Roadha Mihaaru
މިލާން އަތުން ފިއޮރެންޓީނާ މޮޅުކޮށްދިނީ ޑެހެއާ

މިލާން އަތުން ފިއޮރެންޓީނާ މޮޅުކޮށްދިނީ ޑެހެއާ

07 އޮކްޓޯބަރ 2024

މެންޗެސްޓާ ޔުނައިޓެޑުގެ ކުރީގެ ގޯލްކީޕަރު ޑޭވިޑް ޑެހެއާ މަތަކުރި ދެ ޕެނަލްޓީގެ އެހީއާ އެކު، އިޓާލިއަން ލީގުގައި ރޭ ފިއޮރެންޓީނާ އިން އޭސީ މިލާން އަތުން 2-1 އިން މޮޅުވެއްޖެ އެވެ.

މެންޗެސްޓާ ޔުނައިޓެޑުގެ ކުރީގެ ގޯލްކީޕަރު ޑޭވިޑް ޑެހެއާ މަތަކުރި ދެ ޕެނަލްޓީގެ އެހީއާ އެކު، އިޓާލިއަން ލީގުގައި ރޭ ފިއޮރެންޓީނާ އިން އޭސީ މިލާން އަތުން 2-1 އިން މޮޅުވެއްޖެ އެވެ.

ޔުނައިޓެޑުގެ ކޮންޓްރެކްޓް މިދިޔަ އަހަރުގެ ޖުލައި މަހު ހަމަވިއިރު ކޮންޓްރެކްޓް އާކުރަން އެއްބަސްވުމަކަށް ނާދެވުމުން ޑެހެއާ މިދިޔަ ސީޒަނުގައި ހުރީ އެއްވެސް ޓީމަކަށް ނުކުޅެ އެވެ. އިޓަލީގެ މެދު ލެވެލްގައި ގުނާލެވޭ ފިއޮރެންޓީނާއާ އޭނާ ގުޅުނީ މި ސީޒަނުގަ އެވެ.

ފްލޮރެންސްގައި ރޭ ކުޅުނު މެޗުގައި، ފިއޮރެންޓީނާގެ ޔާސީން އަދްލީ އެ ޓީމަށް ކުރި ހޯދައިދީފައިވަނިކޮށް މިލާނަށް އެއްވަރުކުރަން ރަނުގެ ފުރުސަތެއް ލިބުނީ ޕެނަލްޓީއަކުންނެވެ. އެކަމަކު ކެޕްޓަން ތެއޯ ހެނާންޑޭޒްގެ ޕެނަލްޓީ ޑެހެއާ ދިފާއުކުރީ އެވެ. އޭގެ ފަހުން ދެ ވަނަ ހާފުގައި މިލާނަށް ލިބުނު ޕެނަލްޓީ ޓެމީ އަބްރަހަމް ޖެހުމުން ވެސް ޑެހެއާ މަތަކުރީ އެވެ.

ފަހުން ކްރިސްޓިއަން ޕުލިސިކްގެ ގޯލުން މިލާން އެއްވަރުކުރި ނަމަވެސް އަލްބަޓް ގުޑްމުންސަންގެ ގޯލުން ފިއޮރެންޓީނާ މި މެޗުން މޮޅުވީ އެވެ. ތާވަލުގެ 11 ވަނައިގައި އޮތް ފިއޮރެންޓީނާގެ މި މޮޅާ އެކު އުމުރުން 33 އަހަރުގެ ޑެހެއާ އަށް އަންނަނީ ތައުރީފު އޮހެމުންނެވެ.

ރޭގެ މެޗުން ބަލިވި މިލާން އޮތީ 11 ޕޮއިންޓާ އެކު ހަ ވަނައިގަ އެވެ. ތާވަލުގެ އެއް ވަނައިގައި 16 ޕޮއިންޓާ އެކު އޮތީ މި ހަފުތާގައި ކޯމޯ އަތުން 4-1 އިން މޮޅުވި ނަޕޯލީ އެވެ. ތާވަލުގެ ދެ ވަނައިގައި 14 ޕޮއިންޓާ އެކު އޮތީ މާކަސް ތުރާމްގެ ހެޓްރިކާ އެކު ޓޮރިނޯ އަތުން ހޮނިހިރު ދުވަހު މޮޅުވި އިންޓަ މިލާނެވެ.

ތިން ވަނައިގައި އޮތީ 13 ޕޮއިންޓާ އެކު ޔުވެންޓަސް އެވެ. އެ ޓީމު ވަނީ އިއްޔެ ކަލިއާރީއާ 1-1 އިން އެއްވަރުވެފަ އެވެ. މި މެޗުން މޮޅުވި ނަމަ އެ ޓީމަށް ދެ ވަނަ އަށް އަރައި، ނަޕޯލީއާ ޕޮއިންޓުގެ ގޮތުން ހަމަހަމަކުރެވޭނެ އެވެ. ޔުވެންޓަސް އިއްޔެ އަމިއްލަ ދަނޑުގައި ކުޅުނު މެޗުގައި ޑުސާން ވްލޮހަވިޗް ވަނީ ޕެނަލްޓީއަކުން ކުރީކޮޅު ލީޑު ނަގައިދީފަ އެވެ. ކަލިއާރީ އިން އެއްވަރުކުރީ 88 ވަނަ މިނެޓުގައި ޕެނަލްޓީއަކުން ރަޒްވަން މަރިން ޖެހި ގޯލުންނެވެ.