Roadha Mihaaru
ދުވަސްވީ މީހުންގެ އެލަވަންސް ކުޑައެއް ނުކުރާނަން: އިބޫ

ދުވަސްވީ މީހުންގެ އެލަވަންސް ބޮޑު ކުރަން މަސައްކަތް އެބަކުރަން: އިބޫ

07 އޯގަސްޓް 2018

އުމުރުން 65 އަހަރުން މަތީގެ މީހުންނަށް ދެމުން އަންނަ އެލަވަންސް އިދިކޮޅު ކޯލިޝަންގެ ސަރުކާރެއްގައި ކުޑަ ނުކުރާނެ ކަމަށް ކޯލިޝަންގެ ރިޔާސީ ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް(އިބޫ) މިރޭ ވިދާޅުވެއްޖެ އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

އުމުރުން 65 އަހަރުން މަތީގެ މީހުންނަށް ދެމުން އަންނަ އެލަވަންސް އިދިކޮޅު ކޯލިޝަންގެ ސަރުކާރެއްގައި ކުޑަ ނުކުރާނެ ކަމަށް ކޯލިޝަންގެ ރިޔާސީ ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް(އިބޫ) މިރޭ ވިދާޅުވެއްޖެ އެވެ.

ލ. ގަމުގައި އެތައް ސަތޭކަ ސަޕޯޓަރުންނާއެކު އިދިކޮޅު ކޯލިޝަންގެ ލީޑާޝިޕުން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އިބޫ ވިދާޅުވީ ދުވަސްވީ މީހުންނަށް މިހާރު ދެމުން އަންނަ 5،000 ރުފިޔާގެ އެލަވަންސް އިތުރު ކުރެވޭތޯ ދިރާސާ ކުރަމުން އަންނަ ކަމަށެވެ.

"ދުވަސްވީ މީހުންނަށް ދެމުން އަންނަ 5،000 ރުފިޔާގެ އެލަވަންސަށް އުނި ކަމެއް ނުގެންނާނެ ކަމުގެ ޔަގީންކަން ދެން. އަޅުގަނޑުމެން ސިޔާސަތު އެކުލަވާލާ ފަރާތްތަކުން މިގެންދަނީ އެއަށް ރަނގަޅު ގޮތެއް ހެދޭތޯ ބަލަމުން،" ދުވަސްވީ ގިނަ ބޭފުޅުންތަކެއް ވެސް ބައިވެރި ޖަލްސާގައި އިބޫ ވިދާޅުވި އެވެ.

އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އިބޫއަށް ލ. ގަމުން މަރުހަބާ ދަންނަވަނީ.-- ފޮޓޯ: އިބްރާހިމް އަސަދުްް

އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އިބޫއަށް ލ. ގަމުން މަރުހަބާ ދަންނަވަނީ.-- ފޮޓޯ: އިބްރާހިމް އަސަދުްް

ރައީސް އަބްދުﷲ ޔާމީން ވަނީ ދެވަނަ ދައުރަކަށް އިންތިހާބުވެ ވަޑައިގެންފިނަމަ ދުވަސްވީ މީހުންނަށް ދޭ އެލަވަންސް ބޮޑު ކޮށްދެއްވާނެ ކަމަށް ވައުވެވަޑައިގެންފަ އެވެ.

އިބޫ ވިދާޅުވީ އިންފްލޭޝަނަށް އަންނަ ބަދަލުތަކާއެކު ދައުލަތުން ދޭ އެލަވަންސްތަކަށް ބަދަލު އަންނަން ޖެހޭ ކަމަށެވެ.

ސަޕޯޓަރުންގެ ފޯރިގަދަ ޖަލްސާގައި އިބޫ ވަނީ އޭނާގެ ސަރުކާރެއްގައި ގިނަ ކަންތައްތަކެއް ކޮށްދެއްވާނެ ކަމުގެ ވައުދުވެވަޑައިގެންފަ އެވެ.

އިބޫގެ ވައުދުތައް:

• ރާއްޖޭގެ އުތުރާއި ދެކުނުގައި އާބަން ސިޓީތަކެއް ގާއިމް ކުރުން

• ބިން ހުރި ރަށްތަކުން ގޯތިއެޅުމަށާއި ޓޫރިޒަމަށް ބިން ދޫކުރުން

• ނުހެދި ހުރި ގެތައް ހެދުމަށް ދިގު މުއްދަތަކުން ދައްކާގޮތަށް ލޯނު ދިނުން

• ލ. އަތޮޅާއި ހުވަދު އަތޮޅާ ދެމެދުގައިވާ ކަނޑުން ބައިނަލްއަގުވާމީ ދަތުރުތައް ކުރާއިރު އެކަމުން ނަފާ ހޯދުން

• އިންޑިއާ ކަނޑުގެ ސަލާމަތައް ނުރައްކާތެރި އެއްވެސް ކަމެއް ނުކުރުން

"އަޅުގަނޑުމެން މިކަން ކުރާއިރު ވިސްނަން ޖެހޭ ކަންކަން އެބަހުރި. އެއީ އިންޑިއާގެ ކަނޑުގެ ރައްކާތެރިކަމަށް ހުރަސް އެޅޭނެ އެއްވެސް ކަމެއް އަޅުގަނޑުމެން ނުކުރާނަން. އަދި ރާއްޖޭގެ މިނިވަން ކަމާއި އިސްތިގުލާލަށް ބުރޫ އަރާނެ ކަމެއް އަޅުގަނޑުމެން ނުކުރާނަން،" އިބޫ ވިދާޅުވި އެވެ.

މިއަދު ހަވީރު ކޯލިޝަންގެ އިސް ބައެއް ބޭފުޅުންނާ އެކު އިބޫ ގަމަށް ވަޑައިގަތުމުން ގިނަ އަދަދެއްގެ ރައްޔިތުން ވަނީ މަރުހަބާ ދެންނެވުމަށް ބަނދަރަށް ޖަމާވެފަ އެވެ. މިއަދު ލ. އަތޮޅުގެ ހަ ރަށަކަށް ދަތުރުކުރެއްވި އިރު މާދަމާ ވެސް މިއަތޮޅުގެ ބައެއް ރަށްތަކަށް ވަޑައިގަތުމަށް ވަނީ ނިންމަވައިފަ އެވެ.