Roadha Mihaaru
"ޅ.އަތޮޅުން ފެނުނީ އެމްޑީޕީ މާޔޫސްވެފައިވާ މަންޒަރު"

ޖަލްސާއިން ފެނުނީ މުޅި ޅ. އަތޮޅުން އެމްޑީޕީ މާޔޫސްވެފައިވާ މަންޒަރު: ނާޒިމް

15 ސެޕްޓެމްބަރ 2018

އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އާއެކު އޭނާގެ އުފަން ރަށް، ޅ. ހިންނަވަރުގައި ރޭ ބޭއްވި ޖަލްސާއިން ފެނުނީ މުޅި އެ އަތޮޅުން އެމްޑީޕީ ވަރަށް ބޮޑު މާޔޫސްވެފައިވާ މަންޒަރު ކަމަށް، ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އާއެކު އޭނާގެ އުފަން ރަށް، ޅ. ހިންނަވަރުގައި ރޭ ބޭއްވި ޖަލްސާއިން ފެނުނީ މުޅި އެ އަތޮޅުން އެމްޑީޕީ ވަރަށް ބޮޑު މާޔޫސްވެފައިވާ މަންޒަރު ކަމަށް، ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.

ޕީޕީއެމްގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން, ހިންނަވަރަށް އުފަން މިނިސްޓަރު ވިދާޅުވީ އެމްޑީޕީގެ ނިސްބަތުން ރޭ ބޭއްވީ ރަނގަޅު ޖަލްސާއެއް ކަމަށެވެ. ނަމަވެސް ޅ. އަތޮޅުގެ މެޖޯރިޓީ ރިޔާސީ ދެ ވަނަ ދައުރަކަށް ކުރިމަތިލައްވާފައިވާ ޕީޕީއެމްގެ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީނަށް ލިބިފައިވާކަން މިހާރު ކަށަވަރުވެފައިވާ ކަމަށް ވިދާޅުވި އެވެ.

"އެމްޑީޕީގެ ނިސްބަތުން ރަނގަޅު ޖަލްސާއެއް ޅ. ހިންނަވަރުގައި ބޭއްވީ. އެކަމަކު އަޅުގަނޑުމެންނަށް އެ މަންޒަރުން ފެނިގެން ދިޔައީ މުޅި ޅ. އަތޮޅުން އެމްޑީޕީ ވަރަށް ބޮޑަށް މާޔޫސްވެފައިވާ މަންޒަަރު. އެހެން މި ދެންނެވީ ގާތްގަނޑަކަށް، ފަސް ހަ އަތޮޅަކުން މީހުން ގެނެސްގެން އެތަނަށް ހާހެއްހާ މީހުން އެއްކުރެވުނު ކަމަށް އަޅުގަނޑުމެންނަށް ހިސާބުތަކުން މި ފެންނަނީ. އަޅުގަނޑުމެންނަށް ރޭގެ މަންޒަރުން ކަށަވަރުވެގެންދިޔައީ ވަރަށް ބޮޑަށް ޅ. އަތޮޅުގެ މެޖޯރިޓީ އޮތީ ރައީސް އަބްދުﷲ ޔާމީނާއެކުގައި ކަން،" އިބޫއާ އެކު ހިންނަވަރު ދާއިރާގެ މަޖިލިސް ގޮނޑިއަށް 2014 ވަނަ އަހަރު ވާދަކުރެއްވި ނާޒިމް ވިދާޅުވި އެވެ.

ކެމްޕެއިނަށް ހިންނަވަރަށް ވަޑައިގަތުމާއެކު އުފަން ރަށުން އިބޫއަށް އިއްޔެ ވަނީ ހޫނު މަރުހަބާއެއް ދަންނަވައިފަ އެވެ. އެގޮތުން 80 ޕަސެންޓް ވޯޓާއެކު އެ ރަށުން އިބޫ ކުރި ހޯއްދަވާނެ ކަމަށް ހިންނަވަރުގައި ތިބި އިދިކޮޅު ސަޕޯޓަރުން ބުނެ އެވެ.

އޭނާ ވިދާޅުވީ ހިންނަވަރުން މިހާރު ފެނިގެންދަނީ އިންތިޚާބަކުން ފެންނަން ޖެހޭ ކަހަލަ ހިތްގައިމު މަންޒަރެއް ނޫން ކަމަށެވެ. އެގޮތުން އިންތިޚާބަށް ނުފޫޒު ފޯރުވަން އެކި ގޮތްގޮތުން މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. ނަމަވެސް އެކަމުގެ ތަފްސީލެއް ނުދެއްވަ އެވެ.

ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވީ ރައީސް ޔާމީން ރަށްރަށަށް ވަޑައިގަތުމުން މަރުހަބާ ދެންނެވުމަށް ގިނަ ބަޔަކު ނިކުންނަ ކަމަށެވެ. މިދިޔަ މަހުގެ 31 ވަނަ ދުވަހު ނައިފަރަށް ވަޑައިގަތުމުން ރައީސް ޔާމީނަށް ވަނީ، ރަށަކުން ކިޔުނު އެންމެ ފުރިހަމަ މަރުހަބާ ދަންނަވާފައިކަން ޝިޔާމް ފާހަގަކުރެއްވި އެވެ.

އޭނާ ތަމްސީލުކުރައްވާ ނައިފަރަކީ ރައީސް ޔާމީނަށް ވަރަށް ބޮޑު ތާއީދެއް އޮންނަ ރަށެއް ކަމަށާއި އެކަން ބަދަލުކުރަން އިދިކޮޅު ޕާޓީތަކުން މަސައްކަތް ކުރިކަމުގައި ވިއަސް އެކަން ނާކާމިޔާބުވާނެ ކަމަށް ވެސް ވިދާޅުވި އެެވެ.

"ރައީސްގެ ތަރައްގީ ނައިފަރުގެ އިތުރުން މުޅި ރާއްޖޭގެ ހުރިހާ ލޮބުވެތި ރައްޔިތުން ގަބޫލުކުރާކަން މިއަދު އަޅުގަނޑުމެންނަށް މި އެނގެނީ އެމަނިކުފާނު ރަށަކަށް ވަޑައިގެންފިނަމަ އެ ރަށެއްގެ ބަނދަރެއް ނުވަތަ އެމަނިކުފާނު ވަޑައިގަންނަވާ ހިސާބެއް މި އޮންނަނީ ޖަލްސާއެއް ބާއްވައިފިނަމަ މީހުންނާއެކު ފުރިފައި،" ޝިޔާމް ވިދާޅުވި އެވެ.

އިންތިޚާބާ ދިމާކޮށް ފައިސާގެ ނުފޫޒު ވަރަށް ބޮޑަށް ބޭނުންކުރާ ކަމަށާއި ރަށްރަށުގައި ސިޔާސީ ހަރަކާތްތަކުގައި އިސްކޮށް އުޅޭ މީހުންނަށް ބޮޑެތި އަދަދުތަކުން ފައިސާ ހުށަހަޅާ ކަމަށް ވެސް ވިދާޅުވި އެވެ. ނަމަވެސް އިދިކޮޅު ޕާޓީތަކުން ހުށަހަޅާ ފައިސާ އަށް ނުހެއްލުމަށް އޭނާ ވަނީ އެދިވަޑައިގެންފަ އެވެ.

ޕީޕީއެމްގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ވިދާޅުވީ ޕީޕީއެމަށް ތާއީދުކުރާ މީހުންގެ ވޯޓު ބަދަލުކުރުމުގެ މަސައްކަތް ފައިސާ ދީގެން ކުރަމުންދާކަމުގެ ޝަކުވާ އެ ޕާޓީއަށް ލިބެމުންދާ ކަމަށެވެ. އަދި ކެމްޕެއިންގައި އޮންނަ ހަމަޖެހުމާއި ސަލާމަތްތެރިކަން ނަގާލަން ހިތްވަރު ދީ ބައެއް މީހުން ކުރާ މަސައްކަތް ކަމަށް ވެސް ވިދާޅުވި އެވެ. އެކަމުގެ ތަފްސީލުތައް ހާމަކުރުމުގެ ބަދަލުގައި ކަމާބެހޭ ފަރާތްތަކަށް ހުށަހަޅުމުގެ މަސައްކަތް ކުރަމުން އަންނަ ކަން ނިހާން ފާހަގަކުރެއްވި އެވެ.

އެފަދަ ކަންތައްތަކަކީ ނިހާން ވިދާޅުވި ގޮތުގައި، ޑިމޮކްރަސީ ހަލާކުކޮށް ސުންނާފަތި ކޮށްލާނެ ކަމެކެވެ. އެފަދަ ކަންތައްތަކަކީ ޕީޕީއެމުން ދުވަހަކު ވެސް ހިތްވަރު ދޭނެ ކަމެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.

ވިލިމާލޭގެ ތަރައްގީއާ ގުޅޭގޮތުން ރައީސް ޔާމީން ގެންގުޅުއްވާ ތަސައްވަރާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް ބާއްވާ ބައްދަލުވުމެއް އެ ރަށުގައި ބާއްވަން ވަނީ ހަމަޖައްސައިފަ އެވެ. ރައީސް ޔާމީނާއި ޕީޕީއެމްގެ އިސްވެރިން ވެސް އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ވިދާޅުވި އެވެ.