Roadha Mihaaru
"ރައްޔިތުންގެ ނިންމުން، ކޯޓުން ބަދަލެއް ނުކުރާނެ"

ރައްޔިތުންގެ ނިންމުން ކޯޓުން ބަދަލުކޮށްފާނެ ކަމަކަށް ގަބޫލެއް ނުކުރެވޭ: މާރިޔާ

10 އޮކްޓޯބަރ 2018

ރިޔާސީ އިންތިޚާބު ބާތިލްކުރަން ރައީސް އަބްދުﷲ ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅާފައިވީ ނަމަވެސް ވޯޓުގައި ރައްޔިތުންގެ ނިންމާފައިވާ ގޮތް ބަދަލުކޮށްފާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ)ގެ ތަރުޖަމާން މާރިޔާ އަހްމަދު ދީދީ މިއަދު ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ރިޔާސީ އިންތިޚާބު ބާތިލްކުރަން ރައީސް އަބްދުﷲ ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅާފައިވީ ނަމަވެސް ވޯޓުގައި ރައްޔިތުންގެ ނިންމާފައިވާ ގޮތް ބަދަލުކޮށްފާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ)ގެ ތަރުޖަމާން މާރިޔާ އަހްމަދު ދީދީ މިއަދު ވިދާޅުވެއްޖެ އެވެ.

މިދިޔަ މަހުގެ 23 ގައި ބޭއްވި ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީންގެ މައްޗަށް، އިދިކޮޅު ކޯލިޝަނުން ވާދަކުރެއްވި އިބޫ ކުރި ހޯއްދެވީ 134،705 ވޯޓުންނެވެ. އެއީ 58.4 ޕަސެންޓެވެ. ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު ރައީސް ޔާމީނަށް ލިބިވަޑައިގަތީ، 96،052 ވޯޓެވެ. އެއީ 41.6 ޕަސެންޓެވެ. މިއީ ރާއްޖޭގައި މިހާތަނަށް ބޭއްވި ރިޔާސީ އިންތިޚާބެއްގައި އެންމެ ފަރަގު ބޮޑު ނަތީޖާ އެވެ.

އިބޫ، 38،000 އަށް ވުރެ ގިނަ ވޯޓުގެ ތަފާތުން ކުރި ހޯއްދެވި އިންތިޚާބާ ގުޅިގެން ސަޕޯޓަރުންތަކެއް ހުށަހެޅި ޝަކުވާތަކަށް ބެލުމަށް ފަހު، ރައީސް ޔާމީންގެ ފަރާތްޕުޅުން ވަނީ ދުސްތޫރީ މައްސަލައެއް ސުޕްރީމް ކޯޓަށް މިއަދު ވައްދައިފަ އެވެ.

މާރިޔާ މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި، އެ މައްސަލައާ ގުޅޭ ގޮތުން ނޫސްވެރިއަކު ސުވާލު ކުރުމުން ވިދާޅުވީ އިންތިޚާބާ ގުޅޭ ގޮތުން ހުށަހެޅީ ކޮން މައްސަލައެއް ކަމެއް ވެސް ރައީސް ޔާމީންގެ ވަކީލުން މިހާތަނަށް ރައްޔިތުންނަށް ސާފުކޮށްދެއްވާފައި ނުވާ ކަމަށެވެ. މިހާތަނަށް އާއްމުކުރީ އެ މައްސަލަ ހުށަހެޅުން ކަން އެކަނި ކަަން މާރިޔާ ފާހަގަކުރެއްވި އެވެ.

އެކަމަކު، އެ މައްސަލަ ހުށަހެޅީ އިންތިޚާބުގައި ރައީސް ޔާމީން ބަލި ގަބޫލުފުޅު ކުރައްވައި ވެރިކަން ބަދަލުވުމުގެ މަރުހަލާ ވެސް އޮމާންކަމާ އެކު ކުރިއަށް ދަނިކޮށް ކަމަށް މާރިޔާ ވިދާޅުވި އެވެ. ސަރުކާރުގެ ހުރިހާ މުއައްސަސާތަކަކުންނާއި ރަސްމީ އިދާރާތަކަކުން ވެސް މާރިޔާ ވިދާޅުވި ގޮތުގައި، ވެރިކަން ބަދަލުވެއްޖެ ކަމަށް ގަބޫލުކޮށްފި އެވެ.

