Roadha Mihaaru
ހަވާލު ކުރި ޒިންމާ ފުރިހަމައަށް އަދާކުރިން: އިބޫ

ރައްޔިތުން ހަވާލު ކުރި ޒިންމާ ފުރިހަމައަށް އަދާކުރިން: އިބޫ

15 ސެޕްޓެމްބަރ 2018

ރައްޔިތުންގެ މަޖިލިހުގެ މެމްބަރެއްގެ ގޮތުގައި، ޅ. އަތޮޅާއި ހިންނަވަރުގެ ރައްޔިތުން އޭނާއާ ހަވާލުކުރި ޒިންމާ ފުރިހަމައަށް އަދާކުރެއްވި ކަމަށް އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު، އަދި ރައްޔިތުންގެ މަޖިލިހުގެ ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އޭނާގެ އުފަން ރަށުގައި މިރޭ ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން ޅ. ހިންނަވަރުން މުހައްމަދު ޔާމީން

ރައްޔިތުންގެ މަޖިލިހުގެ މެމްބަރެއްގެ ގޮތުގައި، ޅ. އަތޮޅާއި ހިންނަވަރުގެ ރައްޔިތުން އޭނާއާ ހަވާލުކުރި ޒިންމާ ފުރިހަމައަށް އަދާކުރެއްވި ކަމަށް އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު، އަދި ރައްޔިތުންގެ މަޖިލިހުގެ ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އޭނާގެ އުފަން ރަށުގައި މިރޭ ވިދާޅުވެއްޖެ އެވެ.

ޅ. އަތޮޅުގެ މެމްބަރު ކަމުގައި ހޭދަކުރެއްވި 15 އަހަރާއި ހިންނަވަރު ދާއިރާގެ މެމްބަރު ކަމުގެ 10 އަހަރާ އެކު، 25 އަހަރު ރައްޔިތުންގެ މަޖިލިހުގައި އިބޫ ވަނީ މަސައްކަތް ކުރައްވައިފަ އެވެ.

އިދިކޮޅު ކޯލިޝަނުން ހިންނަވަރުގައި ބޭއްވި ބޮޑު ޖަލްސާގައި އިބޫ ވިދާޅުވީ، ރައްޔިތުން އޭނާއާ ހަވާލު ކުރީ ގައުމުގެ މަސްލަހަތު އިސްކޮށް، މަސައްކަތް ކުރުމަށް ކަމަށެވެ.

ހިންނަވަރުގައި މިރޭ ބޭއްވި އިދިކޮޅު ކޯލިޝަންގެ ބޮޑު ޖަލްސާ. - ފޮޓޯ: އެމްޑީޕީ

ހިންނަވަރުގައި މިރޭ ބޭއްވި އިދިކޮޅު ކޯލިޝަންގެ ބޮޑު ޖަލްސާ. - ފޮޓޯ: އެމްޑީޕީ

"އަޅުގަނޑަށް ތިޔަބޭފުޅުން ހަވާލު ކުރި މަސައްކަތް ވަރަށް ފުރިހަމަ އަށް ވަނީ އަދާކުރެވިފައި،" ހިންނަވަރުގައި ދިރިއުޅޭ ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވި ޖަލްސާގައި އިބޫ ވިދާޅުވި އެވެ.

އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓެއްގެ ގޮތުގައި، މި މަހުގެ 23 ގައި ބާއްވާ ރިޔާސީ އިންތިހާބަށް ނުކުންނެވުމުގެ ފުރުސަތު ލިބިވަޑައިގަތީ މުޅި ގައުމުގެ މަސްލަހަތު އިސްކުރެއްވުމުގެ ނަތީޖާގެ ސަބަބުން ކަމަށް އިބޫ ވިދާޅުވި އެވެ. އަދި އިންތިހާބު ކާމިޔާބު ކުރެއްވިއްޖެ ނަމަ، އެންމެ އިސްކަމެއް ދެއްވާނީ ގައުމާއި ރައްޔިތުންގެ މަސްލަހަތާ އެކު މަސައްކަތް ކުރައްވަން ކަމަށް ވެސް އިބޫ ވިދާޅުވި އެވެ.

އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރުގެ މަގާމުގައި މިހާރު ވެސް ހުންނެވި އިބޫ ވިދާޅުވީ، އިދިކޮޅު ފަރާތްތަކުން ނުކުމެ ތިބީ ގައުމަށް ދިމާވެފައިވާ އެތައް ގޮންޖެހުމަކުން ސަލާމަތްވުމަށް ކަމަށެވެ. އެގޮތުން އިންސާފު ގާއިމުކޮށް، ކޮރަޕްޝަނާއި ފަސާދަ ނައްތާލައި އަމާންކަން ގާއިމުކޮށްދޭން ބޭނުންވާ ކަމަށް ވިދާޅުވި އެވެ. އިބޫ ވިދާޅުވި ގޮތުގައި، އިދިކޮޅު ފަރާތްތަކުން ނުކުމެ ތިބީ ސިޔާސީ މަގްސަދެއް ހާސިލް ކުރާކަށް ނޫނެވެ.

ހިންނަވަރުގައި މިރޭ ބޭއްވި އިދިކޮޅު ކޯލިޝަންގެ ބޮޑު ޖަލްސާގައި އެމްޑީޕީގެ މެނިފެސްޓޯގައި ހިމެނޭ ކަންކަމުގެ ޕޯސްޓަރުތަކެއްގައި. - ފޮޓޯ: އެމްޑީޕީ

ހިންނަވަރުގައި މިރޭ ބޭއްވި އިދިކޮޅު ކޯލިޝަންގެ ބޮޑު ޖަލްސާގައި އެމްޑީޕީގެ މެނިފެސްޓޯގައި ހިމެނޭ ކަންކަމުގެ ޕޯސްޓަރުތަކެއްގައި. - ފޮޓޯ: އެމްޑީޕީ

ރައްޔިތުންގެ ގޮވައިލުންތަކުގެ އަޑު އަހައި، އެ މީހުން ބޭނުންވާ ގޮތަށް އިސްލާހުގެ މަގަށް ކުރިއަށް ގެންދާނެ ކަމަށް ވެސް އިބޫ ވިދާޅުވި އެވެ.

އިދިކޮޅު ފަރާތްތަކުން މަސައްކަތް ފެށީމާ، ބައެއް މީހުންނަށް ވަޒީފާގެ ބިރުވެރިކަން ކުރިމަތިވަމުންދާ ކަމަށާއި އެގޮތުން ވަޒީފާ ދިނުމާއި ވަކި ކުރުމާއި ޕްރޮމޯޝަން ދިނުމުގައި އިންސާފެއް ނެތް ކަމަށް ވިދާޅުވި އެވެ. އަދި ސަރުކާރުގެ ހިދުމަތް ދިނުމުގައި ވެސް އިންސާފެއް ނެތް ކަމަށް އިބޫ ވިދާޅުވި އެވެ.

ނަމަވެސް، ކުރިއަށް އޮތީ އުފާވެރި ދުވަސްތަކެއް ކަމަށް ވިދާޅުވެ، އިބޫ ވަނީ އެ ދުވަސްތަކުގައި އިންސާފު ގާއިމުވާނެ ކަމުގެ ޔަގީންކަން ދެއްވައިފަ އެވެ. އަދި ސަރުކާރުން، ރައްޔިތުންނަށް ދެން އެއްވެސް ބިރެއް ނުދެއްކޭނެ ކަމަށް ވެސް އިބޫ ވިދާޅުވި އެވެ.

އުފަން ރަށުގައި ހުންނަވައި އިބޫ ވަނީ ހިންނަވަރު ރައްޔިތުންނަށް ދިމާވެފައި އޮތް ބޯހިޔާވަހިކަމަށް ހައްލެއް ހޯއްދަވައި ދެއްވުމަށް ވައުދުވެވަޑައިގެންފަ އެވެ. އަދި ހިންނަވަރުގައި ހުރި ސިއްހީ މަރުކަޒު، ހޮސްޕިޓަލަކަށް ބަދަލުކޮށް ދެއްވުމަށް ވައުދުވެވަޑައިގެންނެވި އެވެ. މީގެ އިތުރުން، ހިންނަވަރުގައި ފުޓްބޯޅަ ކުޅުމަށް ޝައުގުވެރިވާ ޒުވާނުން ތިބި ކަން ހާމަކުރައްވައި އެ ރަށުގައި ދަނޑެއް ތަރައްގީކޮށް ދެއްވާނެ ކަމަށް ވިދާޅުވި އެވެ.