Roadha Mihaaru
ހުޅުމާލޭގައި މިއަދުވެސް ޒުވާނެއްގެ ގަޔަށް ވަޅި ހަރައިފި

ހުޅުމާލޭގައި މިއަދުވެސް ޒުވާނެއްގެ ގަޔަށް ވަޅި ހަރައިފި

07 އޯގަސްޓް 2018

ހުޅުމާލޭގައި މިއަދު ހެނދުނު ވެސް ޒުވާނެއްގެ ގަޔަށް ވަޅި ހަރައި ޒަހަމްކޮށްލައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ހުޅުމާލޭގައި މިއަދު ހެނދުނު ވެސް ޒުވާނެއްގެ ގަޔަށް ވަޅި ހަރައި ޒަހަމްކޮށްލައިފި އެވެ.

ހުޅުމާލެ ހޮސްޕިޓަލް ހިންގާ އާސަންދަ ކުންފުނީގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ގައިގެ އަށް ތަނަކަށް ވަޅި ހަރައިގެން ހެނދުނު 7:10 ހާއިރު ފިރިހެނަކު އެ ހޮސްޕިޓަލަށް ގެނައި ކަމަށެވެ. ނަމަވެސް 25 އަހަރުގެ ޒުވާނާގެ އާއިލާއިން ބޭނުންވެގެން އޭނާ ވަނީ ޓްރީ ޓޮޕް ހޮސްޕިޓަލަށް ބަދަލުކޮށްފަ އެވެ.

"މި ހޮސްޕިޓަލުން ޓްރީ ޓޮޕަށް ބަދަލުކުރީ 11:30 ހާއިރު. ބަދަލުކުރިއިރު އޭނާގެ ހާލު ސްޓޭބަލް،" އާސަންދައިން ބުންޏެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެސްޓީއޯ އިން ހަދާ ހޮޓާ ކައިރިން މީހަކަށް ތޫނު އެއްޗަކުން ހަމަލާދީގެން ރިޕޯޓުކޮށްފައިވާ ކަމަށެވެ. އެ މައްސަލަ އިތުރަށް ތަހުގީގުކުރަމުން އަންނަ ކަމަށް އޮފިޝަލް ވިދާޅުވި އެވެ. އިތުރު ތަފްސީލެއް ނުދެއްވަ އެވެ.

ހުޅުމާލޭގައި މިިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ވެސް ޒުވާނެއްގެ ބޮލުގައި ދަގަނޑުބުރިއަކުން ޖަހައި ޒަހަމްކޮށްލާފައި ވެ އެވެ. ހާލު ސީރިއަސްވުމުން ޓްރީޓޮޕް ހޮސްޕިޓަލްގެ އައިސީޔޫގައި އޭނާއަށް އަންނަނީ ފަރުވާ ދެމުންނެވެ.

މި ފަހަކަށް އައިސް ހުޅުމާލޭގައި ވަނީ މާރާމާރީތައް ވަރަށް ބޮޑަށް އިތުރުވެފަ އެވެ.