Roadha Mihaaru
އިބޫގެ ރަށުން އިދިކޮޅު ކޯލިޝަނަށް ހޫނު މަރުހަބާއެއް

އިބޫގެ ރަށުން އިދިކޮޅު ކޯލިޝަނަށް ހޫނު މަރުހަބާއެއް

10 އޯގަސްޓް 2018

މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ގެ އުފަން ރަށް، ޅ. ހިންނަވަރަށް އޭނާގެ ރަނިންމޭޓް ފައިސަލް ނަސީމް ކެމްޕެއިނަށް މިއަދު ވަޑައިގަތުމުން ހޫނު މަރުހަބާއެއް ކިޔައިފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ގެ އުފަން ރަށް، ޅ. ހިންނަވަރަށް އޭނާގެ ރަނިންމޭޓް ފައިސަލް ނަސީމް ކެމްޕެއިނަށް މިއަދު ވަޑައިގަތުމުން ހޫނު މަރުހަބާއެއް ކިޔައިފި އެވެ.

މިއީ އިދިކޮޅު ކެންޑިޑޭޓަކަށް ހިންނަވަރު ދާއިރާގެ މެމްބަރު އިބޫ އާއި އޭނާގެ ރަނިންމޭޓަކަށް ކާށިދޫ ދާއިރާގެ މެމްބަރު ފައިސަލް ނަސީމް ކަނޑައެޅި ފަހުން، ހިންނަވަރަށް ކޯލިޝަންގެ އިސް ވަފުދެއް ދިޔަ ފުރަތަމަ ފަހަރެވެ.

އަންނަ މަހުގެ 23 ގައި ބާއްވާ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ އިދިކޮޅު ކެންޑިޑޭޓަކަށް، މިދިޔަ ޖޫން 30 ގައި އެމްޑީޕީގެ ކޮންގްރެސް އިން އިބޫ ހޮވި ފަހުން، އަމިއްލަ ރަށަށް އަދި ވަޑައިނުގެންނެވި ނަމަވެސް އޭނާގެ ރަނިންމޭޓް ފައިސަލް އެ ރަށަށް މިއަދު ވަޑައިގަތުމުން މަރުހަބާ ކިޔުމަށް ވަރަށް ގިނަ ބަޔަކު ނުކުތެވެ.

އެނގިފައިވާ ގޮތުގައި އިބޫ، އޭނާގެ ރަށަށް ކެމްޕެއިނަށް ވަޑައިގަންނަވާނީ އަންނަ މަހުގެ ތެރޭގަ އެވެ.

ރަށުގައި މިވަގުތު 2،000 އެއްހާ މީހުން ދިރިއުޅެމުން އަންނައިރު، ފައިސަލަށް މަރުހަބާ ކިޔުމަށް އޭގެ ތެރެއިން ވަރަށް ގިނަ ބަޔަކު ބަނދަރު މައްޗަށް ނުކުމެ، އިދިކޮޅު ކޯލިޝަނަށް ތާއީދު އޮތް ކަން ހާމަކުރި އެވެ. އެގޮތުން، ފައިސަލާއި އިދިކޮޅު ކޯލިޝަންގެ އިސްވެރިންނާ ސަލާން ކުރަން އޮތް ކިޔޫ، ހިންނަވަރުގެ ބަނދަރުން ފެށިގެން އެއްގަމަށް އަރަން އޮތް ބޮޑު މަގުގެ މެދަކާ ހަމައަށް ދަމާލާފައި އޮތެވެ. ރަނިންމޭޓް ފައިސަލަށް މަރުހަބާ ކިޔުމަށް ބޮޑުބެރުގެ އައިޓަމެއް ވެސް ހުށަހެޅި އެވެ.

އިބޫގެ ރަނިންމޭޓް ފައިސަލަށް ހިންނަވަރުން މަރުހަބާ ކިޔުމަށް މިއަދު އެއްވި ބައެއް މީހުން އޭނާގެ އިންތިޒާރުގައި ސަފަކަށް އެތުރިލައިގެން.

އިބޫގެ ރަނިންމޭޓް ފައިސަލަށް ހިންނަވަރުން މަރުހަބާ ކިޔުމަށް މިއަދު އެއްވި ބައެއް މީހުން އޭނާގެ އިންތިޒާރުގައި ސަފަކަށް އެތުރިލައިގެން.

