08 އޯގަސްޓް 2018
ރާއްޖެ ތަމްސީލްކުރަން 26 އަހަރަށް ފަހު މެރެތަން ރޭހަކަށް ފޮނުވާ ފުރަތަމަ ދުވުންތެރިއާގެ ގޮތުގައި މުހައްމަދު ޝިފާޒް މި މަހު 18 ގައި ފަށާ އޭޝިއަން ގޭމްސް އަށް ފޮނުވަން އެތުލެޓިކްސް އެސޯސިއޭޝަނުން ނިންމައިފި އެވެ.
ރާއްޖެ ތަމްސީލްކުރަން 26 އަހަރަށް ފަހު މެރެތަން ރޭހަކަށް ފޮނުވާ ފުރަތަމަ ދުވުންތެރިއާގެ ގޮތުގައި މުހައްމަދު ޝިފާޒް މި މަހު 18 ގައި ފަށާ އޭޝިއަން ގޭމްސް އަށް ފޮނުވަން އެތުލެޓިކްސް އެސޯސިއޭޝަނުން ނިންމައިފި އެވެ.
ރާއްޖޭން އެންމެ ފަހުން ބޭރަށް ދިޔަ މެރެތަން ދުވުންތެރިއަކީ 1992 ވަނަ އަހަރުގެ ބާސެލޯނާ އޮލިމްޕިކްސްގައި ދުވި ޑރ. ހުސެއިން ހަލީމް (ކުޑަހުސެން) އެވެ. ޝިފާޒް ވެގެންދާނީ މެރެތަންގައި ރާއްޖެ ތަމްސީލްކުރާ ތިން ވަނަ ދުވުންތެރިއާ އަށެވެ. އަނެއް ދެ ދުވުންތެރިންނަކީ ކުޑަހުސެންގެ އިތުރުން 1988 ވަނަ އަހަރުގެ ސޯލް އޮލިމްޕިކްސްގައި ދުވި އަބްދުއްލަތީފް އަބްދުލްހާދީ އެވެ. އެކަމަކު އޭނާ އެ ފަހަރު ރޭސް ނިންމާފައެއް ނުވެ އެވެ.
ގައުމީ މެރެތަން ރެކޯޑް އޮންނަ ޝިފާޒް އެ ރެކޯޑް އެންމެ ފުރަރަމަ މުގުރާލީ އޭނާގެ ހަޔާތުގައި ދުވި ފުރަތަމަ މެރެތަނުގައި މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ނޭޕާލްގެ ކަތުމަންޑޫގައި 2 ގަޑި 40:47 މިނިޓުން ދުވެގެންނެވެ. އޭގެ ފަހުން މި އަހަރުގެ ޖެނުއަރީ މަހު ދުބާއީ މެރެތަންގައި 2 ގަޑި 39:40 މިނެޓުން ދުވެގެން ރެކޯޑް އާކުރުމަށް ފަހު ތިން ވަނަ ފަހަރަށް އާކުރީ ޖުލައި މަހު އޮސްޓްރޭލިއާގެ ގޯލްޑް ކޯސްޓް މެރަތަންގައި ވާދަކޮށް 2 ގަޑި 35:17 އިން ނިންމައިގެންނެވެ.
ގައުމީ ހާފް މެރަތަން ރެކޯޑް ވެސް މި ވަގުތު އޮތީ ޝިފާޒް އަތުގަ އެވެ. އޭނާ ވަނީ މި އަހަރުގެ މޭ 19 ގައި ނޭޕާލުގައި އޮތް ހާފް މެރަތަން ރޭސް 1 ގަޑި 14:01 މިނެޓުން ދުވެފަ އެވެ.
