Roadha Mihaaru
އިބޫ ވާނީ ނަޝީދުގެ ޕަޕެޓަކަށް: ޕީޕީއެމް

އިބޫ ވާނީ ނަޝީދުގެ ޕަޕެޓަކަށް: ޕީޕީއެމް

01 ޖުލައި 2018

މި އަހަރުގެ ރިޔާސީ އިންތިޚާބަށް އިދިކޮޅުން ނުކުންނަ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވާނީ ކުރީގެ ރައީސް އަދި އެ އިންތިޚާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާނެ ކަމަށް ކުރިން އިއުލާން ކުރެއްވި މުހައްމަދު ނަޝީދުގެ ޕަޕެޓަކަށް ކަމަށް ވެރިކަން ކުރާ ޕާޓީ، ޕީޕީއެމުން މިއަދު ބުނެފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

މި އަހަރުގެ ރިޔާސީ އިންތިޚާބަށް އިދިކޮޅުން ނުކުންނަ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވާނީ ކުރީގެ ރައީސް އަދި އެ އިންތިޚާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާނެ ކަމަށް ކުރިން އިއުލާން ކުރެއްވި މުހައްމަދު ނަޝީދުގެ ޕަޕެޓަކަށް ކަމަށް ވެރިކަން ކުރާ ޕާޓީ، ޕީޕީއެމުން މިއަދު ބުނެފި އެވެ.

ސެޕްޓެމްބަރު 23 ގައި ބާއްވާ ރިޔާސީ އިންތިޚާބުގައި އެމްޑީޕީން ނުކުންނަ ކެންޑިޑޭޓަކީ ނަޝީދު ކަމަށް އެ ޕާޓީގެ ޕްރައިމަރީން ކުރިން ކަނޑައަޅާފައިވީ ނަމަވެސް އެމަނިކުފާނުގެ މައްޗަށް ކޮށްފައިވާ 13 އަހަރުގެ ޖަލު ހުކުމާ ގުޅިގެން ގާނޫނީ ގޮތުން ފުރުސަތު ވަނީ ބަންދުވެފަ އެވެ. އެހެންވެ، އެމްޑީޕީގެ ރިޔާސީ ޓިކެޓް، އއ. އުކުޅަހުގައި އިއްޔެ ބޭއްވި އެ ޕާޓީގެ ކޮންގްރެސްގައި ވަނީ އިބޫ އަށް ދީފަ އެވެ. ނަމަވެސް، އިލެކްޝަންސް ކޮމިޝަނުން އިންތިޚާބަށް ހުޅުވައި ލުމުގެ ކުރިން، އެ އިންތިޚާބުގައި ވާދަކުރެއްވުމުގެ މަގު ނަޝީދަށް ފަހިވެއްޖެ ނަމަ، އެ ފުރުސަތު ދޭނީ އެމަނިކުފާނަށް ކަމަށް ކޮންގްރެސްގައި ފާސްކުރި ގަރާރުގައި ވެ އެވެ.

އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު ހިންނަވަރު ދާއިރާގެ މެމްބަރު އިބޫ އަށް އެމްޑީޕީގެ ރިޔާސީ ޓިކެޓު ދިނުމާ ގުޅިގެން، ޕީޕީއެމުން ބޭއްވި ނިއުސް ކޮންފަރެންސްގައި، ވާހަކަ ދައްކަވަމުން އެ ޕާޓީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، އެމްޑީޕީގެ ޓިކެޓުގައި ކޮންމެ މީހަކު އިންތިޚާބަށް ނުކުމެވަޑައިގަތަސް ހިނގާނީ ނަޝީދުގެ ބާރު ކަމަށެވެ. އަދި އިބޫ ވެސް ވާނީ، ނަޝީދުގެ ޕަޕެޓަކަށް ކަމަށާއި އަމިއްލަަ އިޚުތިޔާރުގައި އެއްވެސް ކަމެއް ކުރެއްވުމުގެ ބާރު ލިބިވަޑައި ނުގަންނަވާނެ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ކަމަށް އިންތިޚާބު ވުމަށް ފަހު، އިބޫގެ ޓާސްކަކަށް ވާނީ ނަޝީދަށް ވެރިކަން ބަދަލު ކުރުމެވެ.

ރިޔާސީ އިންތިޚާބަށް ފަހު ދޮޅު އަހަރަށް އެއްބައިވަންތަ ކަމުގެ ސަރުކާރެއް ގާއިމް ކުރުމަށް އެމްޑީޕީގެ މެނިފެސްޓޯ ގައި ވަނީ ހިމަނައިފަ އެވެ. އެކަމަށް ފާޑު ވިދާޅުވަމުން އަބްދުއްރަހީމް ވިދާޅުވީ، ދޮޅު އަހަރުގެ ސަރުކާރެއް އެކުލަވައިލަން އެމްޑީޕީން ނިންމީ، އިބޫ އަށް ނަޝީދު އިތުބާރު ނުކުރައްވާތީ ކަމަށެވެ.

