Roadha Mihaaru
ޔުވެންޓަސްއަށް ޗެމްޕިއަންސް ލީގުން ޖާގަ ނުލިބުމުގެ ބިރު

ޔުވެންޓަސްއަށް ޗެމްޕިއަންސް ލީގުން ޖާގަ ނުލިބުމުގެ ބިރު

10 މެއި 2021

ޓިއުރިން (10 މެއި) - ސެރީ އާ ގެ ޗެމްޕިއަންކަން ޖެހިޖެގެން 10 ވަނަ ފަހަރަށް ހޯދަން ނުކުތް ޔުވެންޓަސްއަށް، އަންނަ ސީޒަންގެ ޔޫއެފާ ޗެމްޕިއަންސް ލީގުން ޖާގަ ނުލިބުމުގެ ބިރު ކުރިމަތި ވެއްޖެ އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ޓިއުރިން (10 މެއި) - ސެރީ އާ ގެ ޗެމްޕިއަންކަން ޖެހިޖެގެން 10 ވަނަ ފަހަރަށް ހޯދަން ނުކުތް ޔުވެންޓަސްއަށް، އަންނަ ސީޒަންގެ ޔޫއެފާ ޗެމްޕިއަންސް ލީގުން ޖާގަ ނުލިބުމުގެ ބިރު ކުރިމަތި ވެއްޖެ އެވެ.

ވާދަވެރި އޭސީ މިލާން އަތުން ޔުވެންޓަސް ރޭ ބަލިވީ 3-0 އިން ނެވެ. މެޗުން މޮޅުވެ މިލާން ވަނީ ތާވަލްގެ ތިން ވަނައަށް ޖެހިލާފަ އެވެ. މިލާންގެ ލަނޑުތައް ކާމިޔާބު ކުރީ ބްރަހިމް ޑިއަޒް، އެންޓޭ ރެބިޗް އަދި ޓޮމާރީ އެވެ.

މިދިޔަ ނުވަ އަހަރުގެ ޗެމްޕިއަން ޔުވެންޓަސް އޮތީ ފަސް ވަނައިގަ އެވެ. ހަތަރު ވަނައިގައި އޮތް ނަޕޯލީ އާއި ޔުވެންޓަސް އާ ދެމެދު އެއް ޕޮއިންޓްގެ ފަރަގު ހުއްޓަސް މެތެމެޓިކަލީ ޔުވެންޓަސްއަށް އަމިއްލަ ބާރެއް ނެތެވެ.

ޔުވެންޓަސް އަށް ގަދަ ހަތަރަށް ވެދެވޭނީ ކުރިއަށް ހުރި މެޗުތަކުން އެ ޓީމު މޮޅުވުމުގެ އިތުރަށް ކުރިއަށް ހުރި މެޗުތަކުން ނަޕޯލީއަށް ޕޮއިންޓް ގެއްލުމުންނެވެ. ޔުވެންޓަސްއަށް ކުރިއަށް އޮތް ތިން މެޗުގެ ގޮތުގައި އޮތީ ފަސޭހަ ތިން މެޗެއް ނޫނެވެ. އޭގެ ތެރޭގައި ޗެމްޕިއަން އިންޓަ މިލާން އާ ދެކޮޅަށް ކުޅޭ މެޗުވެސް ހިމެނެ އެވެ. ދެން ބާކީ އޮތް ދެ ޓީމަކީ ސަސުއޯލާ އާއި ބޮލޯނިއާ އާ ދެކޮޅަށް ކުޅޭ މެޗުތަކެވެ.

ފާޑު ކިޔުން އަމާޒުވެފައިވާ ޔުވެންޓަސްގެ ކޯޗް، އަންޑްރެއާ ޕިރްލޯ ބުނީ، އޭނާ މަގާމުން އިސްތިއުފާ ނުދޭނެ ކަމަށެވެ.

"އަހަންނަށް މަސައްކަތް ކުރަން ފުރުސަތު އޮތްހާ ހިނދަކު އަހަރެން މަސައްކަތް ކުރާނަން. އިސްތިއުފާއެއް ނުދޭނަން." މެޗަށް ފަހު ސްކައި ސްޕޯޓްސް އިޓާލިއާ އަށް ދިން އިންޓަވއިުގައި ޕިރްލޯ ބުންޏެވެ.