Roadha Mihaaru
މެރާކީ: އޭޝިޔާގެ ގަދަ 50 ގެ ތެރޭގައި

މެރާކީ: އޭޝިޔާގެ ގަދަ 50 ގެ ތެރޭގައި

28 ނޮވެމްބަރ 2020

އޭޝިއާގެ އެންމެ ފާހަގަކޮށްލެވޭ 50 ކޮފީ ޝޮޕް ލިސްޓުގައި ރާއްޖޭގެ "މެރާކީ ކޮފީ ރޯސްޓާސް" ހިމެނިއްޖެ އެވެ. މިއީ ދުނިޔޭގެ މަޝްހޫރު ޓްރެވަލް ސައިޓެއް ކަމަށްވާ "ބިގް ސެވަން" އިން ހަދާފައިވާ ރޭންކިން އެކެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

އޭޝިއާގެ އެންމެ ފާހަގަކޮށްލެވޭ 50 ކޮފީ ޝޮޕް ލިސްޓުގައި ރާއްޖޭގެ "މެރާކީ ކޮފީ ރޯސްޓާސް" ހިމެނިއްޖެ އެވެ. މިއީ ދުނިޔޭގެ މަޝްހޫރު ޓްރެވަލް ސައިޓެއް ކަމަށްވާ "ބިގް ސެވަން" އިން ހަދާފައިވާ ރޭންކިން އެކެވެ.

މި ލިސްޓް އެކުލވާލަނީ ބިގް ސެވަންގެ އޯޑިއެންސާއި ކަސްޓަމަރުންގެ ރިވިއުތަކާއި އެ ސައިޓުގެ އެޑިޓޯރިއަލް ޓީމުންނެވެ. މެރާކީ ހިމެނިފައިވަނީ މި ލިސްޓުގެ 25 ވަނައިގަ އެވެ.

ބިގް ސެވަން އިން ނެރުނު ލިސްޓުގައި މެރާކީ ސިފަ ކޮށްފައި ވަނީ އެމެރިކާގެ ބްރުކްލްގެ ތަނެއްގެ ގޮތުގަ އެވެ. އަދި އެ ތަނަކީ އަމިއްލަ އަށް ކޮފީ ރޯސްޓު ކުރާ ތަނެއް ކަމަށާއި ދުވަހުން ދުވަހަށް މެނޫ ބަދަލުވާ ކަން ވެސް ވަނީ ފާހަގަކޮށްފަ އެވެ.

މެރާކީގެ މެނޭޖަރު މޫތަމިދު ރަޝީދު (މޫތޫ) ބުނީ މިފަދަ ބޮޑު ޝަރަފެއް ލިބުމަކީ މެރާކީ އަށް ލިބޭ ކުރިއެރުމެއް ކަމަށެވެ. އަދި މި ލިސްޓުގައި ނަން ހިމެނުނުކަން އެނގުމުން ވަރަށް ބޮޑަށް "ސަޕްރައިޒް"ވި ކަމަށް އޭނާ ބުންޏެވެ.

މޫތޫ ބުނީ މެރާކީގެ ކުރިއެރުމުގެ ސިއްރަކީ އެތަނުގެ ހިދުމަތް ކަމަށެވެ. އެގޮތުން، 100 ޕަސެންޓު ދިވެހި މުވައްޒަފުން ތިބޭ އެ ކެފޭގައި އަމިއްލަ އަށް ކޮފީ ބީންސް ރޯސްޓްކޮށް ކަސްޓަމަރުން އެދޭ ގޮތަށް ކޮފީ ތައްޔާރު ކުރުމަކީ ކަސްޓަމަރުންގެ މެދުގައި މެރާކީގެ ކޮފީ އަށް އޮންނަ ޝައުގުވެރިކަން އިތުރުވާ ސަބަބެއް ކަމަށް އޭނާ ބުންޏެވެ.

"އަޅުގަނޑުމެންގެ 'އަންބާ' ބްލެންޑަކީ ހެނދުނު ހެނދުނާ އެންމެން ހޭލައްވާ ވަރަށް ރަހަމީރު ބްލެންޑެއް. މި ބްލެންޑަކީ ބްރެޒިލް އާއި ކޮލޮމްބިއާގެ މިކްސްއެއް. ވަރަށް ގިނަ ދިވެހިންނާއި ބޭރު ކަސްޓަމަރުންގެ މެދުގައި މަގުބޫލު ކޮފީއެއް މިއީ،" މޫތޫ ބުންޏެވެ.

ބިގް ސެވަން ޓްރެވަލް އިން ވަނީ މެރާކީން އެކަނި ލިބެން ހުންނަ "ހޯމް މޭޑް ކުކީސް"ގެ ރަހަ ބަލާލުމަށް ވެސް އެދިފަ އެވެ. މި ކުކީސް އަކީ "ސަމާސް ކުކީސް" އިން ތައްޔާރު ކުރާ "ޓްރިޕަލް ޗޮކްލެޓް ކުކީސް" އެވެ. މި ކުކީސް ހަދާފައިވަނީ ތިން ވައްތަރުގެ ޗޮކްލެޓު ބޭނުން ކޮށްގެންނެވެ. މޫތޫ ބުނިގޮތުގައި މެރާކީން މި ކުކީސް އަބަދު ވެސް ލިބެން ހުންނާނެ އެވެ.

މޫތޫ ބުނިގޮތުގައި މެރާކީން މިހާރު މަސައްކަތް ކުރަމުން އަންނަނީ އެ ކެފޭގެ ހިދުމަތްތައް އިތުރަށް ފުޅާ ކުރުމަށެވެ. އެގޮތުން، ކުރިއަށް އޮތްތާނގައި ޖާގަ އިތުރުކޮށް ކޮފީގެ ބާވަތްތައް ވެސް އިތުރުވާނެ ކަމަށް އޭނާ ބުންޏެވެ.

މެރާކީގެ ކެފޭ ހުންނަނީ ހަމައެކަނި މާލޭގަ އެވެ. އެހެންނަމަވެސް އެ ކެފޭގެ ކޮފީ ތަފާތު ރެސްޓޯރެންޓުތަކުންނާއި ރިސޯޓުތަކުން މިހާރު ލިބެން ހުރެ އެވެ. މީގެ ތެރޭގައި ރާއްޖޭގެ އެންމެ ލަގްޒަރީ ރިސޯޓު ޗެއިން ކަމަށްވާ ސޮނެވާއިން ވެސް މެރާކީގެ ކޮފީ ސާވް ކުރެ އެވެ.