ރާއްޖޭގައި މުގުރާނުލެވި އެންމެ ގިނަ ދުވަހު އޮތް އެތުލެޓިކްސްގެ ރެކޯޑް ކަމަށްވާ ފިރިހެނުންގެ މެރެތަން ރެކޯޑް ނުވަ މަސް ތެރޭ ތިން ފަހަރަށް މުގުރާލާފައިވާ ޝިފާޒް ފަހަކަށް އައިސް ބޮޑު ކުރިއެރުންތަކެއް ހޯދީ ސިފައިންގޭގެ އިތުރު ދުވުންތެރިންނާ އެކު ހެދި ވަރުގަދަ ތަމްރީންތަކަށް ފަހު އެވެ. ނޭޕާލުގެ ތަޖުރިބާކާރު ކޯޗެއް ކަމަށްވާ ދަނޭރަމް ޗައުދަރީ މާލެ ގެނެސް މިދިޔަ އަހަރު ހެދި ދެ މަހެއްހާ ދުވަހު ތަމްރީންތަކަށް ފަހު ސީދާ ނޭޕާލަށް ގޮސް އެތަނުގައި ވެސް ތަމްރީން ހެދި އެވެ.
ދިރާގު ރޯޑްރޭހާއި ރާއްޖޭގައި ބާއްވާ އެންމެ އުނދަގޫ އެއް ރޭސް ކަމަށްވާ ރެޑްބުލް ކެޗް ދަ ފެރީ ރޭސް ވެސް ކާމިޔާބުކޮށްފައިވާ ޝިފާޒަކީ، މެރެތަން ރެކޯޑް އެންމެ ފުރަތަމަ ހެދި ކުޑަހުސެން ބުނި ގޮތުގައި ރާއްޖެ ތަމްސީލްކުރުމުގެ ފުރުސަތު ހައްގު ކަމަށެވެ.
"އަމިއްލަ އަށް ލަންކާ އާއި ނޭޕާލަށް ގޮސް ތަމްރީންތައް ހަދައި ބޮޑު ކުރިއެރުންތަކެއް ހޯދައިފި. އޭނާގެ ޓައިމިން އާއި މަސައްކަތަށް ބަލާއިރު އޭނާ އަކީ ގޭމްސް އަށް ފޮނުވުން އެންމެ ހައްގު އެއް ދުވުންތެރިއާ،" 1989 ވަނަ އަހަރުގެ ސާފް ގޭމްސްގައި ރެކޯޑް ހެދި ކުޑަހުސެން ބުންޏެވެ.
ޒަމާންތަކަށް ފަހު މެރެތަން ރޭހެއްގައި ދިވެއްސަކު ބައިވެރިވި ނަމަވެސް އަމިއްލަ ވަރަށް ގިނަ ދުވުންތެރިން ވަނީ މިދިޔަ ހަޔެއްގަ އަހަރު ތެރޭ ބޭރުގެ ރޭސްތަކުގައި ވާދަކޮށްފަ އެވެ. އަދި އެސޯސިއޭޝަނުން ވަނީ ހާފް މެރެތަން ރޭސްތަކަށް ދުވުންތެރިން ފޮނުވައިފަ އެވެ.
އޭޝިއަން ގޭމްސް އަށް ހަތަރު ދުވުންތެރިން
ރަން މެޑެއްޔާ އެކު އަސްކަރީ ހިދުމަތުން ސަލާމަތްވެއްޖެ
ދިގު ބްރޭކަށް ފަހު އެނބުރި އައި ޝިފާޒަށް ކުރިއެރުން
އޭޝިއަންގޭމްސްގެ ސާފިންއިން ފިރިހެން ޖާގައެއް ރާއްޖެއަށް
އޭޝިއަންގޭމްސްގެ ސާފިންއިން އަންހެން ޖާގައެއް ރާއްޖެއަށް
އޭޝިއަން ގޭމްސްގެ މެޑަލް ޓާގެޓް، ސާފިންއާމެދު އުންމީދު
ރާއްޖޭގައި އޭޝިއަން ގޭމްސް ބޭއްވުމުގެ އަމާޒެއް
ގަދަ 16 ގައި ނަބާހާ ބަލިވީ ދުނިޔޭގެ އެއްވަނަ އަތުން
ފަސޫހާ ތިންވަނަ ފަހަރަށް ގައުމީ ރެކޯޑް މުގުރާލައިފި
އޭޝިއަން ގޭމްސްގައި ސްވިމިން އިން 14 ގައުމީ ރެކޯޑެއް