ހިންނަވަރު ދާއިރާގެ މެމްބަރުކަން އިބޫ ކުރައްވާތާ 25 އަހަރު ވެފައިވާއިރު، އޭނާ އަކީ އެ ރަށުގެ ވަރަށް ގިނަ ބައެއްގެ ތާއީދު ހޯއްދަވާފައިވާ ބޭފުޅެކެވެ.

ހިންނަވަރުން ކީ މަރުހަބާއާ ގުޅޭގޮތުން ފައިސަލް "މިހާރު" އަށް ވިދާޅުވީ، އެ ރަށުގެ ހުރިހާ އެންމެން ކަހަލަ ގޮތަކަށް އޭނާ އަށް މަރުހަބާ ކިޔަން ގޮސް ތިބިތަން ފެނިވަޑައިގަތުމުން ވަރަށް ބޮޑު އުފަލެއް ލިބިވަޑައިގެންނެވި ކަމަށެވެ. އަދި، ވެރިކަން ކުރާ ޕާޓީ ޕީޕީއެމްގެ ގިނަ ބަޔަކު ވެސް އޭނާ އަށް މަރުހަބާ ކިޔަން ދިޔަ ކަމަށާއި އެއީ ލިބިވަޑައިގެންނެވި ހިތްވަރެއް ކަމަށް ޖުމްހޫރީ ޕާޓީގެ ކައުންސިލް މެމްބަރު ފައިސަލް ވިދާޅުވި އެވެ.

އޭނާ ވަނީ، ރައީސް ޔާމީން 2018 ޖަހާފައިވާ ޓީޝާޓް ލައިގެން ހިންނަވަރުގައި ތިބި ޕީޕީއެމްގެ މެމްބަރުންނާ ވެސް ސަލާން ކުރައްވައި ކެމްޕެއިން ކުރައްވައިފަ އެވެ.

ހިންނަވަރުގައި އުޅޭ ރައީސް ޔާމީންގެ ސަޕޯޓަރުންނާ، އިދިކޮޅު ކޯލިޝަންގެ ރަނިންމޭޓް ފައިސަލް މިއަދު ސަލާމް ކުރައްވަނީ.

ހިންނަވަރުގައި އުޅޭ ރައީސް ޔާމީންގެ ސަޕޯޓަރުންނާ، އިދިކޮޅު ކޯލިޝަންގެ ރަނިންމޭޓް ފައިސަލް މިއަދު ސަލާމް ކުރައްވަނީ.

"ރަށުގެ ހުރިހާ އެންމެން ކަހަލަ ގޮތަކަށް އެއްވެ ތިބިއިރު، އެ ބޭފުޅުންގެ މޫނުމަތިން އެނގޭ ބޭނުން ވަނީ ވީހާ ވެސް އަވަހަށް ބަދަލެއްކަން،" ކެމްޕެއިނަށް ޅ. ކުރެންދޫގައި މިހާރު ހުންނެވި ފައިސަލް ވިދާޅުވި އެވެ.

އިބޫގެ ރަނިންމޭޓް ފައިސަލަށް ހިންނަވަރުން މަރުހަބާ ކިޔުމަށް މިއަދު އެއްވި ބައެއް މީހުން.

އިބޫގެ ރަނިންމޭޓް ފައިސަލަށް ހިންނަވަރުން މަރުހަބާ ކިޔުމަށް މިއަދު އެއްވި ބައެއް މީހުން.

އިދިކޮޅު ކޯލިޝަނުން މިހާތަނަށް ވަނީ ރިޔާސީ އިންތިޚާބަށް އައްޑު އާއި ފުވައްމުލަކާއި ބ. އަތޮޅާއި ލ. އާއި ތ. އަތޮޅުގެ އިތުރުން އދ. އަތޮޅުގެ ރަށްތަކަށް ގޮސް ކެމްޕެއިން ކޮށްފަ އެވެ. ފައިސަލް މިހާރު ޅ. އަތޮޅުގެ ރަށްތަކަށް ދަތުރު ކުރައްވާއިރު ހދ. އަތޮޅުގެ ރަށްތަކަށް އިބޫ މާދަން ފުރާވަޑައިގަންނަވަ އެވެ.