ދުބާއީ (އޮގަސްޓް 3) - އިންޑިއާގެ ޓްރިވެންޑްރަމުން ފުރައިގެން ދިޔަ އެމިރޭޓްސް އެއާލައިނުގެ ބޯޓެއް ދުބާއީގައި ކްރޭޝް-ލޭންޑިންއެއްގައި ޖައްސައިފި އެވެ.
03 އޯގަސްޓް 2016
ދުބާއީ (އޮގަސްޓް 3) - އިންޑިއާގެ ޓްރިވެންޑްރަމުން ފުރައިގެން ދިޔަ އެމިރޭޓްސް އެއާލައިނުގެ ބޯޓެއް ދުބާއީގައި ކްރޭޝް-ލޭންޑިންއެއްގައި ޖައްސައިފި އެވެ.
ތިންސަތޭކަ މީހުންނާ އެކު ދަތުރުކުރި ބޯޓު ޖެއްސުމާ އެކު ވަނީ އަލިފާން ރޯވެފަ އެވެ. އަދި ވަރަށް ބައިވަރު ދުން ވަނީ ބޯޓުން އަރައިފަ އެވެ. އެކަމަކު ބޯޓުގެ ހުރިހާ ޕަސިންޖަރުން ވަނީ ރައްކާތެރިކާ އެކު ބޯޓުން ބާލައިފަ އެވެ. ބޯޓުން 282 ޕަސިންޖަރުންނާއި 18 ފަޅުވެރިން ދަތުރުކުރި އެވެ.
ބޯއިން 777 ގެ ބޯޓު ޖެއްސިއިރު ރަންވޭ މަތީގައި ޖެހިފައި ވަނީ ބޯޓުގެ ފަހަތުބަ އެވެ. އަދި އަލިފާން ރޯވެ އެ ބައި ވަނީ ހަލާކުވެފަ އެވެ.
އެމިރޭޓްސް އެއާލައިނުން ބުނީ ދުބާއީ އިންޓަނޭޝަނަލް އެއާޕޯޓުގައި "ހާދިސާ"އެއް ހިނގައިފި ކަމަށެވެ. އަދި އީކޭ521 ފްލައިޓް ޖެއްސުމުގެ ތެރޭގައި އެކްސިޑެންޓެއް މެދުވެރިވި ސަބަބު އަދި ނޭނގޭ ކަމަށް އެއާލައިނުން ބުނެފައިވެ އެވެ. މީގެ އިތުރުން މި ވަގުތު އެންމެ އިސްކަމެއް ދެނީ ޕަސިންޖަރުންނާއި ކްރޫންގެ ރައްކާތެރި ކަމަށް ކަމަށް ވެސް އެއާލައިނުން ކުރި ޓްވީޓެއްގައި ބުނެފައިވެ އެވެ.
ދުބާއީ އެއާޕޯޓުގައި ކްރޭޝް ލޭންޑިން ހެދި އެމިރޭޓްސްގެ ބޯޓުން ދުން އަރަނީ.
ސޯޝަލް މީޑިއާގައި އާއްމުވެފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި ބޯޓުގެ މެދުން ވަނީ ގިނަ އަދަދަކަށް ދުން އަރައިފަ އެވެ. އަދި ބޯޓުގެ މައިގަނޑު އޮތީ ރަންވޭ މަތީގަ އެވެ. އޭރު ކުއްލި ހާލަތުގައި ހުންނަ ދޮރުތައް ވެސް ހުރީ ހުޅުވެފަ އެވެ.
މަންޒަރު ދުށް ޕައިލެޓަކު އެންޑީޓީވީ އަށް ބުނީ ބޯޓު ޖައްސަން އައީ ވަރަށް އުނދަގުލުން ކަމަށާއި ރަންވޭގައި ފުރަތަމަ ޖެހުނީ ފަހަތުކޮޅު ކަމަށެވެ. މި އެކްސިޑެންޓާ ގުޅިގެން ދުބާއީ އެއާޕޯޓް މިހާރު ވަނީ ބަންދުކޮށްފަ އެވެ.
"ބޯޓު ޖެހުމާ އެކު ވަރަށް ބޮޑަށް ދުން އެރި. އޭގެ ފަހުން ރަންވޭގައި ބޯޓުގެ މައިގަނޑު ޖެހުނީ. ރަންވޭ މަތީގައި ބޯޓު ކެހިގެން ގޮސް އެންމެ ފަހުން ބޯޓު އަމިއްލަ އަށް ހުއްޓުނީ. އޭރު ބޯޓުގެ ކަނާތް ފަރާތު އިންޖީނު ވެސް ވަނީ ނިވިފައި،" ޕައިލެޓް ބުންޏެވެ.
