Roadha Mihaaru
ކޮފީ ޝްރަބުން "ސައިލެންޓް ކޮފީ"

އިވުމުން މަހުރޫމް ވެފައިވާ މީހުންނަށް ކޮފީ ޝްރަބުން "ސައިލެންޓް ކޮފީ"

27 ނޮވެމްބަރ 2020

"މިޔަހެލި" މުބާރާތުގައި މިދިޔަ އަހަރު ދެވަނަ އަށް ހޮވުނު ކޮންސެޕްޓް ކަމަށްވާ "ސައިލެންޓް ކޮފީ" އިން ކޮފީ ޝްރަބް ކެފޭގައި އިއްޔެ ހިދުމަތް ދޭން ފަށައިފި އެވެ. މިއީ ރާއްޖޭގައި މިގޮތަށް ހިދުމަތް ދޭން ފެށި ފުރަތަމަ ކެފޭ އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

"މިޔަހެލި" މުބާރާތުގައި މިދިޔަ އަހަރު ދެވަނަ އަށް ހޮވުނު ކޮންސެޕްޓް ކަމަށްވާ "ސައިލެންޓް ކޮފީ" އިން ކޮފީ ޝްރަބް ކެފޭގައި އިއްޔެ ހިދުމަތް ދޭން ފަށައިފި އެވެ. މިއީ ރާއްޖޭގައި މިގޮތަށް ހިދުމަތް ދޭން ފެށި ފުރަތަމަ ކެފޭ އެވެ.

ޔޫއެންޑީޕީން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ރެޒިޑެންސް ރެޕްރެޒެންޓޭޓިވް އަކީކޯ ފޫޖީ މި ހިދުމަތް ފައްޓަވައިދެއްވުމަށް ފަހު ވިދާޅުވީ މިފަދަ ކެފޭއެއް ރާއްޖޭގައި ފުރަތަމަ ފަހަރަށް ހުޅުވުމުން، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް މުޖުތަމުގައި ފުރުސަތުތައް ލިބެން ހުރިކަން އަންގައިދޭ ކަމަށެވެ.

ޔޫއެންޑީޕީ އާއި އުރީދޫ ގުޅިގެން ހިންގާ "މިޔަހެލި" މުބާރާތުގައި މިދިޔަ އަހަރު ދެވަނައަށް ހޮވުނު "ސައިލެންޓް ކޮފީ" ކޮންސެޕްޓްގެ މަގްސަދަކީ އަޑު އިވުމުން މަހުރޫމު ވެފައިވާ މީހުންނަށް ކެފޭތަކުގައި ހިދުމަތް ހޯދަން ފަސޭހަ ކޮށްދިނުމަށާއި އެތަންތަނުގައި މަސައްކަތް ކުރުމުގެ ފުރުސަތު ހޯދައިދިނުމެވެ.

ޔޫއެންޑީޕީން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ރެޒިޑެންސް ރެޕްރެޒެންޓޭޓިވް އަކީކޯ ފޫޖީ ސައިލެންޓް ކޮފީ ޓީމާ ބައްދަލު ކުރައްވަނީ-- ފޮޓޯ: މިހާރު

ޔޫއެންޑީޕީން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ރެޒިޑެންސް ރެޕްރެޒެންޓޭޓިވް އަކީކޯ ފޫޖީ ސައިލެންޓް ކޮފީ ޓީމާ ބައްދަލު ކުރައްވަނީ-- ފޮޓޯ: މިހާރު

މިއީ އަޑުއިވުމުން މަހުރޫމުވެފައިވާ ހަތަރު މީހަކު ގުޅިގެން ފެށި ކޮންސެޕްޓެކެވެ. މީގެ ތެރެއިން ތިން މީހުން ކޮފީ ޝްރަބުގައި ބަރިސްތާއިންގެ ގޮތުގައި މަސައްކަތް ކުރާނެ އެވެ. އެއީ އަހުސަން އަބްދުއްރަހުމާން، މަލްދާ ސައީދު، ސައިފުﷲ އަލީ އަދި - މުހައްމަދު އައްވާމެވެ.

