Roadha Mihaaru
ރިޔާސީ ރޭހުގައި ވާދަކުރައްވާނީ ރައީސް ޔާމީނާއި އިބޫ

ރިޔާސީ ރޭހުގައި ވާދަކުރައްވާނީ ރައީސް ޔާމީނާއި އިބޫ!

10 އޯގަސްޓް 2018

އަންނަ މަހުގެ 23 ގައި ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނީ ރައީސް އަބްދުﷲ ޔާމީނާއި އިދިކޮޅު ކޯލިޝަންގެ ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ކަމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ނިންމައިފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

އަންނަ މަހުގެ 23 ގައި ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނީ ރައީސް އަބްދުﷲ ޔާމީނާއި އިދިކޮޅު ކޯލިޝަންގެ ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ކަމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ނިންމައިފި އެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ މުއްދަތު މިއަދު ހަވީރު 4 ޖެހުމާއެކު ހަމަވިއިރު ތިން ބޭފުޅުން ވަނީ އިންތިހާބަށް ކުރިމަތިލައްވާފަ އެވެ. އޭގެ ތެރެއިން އަމިއްލަގޮތުން ކުރިމަތިލެއްވި ހުސައިން ނަސީރުގެ ފޯމް އިލެކްޝަންސް އިން ވަނީ ބާތިލްކޮށްފަ އެވެ.

ރައީސް ޔާމީނާއި ރަނިން މޭޓް ޝަހީމް-- ފޮޓޯ: މިހާރު

ރައީސް ޔާމީނާއި ރަނިން މޭޓް ޝަހީމް-- ފޮޓޯ: މިހާރު

އެ ފޯމް ބާތިލް ކުރީ އަމިއްލަ ކެނޑިޑޭޓުން ހުށަހަޅަން ޖެހޭ 1500 މީހުން ސޮޔާއި ކެނޑިޑޭޓުގެ ދާއިމީ އެޑްރެހުގެ އިތުރުން ރަނިން މޭޓް ޝެއިހް ނަސްރުﷲގެ ކުށުގެ ރެކޯޑުގައި މައްސަލަތަކެއް އުޅޭތީ އެވެ. ފޯމް ބަލައިނުގަތް މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅަން ހުސައިން ނަސީރު މިހާރު ވަނީ ނިންމާފަ އެވެ.

އިންތިހާބުގައި ވާދަ ކުރައްވާނެ ކަން އިއުލާން ކުރެއްވި ނަމަވެސް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި އެލްޖީއޭގެ ކުރީގެ ނައިބު ރައީސް ޝުޖާއު ހުސައިން ވަނީ އިންތިހާބުގައި ވާދަ ނުކުރެއްވުމަށް ނިންމަވާފަ އެވެ.

ރަނިން މޭޓަކަށް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ހަމަޖައްސަވައި ރައީސް ޔާމީން ކެމްޕެއިން ކުރައްވަމުން ގެންދަވާއިރު އިދިކޮޅު ކެނޑިޑޭޓް އަންނަނީ ކޯލިޝަން ޕާޓީތަކާއެކު އިންތިހާބަށް ކެމްޕެއިން ކުރައްވަމުންނެވެ. ކޯލިޝަންގެ ކެނޑިޑޭޓަކަށް އެމްޑީޕީ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އިބޫ ހަމަޖައްސަވާފައިވާއިރު ރަނިން މޭޓަކަށް ހަމަޖެއްސެވީ ޖުމްހޫރީ ޕާޓީގެ އަދި ކާށިދޫ ދާއިރާގެ މެމްބަރު ފައިސަލް ނަސީމެވެ.

ރައީސް ޔާމީން ކެމްޕެއިން ކުރައްވަމުން ގެންދަވަނީ ތަރައްގީގެ ވާހަކަ މޮޓޯއަކަށް ނަންގަވައިގެންނެވެ. އިދިކޮޅު ޕާޓީތަކުން ރައީސް ޔާމީންގެ ވެރިކަން ބަދަލު ކުރަން ޖެހޭ ސަބަބެއް ކަމަށް ބުނަމުން އަންނަނީ ސަރުކާރުގެ ތެރޭގައި ހިނގާފައިވާ ކޮރަޕްޝަންގެ އަމަލުތަކާއި އަނިޔާވެރިކަން ކަމަށެވެ. އެއާ އެކު، ރައީސް ޔާމީންގެ ކެމްޕެއިން ޓީމުން ބުނަމުން ދަނީ އިދިކޮޅު ކޯލިޝަނަށް ވެރިކަން ދީފި ނަމަ، ގައުމުގެ ހަރު މުދާތައް ވިއްކައި، އެ ކޯލިޝަންގެ ސަރުކާރެއްގައި ތަރައްގީ ފަހަތަށް ޖައްސާލާނެ ކަމަށެވެ.

އިދިކޮޅު ކެނޑިޑޭޓް އިބޫ އާއި ރަނިން މޭޓް ފައިސަލް-- ފޮޓޯ: މިހާރު

އިދިކޮޅު ކެނޑިޑޭޓް އިބޫ އާއި ރަނިން މޭޓް ފައިސަލް-- ފޮޓޯ: މިހާރު

ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމާއި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ އިތުރުން ރައީސް މައުމޫން އަބްދުލްގައްޔޫމް މިހާރު ވެސް ހުންނެވީ ޖަލު ހުކުމްތަކެއްގަ އެވެ. އޭގެ ތެރެއިން ރައީސް މައުމޫން ގެންދަވަނީ މާފުށީ ޖަލުގައި ހުކުމް ތަންފީޒު ކުރައްވަމުންނެވެ. ނަޝީދާއި ގާސިމް އުޅުއްވަނީ ބޭރުގެ ސިޔާސީ ހިމާޔަތް ހޯދަވައިގެންނެވެ.