihaaru
ދިރާގާއި ކޮފީ ލެބް ގުޅިގެން ބޮޑު ކޮފީ އިވެންޓެއް

ދިރާގާއި ކޮފީ ލެބް ގުޅިގެން ބޮޑު ކޮފީ އިވެންޓެއް ބާއްވަނީ

27 ޖުލައި 2018

ދިރާގާއި ކޮފީ ލެބް ރޯސްޓާސް ގުޅިގެން "އަ ގެދަރިން ފޯ ކޮފީ ލަވާސް"ގެ ނަމުގައި ބޮޑު ކޮފީ އިވެންޓެއް، މުބާރާތެއްގެ ގޮތުގައި ބާއްވަން ނިންމައިފި އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

ދިރާގާއި ކޮފީ ލެބް ރޯސްޓާސް ގުޅިގެން "އަ ގެދަރިން ފޯ ކޮފީ ލަވާސް"ގެ ނަމުގައި ބޮޑު ކޮފީ އިވެންޓެއް، މުބާރާތެއްގެ ގޮތުގައި ބާއްވަން ނިންމައިފި އެވެ.

ދިރާގުން މިއަދު ބުނީ އަންނަ ސެޕްޓެމްބަރު 7 ގައި ރަސްރަނި ބަގީޗާގައި ބާއްވާ އެ ހަރަކާތަކީ ކޮފީއާ ގުޅޭ ގޮތުން، އާއްމުންނަށް ހުޅުވާލައިގެން މިހާތަނަށް ރާއްޖޭ ގައި ބާއްވާ އެންމެ ބޮޑު ހަރަކާތް ކަމަށެވެ.

"ދިރާގު މޯލްޑިވްސް އޭރޯޕްރެސް ޗެމްޕިއަންޝިޕް 2018" ގެ ތެރެއިން، ރާއްޖޭގެ ތަފާތު ސްޕެޝަލްޓީ ކެފޭތަކާ ބައްދަލުވެ، އެ ތަންތަނުގެ ފަރާތުން އާއްމުންނަށް އެސްޕްރެސޯ، މެނުއަލް ބްރޫ، ސިގްނޭޗަ ބެވަރޭޖް އަދި ކޮފީ ޓޭސްޓިން (ކަޕިން) ފަދަ ސްޕެޝަލިޓީ ކޮފީގެ ތަފާތު ތަޖުރިބާތަކެއް ކުރުމުގެ ފުރުސަތު ލިބޭނެ ކަމަށް ވެސް ދިރާގުން ބުންޏެވެ.

ވޯލްޑް އޭރޯޕްރެސް ޗެމްޕިއަންޝިޕަކީ ދުނިޔޭގެ މަގުބޫލުކަން ލިބިފައިވާ ކޮފީ އިވެންޓެވެ. އެންމެ ފުރަތަމަ 2010 ގައި ލަންޑަން ގައި ފެށި މިމުބާރާތް ކޮންމެ އަހަރަކު ވެސް ތަފާތު ގައުމެއްގެ ތަފާތު ސިޓީއެއްގައި ބާއްވަ އެވެ. އޮސްޓްރޭލިއާގެ ސިޑްނީގައި ބާއްވާ މުބާރާތުގައި 50 ގައުމެއްގެ ޗެމްޕިއަނުން ވާދަކުރާނެ އެވެ.

ދިރާގުން ބުނީ، ރާއްޖޭ ގައި ބާއްވާ މުބާރާތުން އެއްވަނަ އަށް ހޮވޭ މީހަކަށް އެ ކުންފުނީގެ އެހީގައި ވޯލްޑް އޭރޯޕްރެސް ޗެމްޕިއަންޝިޕް ގައި ވާދަކުރުމަށް ސިޑްނީ އަށް ދިއުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ.

"ރާއްޖޭގައި ވަރަށް ދުވަސްވީ ވަރުގަދަ ކޮފީ ކަލްޗާއެއް އޮވޭ. އަޅުގަނޑުގެ އަމާޒަކީ ކޮފީ އިންޑަސްޓްރީގެ ދުނިޔޭގެ ބޮޑެތި ސްޓޭޖް ތަކުގައި ދިވެހިރާއްޖެ ތަމްސީލް ކުރުން. އަޅުގަނޑުގެ އުންމީދަކީ ރާއްޖޭގެ ގިނަ ޒުވާނުން ސްޕެޝަލްޓީ ކޮފީ ދާއިރާ އަށް ނުކުމެ ޕެޝަންއާ އެކު ޕްރޮފެޝަނަލް ކެރިއާ އެއްގައި ކުރިޔަށް ދިޔުން،" ކޮފީ ލެބް ރޯސްޓާސްގެ ސީއީއޯ އަފްރާހު ވިދާޅުވި އެވެ.

ދިރާގުން ބުނިގޮތުގައި، ރާއްޖޭގައި ކޮފީ އިވެންޓް ބޭއްވުމުގެ ކުރިން، ކޮފީ ހެދުމުގެ ވޯކްޝޮޕް ތަކެއް އޭރޯޕްރެސް އިން ކުރިއަށް ގެންދަން ވަނީ ހަމަޖެހިފަ އެވެ. ފުރަތަމަ ވޯކްޝޮޕް މި މަހުގެ 19 ގައި ބާއްވާފައިވާއިރު، ދެވަނަ ވޯކްޝޮޕް އޮންނާނީ އަންނަ މަހުގެ 16 ގައި، ހުޅުމާލޭ ގައި ހުންނަ ފެމިލީރޫމްގަ އެވެ. ދެވަނަ ވޯކްޝޮޕް ބާއްވާނީ އަންނަ މަހުގެ 30 ގައި، ދިރާގު ޕްރިމިއަ ލައުންޖުގަ އެވެ.

"ރާއްޖޭގެ އެންމެ ބޮޑު ޓެލެކޮމް ކުންފުނީގެ ހައިސިއްޔަތުން، ދިވެހި ވިޔަފާރި ތަކަށް ދިރާގުން ވަރަށް ބޮޑަށް އެހީތެރިކަން ދޭ. އަދި މިއާ އެކު ދިވެހި ހުނަރުވެހިން ބާރުވެރިކުރުމާއި މި ފަރާތްތަކަށް ދުނިޔޭގެ ބޮޑެތި ސްޓޭޖްތަކުގައި ތަމްސީލު ކުރުމުގެ ފުރުސަތު ހޯދައި ދިނުމަކީ ވެސް ދިރާގުން ވަރަށް އިސްކަން ދޭކަމެއް،" ދިރާގުން ބުންޏެވެ.