ސައިލެންޓް ކޮފީގެ ހިދުމަތް ދޭ ކޮފީ ޝްރަބުން ވަނީ އެ ކެފޭގެ މެނޫ އިޝާރާތުން ކިޔައިދޭނެ ގޮތް ކެފޭގެ ސޯޝަލް މީޑިއާ ޕްލެޓްފޯމުތަކުގައި އާއްމުކޮށްފަ އެވެ. އެހެންކަމުން އަޑުއިވޭ މީހުންނަށް ވެސް އިވުމުން މަހުރޫމްވެފައިވާ ބަރިސްތާއިންނާ މުއާމަލާތް ކުރުމުގައި އެހީވާނެ އެވެ.

ކޮފީ ޝްރަބްގެ ޕާޓްނަރެއް ކަމަށްވާ މަރިޔަމް ޝަހުމާ ބުނީ މި ކޮންސެޕްޓް އެ ކެފޭގައި ފެށުމުގެ ބޭނުމަކީ ކެފޭއަށް އަންނަ ކޮންމެ މީހަކީ ވެސް އާއްމުކޮށް ބޭނުންކުރާ އިޝާރާތުގެ ބަހުރުވަ ދަންނަ ބަޔަކަށް ހެދުން ކަމަށެވެ. މިއީ އަޑުއިވުމުން މަހުރޫމްވެފައިވާ މީހުންނަކީ ވެސް އާއްމުންގެ ތެރޭގައި ހަމަހަމަ ފުރުސަތު ލިބޭ ބަޔަކަށް ހެދުމަށް ފެށި ހިދުމަތެއް ކަމަށް އޭނާ ބުންޏެވެ.

"ކޮފީ ޝްރަބްގައި މަސައްކަތްކުރާ އިވުމުން މަހުރޫމުވެފައިވާ ބަރިސްތާއިން މަސައްކަތް ކުރާނީ ވަކި ގަޑިތަކެއްގައި. އެހެންނަމަވެސް އަޑު އިވޭ ބަރިސްޓާއިންނަށް ވެސް ސައިން ލެންގުއެޖް އެނގޭތީ އަޑު އިވުމުގެ ނުކުޅެދުންތެރިކަން ހުންނަ ކޮންމެ މީހަކަށް ވެސް ކޮންމެ ވަގުތަކު ވެސް ހިދުމަތް ހޯދޭނެ،" ޝަހުމާ ބުންޏެވެ.

ސައިލެންޓް ކޮފީ ޓިމުގެ ތިން މެމްބަރުން-- ފޮޓޯ: މިހާރު

ސައިލެންޓް ކޮފީ ޓިމުގެ ތިން މެމްބަރުން-- ފޮޓޯ: މިހާރު

ޝަހުމާ ބުނި ގޮތުގައި ކޮފީ ޝްރަބުގެ އުއްމީދަކީ މި ހިދުމަތާއެކު ރާއްޖޭގެ އެހެން ވިޔަފާރިތަކުން ވެސް މިފަދަ ހިދުމަތްތައް ފެށުން ކަމަށެވެ. މިކަމުގެ ސަބަބުން، އިވުމުން މަހުރޫމް ވެފައިވާ މީހުންނަށް ވަޒީފާގެ ފުރުސަތުތައް އިތުރުވެ ދިރިއުޅުމުގައި އާއްމު މީހުންނާ އެއް ހަމައެއްގައި ކުރިއަށްދާން ފުރުސަތު ހޯދައިދެވޭނެ ކަމަށް އޭނާ ބުންޏެވެ.

ކޮފީ ޝްރަބުން ވަނީ އަޑު އިވުމުގެ ނުކުޅެދުންތެރިކަން ހުންނަ ތިން މީހަކު ކެފޭއިން ތަމްރީނުކޮށް ކެފޭގައި މަސައްކަތް ކުރުމުގެ ފުރުސަތު ދީފަ އެވެ.

"އަޅުގަނޑު ދަންނަވާނީ އަޑުއިވުމުގެ ނުކުޅެދުންތެރިކަން ހުރި ނަމަވެސް މި ކުދިންނަކީ ވަރަށް ފަސޭހައިން މަސައްކަތް ދަސްކުރާ ކުދިންތަކެއް. އެހެންވީމާ ހުރިހާ ދިވެހިންނަށް ވެސް ބުނެލަން ބޭނުންވަނީ މި ކުދިންނަށް ވެސް ފުރުސަތު ދޭށޭ،" ޝަހުމާ ބުންޏެވެ.