Roadha Mihaaru
ދެ ރަހިމުން މީހަކަށް އެއްފަހަރާ ދެ ކުދިން ލިބިއްޖެ

ދެ ރަހިމުން މީހަކަށް އެއްފަހަރާ ދެ ކުދިން ލިބިއްޖެ

06 އޯގަސްޓް 2018

ދެ ރަހިމު އިން، އިނގިރޭސި ވިލާތު މީހަކަށް އެ ދެ ރަހިމުން އެއްފަހަރާ ދެ ކުދިން ލިބިއްޖެ އެވެ.

ދެ ރަހިމު އިން، އިނގިރޭސި ވިލާތު މީހަކަށް އެ ދެ ރަހިމުން އެއްފަހަރާ ދެ ކުދިން ލިބިއްޖެ އެވެ.

އުމުރުން 31 އަހަރުގެ ޖެނިފާ އެޝްވޫޑް އަށް މީގެ އަށް އަހަރު ކުރިން އަންހެން ކުއްޖަކު ލިބިފައިވެ އެވެ. ނަމަވެސް ޖެނިފާގެ ހަށިގަނޑުގައި ދެ ރަހިމު އިން ކަމެއް އޭރަކު ނޭނގެ އެވެ.

ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި "ބައިކޯނިއުއޭޓް ޔޫޓެރަސް" ކިޔާ މި ހާލަތު ހުންނަ މީހުންގެ ދެ ރަހިމުގައި އެއްފަހަރާ ދަރިން އަށަގަތުމަކީ އާންމު ކަމެއް ނޫނެވެ.

ޖެނިފާ ދެ ވަނަ ފަހަރަށް ބަލިވެ އިނީ އެއްމާބަނޑު ދެ ކުދިންނަށްކަން އެނގުނީ މިދިޔަ ޑިސެމްބަރު މަހު އެވެ. އެކަމަކު ޖެނިފާގެ ހަށިގަނޑުގައި ދެ ރަހިމު އިން ކަމަށާއި ދެ ކުދިން އޮތީ ދެ ރަހިމުގައިކަން ޑޮކްޓަރުންނަށް އެނގުނީ ފެބްރުއަރީ މަހު އެވެ.

މިފަހަރު ލިބުނީ އަންހެން ކުއްޖަކާއި ފިރިހެން ކުއްޖެކެވެ. ސިޒޭރިއަން ހަދައިގެން މި ދެ ކުދިން ނަގާފައި ވަނީ ބަނޑަށް 34 ހަފުތާގަ އެވެ.

މުޅި ދުނިޔެއަށް ބަލާއިރު ވެސް މިގޮތަށް ދިމާވެފައިވާ ކަމަށް ރެކޯޑް ކުރެވިފައި ވަނީ 100 މީހަކަށެވެ. ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި "ބައިކޯނިއުއޭޓް ޔޫޓެރަސް" ހުންނަ މީހުންނަށް އެއްފަހަރާ ދެ ރަހިމުގައި ދަރިން އަށަގަތުމަށް އޮންނަ ޗާންސަކީ ކޮންމެ 500 މިލިއަނުން އެކެކެވެ.

ސިއްހީ މި ހާއްސަ ތަފާތުގެ ސަބަބުން މީހާ އަށް އުނދަގުލެއް އަދި ތަފާތެއް ވެސް އިހްސާސެއް ނުވެ އެވެ. އެކަމަކު ބަލިވެ އިނދެ ބައިގެން ދިއުމުގެ ނުރައްކާ މި މީހުންނަށް ބޮޑެވެ.