ދުބާއީ މީޑިއާ އޮފީހުން ބުނީ ބޯޓުގައި ރޯވި އަލިފާން މިހާރު ކޮންޓްރޯލް ކުރެވިފައިވާ ކަމަށާއި އެއާޕޯޓުގެ އިމާޖެންސީ ޓީމުތައް ވަނީ މި ބާވަތުުގެ ހާދިސާއަކަށް ރަނގަޅަށް ތަމްރީނުކޮށްފައި ކަމަށެވެ.
ދުބާއީން ފުރައިގެން މާލެ އަށް ދަތުރުކުރި އެމިރޭޓްސްގެ މަތިންދާބޯޓެއް ކުއްލި ހާލަތުގައި އިންޑިއާގެ މުމްބާއީ އަށް މިދިޔަ މަހު ފަހުކޮޅު ވަނީ ޖައްސައިފަ އެވެ. ތިން ސަތޭކަ ނުވަ ޕަސިންޖަރުންނާ އެކު މުމްބާއީ އަށް ޖެއްސިއިރު، އެ ބޯޓުގެ ފަސިންޖަރުން ތިބޭ ކެބިން އާއި ކޮކްޕިޓުން ވަނީ ދުން އަރައިފަ އެވެ. އަދި ބޯޓު ކަނޑަށް ވެެއްޓިދާނެތީ އިންޑިއާގެ ކޯސްޓްގާޑުގެ އުޅަނދުތައް ވެސް ތައްޔާރީ ހާލާތުގަ އެވެ. އެ އެ ބޯޓު މުމްބާއީ އަށް ޖެއްސުމަށް ފަހު ހުރިހާ ފަސިންޖަރުން ވަނީ ރައްކާތެރިކަމާ އެކު ބޯޓުން ބާލައިފަ އެވެ.
މީގެ ހަތަރު މަސް ކުރިން ވަނީ ދުބާއީގެ އެހެން އެއާލައިނެއް ކަމަށްވާ ފްލައިދުބާއީގެ ބޯޓެއް ޖައްސަން އުޅެނިކޮށް ރަޝިޔާގެ ދެކުނުގެ ރޮސްޓޯފް-އޮން-ޑޮން އަށް ވެއްޓި އޭގައިތިބި 61 މީހުން މަރުވެފަ އެވެ.
ބައިނަލްއަގުވާމީ ޕަސިންޖަރުންނަށް ބަލާއިރު ދުބާއީ އިންޓަނޭޝަނަލް އެއާޕޯޓަކީ ދުނިޔޭގެ އެންމެ ބިޒީ އެއް އެއާޕޯޓެވެ. އެއާޕޯޓުން އެމިރޭޓްސް އިން 153 މަންޒިލަކަށް ދަތުރު ކުރެ އެވެ. އެ އެއާލައިނުގައި ބޯއިން 777 އާއި އެއާބަސް އޭ380 ގެ ސުޕަޖަންބޯ ޖެޓާ އެކު 250 މަތިންދާ ބޯޓު އޮވެ އެވެ.
އެމިރޭޓްސް، ގަތަރު އެއާވޭސް އަދި އަބޫ ދާބީގެ އިއްތިހާދު އެއާލައިނަކީ ވައިގެ ދަތުރުފަތުރުގެ އެންމެ ބޮޑު މާކެޓް ކޮންޓްރޯލް ކުރާ އެއާލައިންތަކެވެ.
އެމިރޭޓްސްގެ ބޯޓުން އަލިފާން ނިއްވި މީހަކު މަރުވެއްޖެ
އެމިރޭޓްސްގެ ގެއްލުން 5.5 ބިލިއަން ޑޮލަރަށް އަރައިފި
ބޯޓުން ސަލާމަތްވީ "އެންމެ 5 މިނިޓުގެ ސަބަބުން"
އެމިރޭޓްސްގެ ފައިދާ މިދިޔަ އަހަރު 21ޕަސެންޓަށް މަތިވި
އޭ380ގެ އެންމެ ކުރު ކޮމާޝަލް ދަތުރު؛ 40 މިނެޓް
ފިރިމީހާގެ ޕާސްޕޯޓުގައި އަނބިމީހާ މެންޗެސްޓާ އިން އިންޑިއާ އަށް
ޗެކިން ކުރުމާއި ބޯޑިން ފާސް ދޫކުރުން ވެސް ގޭގައި
އެމިރޭޓްސްގެ ބޯޓުން ސަލާމަތްވި މީހަކަށް އެއް މިލިއަން ޑޮލަރު
އެމިރޭޓްސްގެ ބޯޓުގައި ތިބި މީހުން ރާއްޖެ ގެނެސްފި
އެމިރޭޓްސްގެ ބޯޓު ސަލާމަތްވީ ނަސީބަކުން؟