މިއަދު ޕީޕީއެމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު ނިހާން ވާހަކަ ދައްކަވަނީ-- މިހާރު ފޮޓޯ: މުހައްމަދު ނިޝާތު

މިއަދު ޕީޕީއެމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު ނިހާން ވާހަކަ ދައްކަވަނީ-- މިހާރު ފޮޓޯ: މުހައްމަދު ނިޝާތު

ވެރިކަމަށް އިންތިޚާބު ވުމަށް ފަހު އިބޫގެ މަސައްކަތަކަށް ވާނީ ނަޝީދު މިނިވަންކޮށް، ދެން އޮތް އިންތިޚާބުގައި އެ މަނިކުފާނަށް ކުރިމަތިލެއްވޭ ގޮތް ހޯދައި، ފުރުސަތު ދިނުން ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

"ރައްޔިތުން ވިސްނަންވީ އެމްޑީޕީ ކަން މި ނުކުންނަނީ. އިބޫ ހުއްޓަސް، ޝާހިދު ހުއްޓަސް، އިންނަކަޅޭ އަދި ގޯނިބޭކުޑައަލީ ހުއްޓަސް މި ނުކުންނަނީ އެމްޑީޕީ. މިއީ އަޅުގަނޑުމެން ތަޖުރިބާ ކޮށްފައިވާ ބައެއް. އެމްޑީޕީގެ ވެރިކަމުގައި އަޅުގަނޑުމެންނަށް ފެނުނީ ފަނާކުރުން. ތަޅާފޮޅުން، އަދި މުޒާހަރާ ކުރުން. އަދިވެސް އެމްޑީޕީ ވާނީ އެމްޑީޕީ އަށް." ޕީޕީއެމްގެ ފިކުރަކީ ބިނާކުރުންކަން ފާހަގަ ކުރައްވަމުން އަބްދުއްރަހީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރިޔާސީ އިންތިޚާބުގައި ޕީޕީއެމުން ވާދަކުރައްވާ، ރައީސް އަބްދުﷲ ޔާމީން ބަލިކުރެއްވޭނެ ފަދަ ކެންޑިޑޭޓެއް އިދިކޮޅު ކޯލިޝަނަށް ނުދެއްކޭނެ ކަމަށެވެ.

އިދިކޮޅުން ރިޔާސީ އިންތިޚާބަށް ކުރިމަތިލާން އެންމެ ރަނގަޅު ކެންޑިޑޭޓަކީ އިބޫ ކަމަށް، ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހްމަދު ނިހާން ވަނީ ކުރިން ވިދާޅުވެފަ އެވެ.

އެކަމަކު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އޭނާ ވެސް ވަނީ އިބޫ އަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. ނިހާން ސިފަ ކުރެއްވި ގޮތުގައި އިބޫ އަކީ ނާގާބިލް އަދި ޒިންމާދާރުކަން ކުޑަ ބޭފުޅެކެވެ.

ނިހާން ވިދާޅުވީ، ރައީސް ޔާމީންގެ ރިޔާސީ ބަޔާން ދިރާސާކޮށް، އެ އަށް ޖަވާބުދާރީ ވުމަކީ އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރުގެ ހައިސިއްޔަތުން އިބޫގެ ޒިންމާއެއް ކަމަށާއި އެކަމަކު މިދިޔަ ފަސް އަހަރުގެ ތެރޭގައި އެ ޒިންމާ އޭނާ އަދާ ނުކުރައްވާ ކަމަށެވެ. އަދި ވެރިކަން ކުރަން ނުކުމެވަޑައިގަންނަވާއިރު، އެ އަށް ވުރެ ބޮޑަށް ޒިންމާދާރުވެ، ކަންކަމާ ކުރިމަތިލާން ޖެހިވަޑައިގަންނަވާ ކަމަށް ނިހާން ވިދާޅުވި އެވެ.

"މަޖިލީހުގައި ބައެއް މެމްބަރުން ބުރަކޮށް މަސައްކަތް ކުރައްވާއިރު، އިބޫގެ އިމާމުގެ ދަށުގައި [އިދިކޮޅު] މެމްބަރުން މި ތިއްބަވަނީ، މަޖިލީހުން ބޭރުގައި ކުޑަދޮށުގައި ކޮފީ ބައްލަވަން. އެ ގޮތަށް އަމަލުކޮށްފައި ނަމަވެސް، އެބަ ރައްޔިތުންނަށް ހިދުމަތް ކުރަން ވައުދުތަކެއް ވާނެ. އެހެންވެ، ރައްޔިތުން އެބަޖެހޭ ސަމާލުވާން،" ނިހާން ވިދާޅުވި އެވެ.

އޭނާ ތުހުމަތު ކުރެއްވި ގޮތުގައި މަޖިލީހުގެ ޖަލްސާތަކުގައި އިދިކޮޅު މެމްބަރުން ހަމައެކަނި ކޮމެޓީތަކަށް ވަޑައިގަންނަވަނީ، ކޮމެޓީ އެލަވަންސްގެ ގޮތުގައި ދޭ 20،000 ރުފިޔާ ހޯއްދެވުމަށެވެ.

އެމްޑީޕީގެ ކޮންގްރެސް ގައި ވާހަކަ ދައްކަވަމުން އިބޫ ރޭ ވިދާޅުވީ އެއްވެސް މީހެއްގެ އަޅަކަށް ނުވާނެ ކަމަށާއި ހިޔާލު ތަފާތު މީހުންނާ އެކު ވެސް އުޅުއްވޭނެ ކަމަށެވެ.