Roadha Mihaaru
ކަޅި ދެނެގަންނަ ސެންސަަރެއް ހިމެނޭ ނޯޓު 7 ދައްކާލައިފި

ކަޅި ދެނެގަންނަ ސެންސަަރެއް ހިމެނޭ ސެމްސަންގް ނޯޓު 7 ދައްކާލައިފި

02 އޯގަސްޓް 2016

ސެމްސަންގުގެ ގެލެކްސީ ނޯޓު ސީރީޒްގެ، ނޯޓު 7 މިރޭ ދައްކާލައިފި އެވެ.

އަލީ ނާފިޒް އަލީ ނާފިޒް

ސެމްސަންގުގެ ގެލެކްސީ ނޯޓު ސީރީޒްގެ، ނޯޓު 7 މިރޭ ދައްކާލައިފި އެވެ.

ނޯޓު ސީރީޒްގެ ހަ ވަނަ ފޯނުގެ ނަމަކަށް ނޯޓު 7 ކިޔާފައި ވާއިރު، ބަލާ ބެލުމަށް ކުރީގެ ނޯޓާ މާ ބޮޑެތި ތަފާތުތަކެއް ނެތެވެ. އެކަމަކު، މި އަހަރު ނެރުނު އެޖު އެސް 7 އެޖުގައި ހިމަނާފައިވާ ފެން ނުވަނުމުގެ ގާބިލްކަން ނޯޓު 7 އަށް ވެސް ވަނީ ދީފަ އެވެ.

ގެލެެކްސީ ސީރީޒްގެ އެހެން ފޯނުތަކަށް ވުރެ ބާރުގަދަ ޕްރޮސެސާ އާއި ބޮޑު ރޭމްއާ އެކު މީގެ ކުރީގެ އަހަރުތަކުގައި ނޯޓު ނެރުނަސް، ނޯޓު 7 އާއި މި އަހަރު ނެރުނު އެސް 7 އާއި އެސް 7 އެޖުގެ ހާޑުވެއާއާ އެއްގޮތެވެ. އެ ގޮތުން، ނޯޓު 7 ގައި ވެސް އެއް ވައްތަރެއްގެ ޕްރޮސެސަރަކާއި ހަތަރު ޖީބީގެ ރޭމް އަދި 12 މެގަޕިކްސެލް ކެމެރާއެއް ހިމަނާފައި ވާއިރު، ވާގަނޑު ނުގުޅާ ޗާޖު ކުރެވޭ ގޮތް ވެސް ވަނީ ހަދާފަ އެވެ. އެކަމަކު، ފަހުގެ ނޯޓުގެ ބެޓެރި ކުރީގެ ނޯޓަށް ވުރެ ތަންކޮޅެއް ގިނައިރު ހިފަހައްޓާނެ އެވެ.

ފޯނުގެ ބޮޑު މިނަށް ބަލާއިރު ވެސް މިދިޔަ އަހަރުގެ ފޯނާ އެއްވަރުވާ ނޯޓު 7 ގައި ހިމަނާފައި ވަނީ ހަމަ އެ ވަރުގެ ސުޕަ އެމޮލެޑް ސްކްރީނެކެވެ. އެކަމަކު، މި ސްކްރީންގެ ދެ ފަރާތުން ބަނޑިލައްވާފައި ވާއިރު، އެޖު ގޮތަށް އެ ބައި މައި ސްކްރީނާ ވަކިން، ދެ ސްކްރީންގެ ގޮތަށް ބޭނުން ކުރެވެ އެވެ.

އެމެރިކާގެ ނިއު ޔޯކުގައި ކުރިއަށް ދާ ސެމްސަންގް އަންޕެކްޑް ހަފުލާގައި ދައްކާލި ނޯޓު 7ގެ އެންމެ ހާއްސަ ސިފައަކީ ލޮލުގެ ކަޅި ދެނެގަނެވޭ ސެންސަރެއް ހިމަނާފައިވުމެވެ. ސްކްރީންގެ މަތީގައި ސްޕީކަރު ކައިރީގައި ހަރުކޮށްފައިވާ ސެންސަރަށް ބަލައިލުމުން އެ މީހެއްގެ ކަޅީގައި ހުންނަ ހާއްސަ ސިފަތައް ދެނެގަނެ އެވެ. އައިނު އަޅާ މީހުންގެ އައިނު މަތިން ވެސް ކަޅި ދެނެގަތުމުގެ ގާބިލުކަން ލިބިފައިވާ މި ސެންސަރަކީ އިނގިލީގެ ނިޝާން ޖަހައިގެން ފޯނު ހުޅުވުން ފަދަ ސަލާމަތީ ފިޔަވަޅެކެވެ.

ކަޅާއި ރިހި އަދި މުޅިން އާ ނޫ ކުލައެއްގެ ވައްތަރުތައް ހިމެނޭ ނޯޓު 7 އެމެރިކާގައި ވިއްކަން ފަށަނީ މި މަހު 19ގަ އެވެ. މާދަމާ އިން ފެށިގެން އެމެރިކާގައި އޯޑަރު ޖެހޭ މި ފޯނުގެ ސީދާ އަގު އަދި ހާމަ ނުކުރިޔަސް، ސެމްސަންގުން ބުނި ގޮތުގައި ކުރީގެ ނޯޓުތަކުގެ އަގާ މާ ބޮޑު ތަފާތެއް ނޫޅޭނެ އެވެ. އެއީ ގާތްގަނޑަކަށް 800 ޑޮލަރު (12،500ރ.) އެވެ.

އެކަމަކު، ނޯޓު 7 ދުނިޔޭގެ ބާޒާރަށް ނެރޭނެ ދުވަހެއް އަދި ހާމައެއް ނުކުރެ އެވެ. ހުރިހާ ނެޓްވޯކުތަކެއްގައި ބޭނުން ކުރެވޭ ވައްތަރުގެ ނޯޓު 7 އެމެރިކާގައި ވެސް ނެރޭނީ މި މަހު ފަހުކޮޅު އެވެ.