Roadha Mihaaru
ހިގައިން މިލާނަށް، ބޮނޫޗީ އެނބުރި ޔުވެންޓަސް އަށް

ހިގައިން މިލާނަށް، ބޮނޫޗީ އެނބުރި ޔުވެންޓަސް އަށް

02 އޯގަސްޓް 2018

މިލާން (އޮގަސްޓް 2) – ޔުވެންޓަސްގެ އާޖެންޓީނާ ފޯވާޑް ގޮންޒާލޯ ހިގައިން އޭސީ މިލާނަށް ލޯން އުސޫލުން ދޫކުރަން އަދި ޔުވެންޓަސްގެ މަޓިއާ ކަލްޑާރާ އާއި މިލާނުގެ ކެޕްޓަން ލިއޮނާޑޯ ބޮނޫޗީ ބަދަލުކުރަން ދެ ކްލަބުން އެއްބަސްވެއްޖެ އެވެ.

މިލާން (އޮގަސްޓް 2) – ޔުވެންޓަސްގެ އާޖެންޓީނާ ފޯވާޑް ގޮންޒާލޯ ހިގައިން އޭސީ މިލާނަށް ލޯން އުސޫލުން ދޫކުރަން އަދި ޔުވެންޓަސްގެ މަޓިއާ ކަލްޑާރާ އާއި މިލާނުގެ ކެޕްޓަން ލިއޮނާޑޯ ބޮނޫޗީ ބަދަލުކުރަން ދެ ކްލަބުން އެއްބަސްވެއްޖެ އެވެ.

ހިގައިން މިލާނާ ކުޅެނީ 18 މިލިއަން ޔޫރޯގެ ލޯނެއްގެ ދަށުންނެވެ. އަދި އަންނަ ސީޒަނުގައި 36 މިލިއަން ޔޫރޯ އަށް އޭނާ ގަތުމުގެ ފުރުސަތު މިލާނަށް ލިބޭނެ އެވެ. އޭނާ ރޭ މިލާނަށް ގޮސްފައިވާއިރު މިއަދު މެޑިކަލް ޓެސްޓް ހަދައި ކޮންޓްރެކްޓުގައި ސޮއިކުރާނެ އެވެ.

ސްޕެއިނުގެ ރެއާލް މެޑްރިޑުން 2007 ގައި ޔޫރަޕުގެ ކެރިއަރު ފެށި ހިގައިން އިޓަލީ އަށް ބަދަލުވީ 2013 ގައި ނަޕޯލީ އަށް ކުޅުމަށެވެ. އެ ޓީމަށް 91 ގޯލް ޖަހައިދިނުމަށް ފަހު އޭނާ 2016 ގައި ޔުވެންޓަސްއާ ގުޅުނީ 90 މިލިއަން ޔޫރޯ އަށެވެ. ދެ ސީޒަނުގެ ތެރޭގައި އޭނާ ވަނީ ޔުވެންޓަސް އަށް 105 މެޗުން 55 ގޯލް ޖަހައިދީފައިވަ އެވެ. އެކަމަކު ކްރިސްޓިއާނޯ ރޮނާލްޑޯ އައުމާ އެކު އޭނާގެ ޖާގަ ގެއްލުނީ އެވެ.

ޔުވެންޓަސް އަށް ހަތް އަހަރު ކުޅުމަށް ފަހު މިދިޔަ ސީޒަނުގައި 42 މިލިއަން ޔޫރޯ އަށް މިލާނާ ގުޅުނު ބޮނޫޗީ އެއް ސީޒަނަށް ފަހު އަލުން ޔުވެންޓަސްއާ ގުޅެނީ އޭނާ ބޭނުންވުމުންނެވެ. އަނެއްކޮޅުން ޗެމްޕިއަންސް ލީގަށް ޓީމު ވަރުގަދަކުރުމަށްޓަކައި، ރަނގަޅު ޑިފެންޑަރެއް ޔުވެންޓަސް އިން ބޭނުންވެ އެވެ. މިލާނުން އުމުރުން 31 އަހަރުގެ ބޮނޫޗީ ދޫކޮށްލީ ބަދަލުގައި ޔުވެންޓަސްގެ ޒުވާން ޑިފެންޑަރު ކަލްޑާރާ ލިބޭ ގޮތަށެވެ. އެޓަލާންޓާ އަށް ލޯން އުސޫލުން މިދިޔަ ސީޒަނުގައި ގުޅުނު 24 އަހަރުގެ ކަލްޑާރާ އަކީ މި ވަގުތު އިޓަލީގައި ހުރި އެންމެ އުއްމީދީ އެއް ޑިފެންޑަރެވެ.

މިލާނާ އެކު އެމެރިކާ ޓުއާގައި ހުރި ބޮނޫޗީ އަދި ޔުވެންޓަސްއާ އެކު އެ ހަމަ ގައުމުގައި ހުރި ކަލްޑާރާ މިއަދު އެނބުރި އިޓަލީ އަށް އައިސް މެޑިކަލް ޓެސްޓްތައް ހަދައި ކޮންޓްރެކްޓުގައި ސޮއިކުރާނެ އެވެ.

މިއީ މިލާނާ އަލަށް ހަވާލުވި އެމެރިކާގެ އެލިއޮޓް ގްރޫޕުން ކްލަބް ހިންގުން ހަވާލުކުރި ޖެނެރަލް މެނޭޖަރު ލެއޮނާޑޯގެ ފުރަތަމަ ޑީލެވެ. ކުރިން މިލާނަށް ކުޅެ ކޯޗުކޮށްދީ އަދި ސްކައުޓެއްގެ ގޮތުގައި ވެސް މަސައްކަތްކުރި ލެއޮނާޑޯ ވަނީ އެ ޓީމަށް ކަކާ އާއި ޕަޓޯ އަދި ތިއާގޯ ސިލްވާ ފަދަ ކުޅުންތެރިން ކުރިން ގެނެސްފަ އެވެ.

ބޮޑު ހަރަދުތަކެއް ކުރި ނަމަވެސް މިދިޔަ ސީޒަނުގައި އެކަށީގެންވާ ކާމިޔާބެއް ނުލިބުނު މިލާނުން ވަނީ އަންނަ ސީޒަނަށް ނަޕޯލީގެ ސްޕެއިން ގޯލްކީޕަރު ޕެޕޭ ރެއިނާ އާއި ކްރޮއޭޝިއާގެ ފުލްބެކް އިވާން ސްޓްރިނިޗް ވެސް ގެނެސްފަ އެވެ.