Roadha Mihaaru
ފައިސަލް ޅ. އަތޮޅުގައި، ޝަހީމް ފުވައްމުލަކަށް

ފައިސަލް ޅ. އަތޮޅުގައި، ޝަހީމް ފުވައްމުލަކަށް

10 އޯގަސްޓް 2018

އަންނަ މަހުގެ 23 ގައި ބާއްވާ ރިޔާސީ އިންތިހާބަށް ކެމްޕެއިން ކުރުމަށް އިދިކޮޅު ކޯލިޝަންގެ ރަނިން މޭޓް ފައިސަލް ނަސީމް ޅ. އަތޮޅުގެ ރަށްތަކަށް މިއަދު ފުރާވަޑައިގެންނެވިއިރު ރައީސް އަބްދުﷲ ޔާމީންގެ ރަނިން މޭޓް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ފުވައްމުލަކަށް ފުރާވަޑައިގެންފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

އަންނަ މަހުގެ 23 ގައި ބާއްވާ ރިޔާސީ އިންތިހާބަށް ކެމްޕެއިން ކުރުމަށް އިދިކޮޅު ކޯލިޝަންގެ ރަނިން މޭޓް ފައިސަލް ނަސީމް ޅ. އަތޮޅުގެ ރަށްތަކަށް މިއަދު ފުރާވަޑައިގެންނެވިއިރު ރައީސް އަބްދުﷲ ޔާމީންގެ ރަނިން މޭޓް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ފުވައްމުލަކަށް ފުރާވަޑައިގެންފި އެވެ.

ވާދަވެރި ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ގެ ރަނިން މޭޓް ފައިސަލް މިއަދު ހެނދުނު ޅ. އަތޮޅުގެ ރަށްތަކަށް ފެއްޓެވި ދަތުރުގައި އެ އަތޮޅުގެ އޮޅުވެލިފުއްޓަށާއި ހިންނަވަރަށް މިއަދު ވަޑައިގެން ރައްޔިތުންނާ ބައްދަލު ކުރައްވާފައިވެ އެވެ. ފައިސަލާ އެކު އިދިކޮޅު ކޯލިޝަންގެ އިސް ބޭފުޅުން ބައިވެރިވެ ވަޑައިގަންނަވަ އެވެ.

ރައީސް ޔާމީންގެ ރަނިން މޭޓް އަދި އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލާ ޝަހީމް މިއަދު ހަވީރު ފުވައްމުލަކަށް ފުރާވަޑައިގެންނެވުމުގެ ކުރިން ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވީ ރިޔާސީ އިންތިހާބު ރައީސް ޔާމީން ކާމިޔާބު ކުރައްވާނީ އިދިކޮޅު ކޯލިޝަނަށް ތާއީދު ކުރައްވާ ބޭފުޅުންގެ ވޯޓާ ވެސް އެކުގައި ކަމަށެވެ.

އެ ދަތުރުގައި ފުވައްމުލަކު ރައްޔިތުންނާއި ބައްދަލުކުރައްވައި ރައްޔިތުން ބޭނުންވާ ކަންކަން ސާފުކުރައްވާނެ ކަމަށް ޝަހީމް ވިދާޅުވި އެވެ.

ދެ ރަނިން މޭޓުން ރާއްޖޭގެ ދެ ހިސާބެއްގައި މިއަދު ކެމްޕެއިން ފެށިއިރު އިދިކޮޅު ކޯލިޝަންގެ ކެނޑިޑޭޓް އިބޫ މާދަމާ ހދ. އަތޮޅުގެ ރަށްތަކަށް ވަޑައިގަތުމަށް ފުރާވަޑައިގަތުމަށް ވަނީ ނިންމަވާފަ އެވެ.

ރިޔާސީ އިންތިހާބަށް ކުރިމަތިލުމުގެ މުއްދަތު މިއަދު ހަމަވިއިރު ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ޝަރުތު ހަމަވެ އިންތިހާބުގައި ވާދަ ކުރައްވާނީ ރައީސް ޔާމީނާއި އިބޫ ކަމަށް އިލެކްޝަންސްއިން ވަނީ ނިންމައިފަ އެވެ.