Roadha Mihaaru
އިދިކޮޅުގެ ބޮޑު ޖަލްސާއަކަށް ކާނިވާ ދޭން އެދިއްޖެ

އިދިކޮޅު ކޯލިޝަންގެ ބޮޑު ޖަލްސާއަކަށް ކާނިވާ ދޭން އެދިއްޖެ

08 އޯގަސްޓް 2018

އަންނަ ހުކުރު ދުވަހު އިދިކޮޅު ކޯލިޝަންގެ ބޮޑު ޖަލްސާއެއް ބޭއްވުމަށްޓަކައި ކާނިވާ ދޫކޮށްދޭން ހައުސިން މިނިސްޓްރީގައި އެދިއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އަންނަ ހުކުރު ދުވަހު އިދިކޮޅު ކޯލިޝަންގެ ބޮޑު ޖަލްސާއެއް ބޭއްވުމަށްޓަކައި ކާނިވާ ދޫކޮށްދޭން ހައުސިން މިނިސްޓްރީގައި އެދިއްޖެ އެވެ.

އަންނަ މަހު ބާއްވާ ރިޔާސީ އިންތިޚާބަށް ކޯލިޝަނުން ވާދަކުރައްވާ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)ގެ ތަރުޖަމާން މާރިޔާ އަހުމަދު ދީދީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ ގުޅިފައިވާ އިއްތިހާދުގެ ބޮޑު ޖަލްސާއެއް ބާއްވަން ނިންމާފައިވާ ކަމަށެވެ. އެހެންވެ ކާނިވާ ދޫކޮށްދޭން މީގެ ތިން ދުވަސް ކުރިން ހައުސިންގައި އެދިފައިވާނެ ކަމަށް ވިދާޅުވި އެވެ.

މާރިޔާ ވިދާޅުވި ގޮތުގައި ކާނިވާ ދޫކޮށްދިނުމަށް އެދުނުތާ ތިން ދުވަސް ވެގެން ދިޔައިރު ވެސް އެކަމަށް ހައުސިން މިނިސްޓްރީން ޖަވާބެއް ނުދެ އެވެ. ނަމަވެސް ރިޔާސީ އިންތިޚާބުގެ ކެމްޕެއިނަށް ހުރިހާ ފަރާތްތަކަށް ވެސް ހަމަހަމަ ފުރުސަތު ދޭން އެޓާނީ ޖެނެރަލް (އޭޖީ) އިން އަންގާފައިވާ އެންގުމަށް އިހުތިރާމްކޮށް އެ ޖާގަ ދޭން ޖެހޭނެ ކަމަށް ވިދާޅުވި އެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި މާރިޔާ ވާހަކަ ދައްކަވަނީ.  - ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ނޫސްވެރިންގެ ބައްދަލުވުމުގައި މާރިޔާ ވާހަކަ ދައްކަވަނީ. - ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުން ރަސްމީކޮށް އިލެކްޝަންސް ކޮމިޝަނުން އިއުލާން ކުރެވެންދެން ވެސް، އެ ބޭފުޅުންނަށް ހަމަހަމަ ފުރުސަތު ދިނުމަށް ދައުލަތުގެ މުއައްސަސާތަކަށް ބަންޑާރަ ނައިބު މުހައްމަދު އަނިލް ވަނީ މިދިޔަ މަހު އަންގަވައިފަ އެވެ.

އޭގެ ތެރޭގައި ހައުސިން މިނިސްޓްރީ ވެސް ހިމެނެ އެވެ. އެ އިދާރާ އަށް އޭޖީން ވަނީ މަގުތަކާއި ދައުލަތުގެ ބިމާއި އިމާރާތްތައް ހަމަހަމަކަމާ އެކު ސިޔާސީ ފަރާތްތަކަށް ފޯރުކޮށްދޭން އަންގައިފަ އެވެ.

މާރިޔާ ވިދާޅުވީ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ގޭގެ އަށް ވަޑައިގެން ފޯމުތައް ފުރުއްވުމުގެ ބަދަލުގައި، މަގާމުގެ މަސްއޫލިއްޔަތު އަދާކުރައްވައި ރައްޔިތުންނަށް ހިދުމަތް ދޭން ޖެހޭ ކަމަށެވެ.

"އޮގަސްޓް 10ގައި ކާނިވާ ސަރަހައްދުގައި ބޮޑު ޖަލްސާއެއް ބޭއްވުމަށް އެދިފައިވާނެ އަދި އެކަމަށް މަގުފަހިކޮށްދެއްވައި އޭގެ ހުއްދަ ހޯދައިދެއްވުމަށް މިހާރުން މިހާރަށް އަޅުގަނޑު ގޮވާލަން،" މާރިޔާ ވިދާޅުވި އެވެެ.

މިފަހަކަށް އައިސް އިދިކޮޅު ހަރަކާތެއް ބޭއްވުމަށް ދައުލަތުގެ އެއްވެސް ބިމެއް، އިމާރާތެއް ދުލެއް ނުކުރެ އެވެ. އެކަމުގެ ކަންބޮޑުވުންތައް އިދިކޮޅު ފަރާތްތަކުން ދަނީ ފާޅުކުރަމުންނެވެ.