"ރައީސުލްޖުމްހޫރިއްޔާ ވެސް ރައީސް އޮފީހުގައި ހުންނަވައިގެން ގަބޫލުފުޅު ކުރައްވައިފި ރައްޔިތުން އެ ބޭފުޅާ އަށް ވޯޓެއް ނުލާކަން، އެ ބޭފުޅާ އޮތީ ބޮޑުތަނުން ބަލިވެފައި ކަން. އަދި އެކި ތަންތަނުގައި ކީއްވެގެންހޭ ރައްޔިތުން ތިމަންނައަށް ވޯޓު ނުދިނީ ކިޔައިގެން ވެސް ވާހަކަ ދެއްކެވި ތަން ވެސް ފެނިގެން ހިނގައްޖެ،" މާރިޔާ ވިދާޅުވި އެވެ.

"މި ހުރިހާ ހެއްކާއި ގަރީނާ އެއްކޮޅަކަށް އޮވެފައި، ކޯޓަކުން އެ ނޫން އެހެން ގޮތަކަށް ނިންމާވަޑައިގެންފާނެ ކަމަށް ގަބޫލުކުރަން ދަތި،" މާރިޔާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އިންތިޚާބުން ބަލިވެއްޖެ ކަން ގަބޫލުފުޅު ކުރައްވައި ރައީސް ޔާމީން ވެސް އެކަން އިއުލާން ކުރެއްވުމާ އެކު ފުލުހުންނާއި ސިފައިން ވެސް ރައްޔިތުންގެ ނިންމުން ދަމަހައްޓާނެ ކަމުގެ ޔަގީންކަން އޮތީ ދީފަ އެވެ.

މާރިޔާ ވިދާޅުވީ، އިންތިޚާބުގެ ދާއިމީ ނަތީޖާ އިއުލާން ކުރުމާ އެކު ވެރިކަން ބަދަލުކުރުމުގެ މަރުހަލާގެ ގާނޫނުގެ ދަށުން ޑިރެކްޓަރު އޮފް ޓްރާންސިޝަނަލްގެ މަގާމަށް ބޭފުޅަކު އައްޔަންކޮށް، އެ އޮފީހުން އެ މަސައްކަތް ވެސް ވަރަށް އޮމާންކަމާ އެކު ކުރިއަށް ދާ ކަމަށެވެ. އެ މަސައްކަތް ހިނގަމުން ދަނިކޮށް، އިންތިޚާބާ ގުޅޭ މައްސަލައެއް ހުށަހެޅުމުން ސިފަވަނީ ރަށުތެރެ ހަލަބޮލިކުރަން ކުރާ މަސައްކަތެއްގެ ގޮތުގައި ކަމަށް ވިދާޅުވި އެވެ.

"އެ [ރަށުތެރެ ހަލަބޮލިކުރުން] ނޫން އެހެން އެއްވެސް ކަމެއް ނެތް. ރައްޔިތުން ތިބީކީ އެ މޫޑަކު ނޫން،" މާރިޔާ ވިދާޅުވި އެވެ.

"ހުރިހާ ކަމެއް އެކި ގޮތްގޮތަށް ކުރިއަށް ގެންދަވާފައި ނުކުމެވަޑައިގެން މާކަނާ ކަލޯތާ ހެދިފައި، ކޯޓަށް ވަދެވަޑައިގެން އެ ކަހަލަ ކަންތައް ކުރެއްވުމުން އެއީ އަޅުގަނޑަށް ފާހަގަވަނީ ސުޕްރީމް ކޯޓު ވެސް ކުޑައިމީސްކުރުން ހެން،" މާރިޔާ ވިދާޅުވި އެވެ.