Roadha Mihaaru
ރިޓަޔާކުރާ އުމުރު މަތިކުރުމުން އިނާޔަތް ބޮޑުވާނެ:ރައީސް

ރިޓަޔާކުރާ އުުމުރު މަތިކުރުމުން އިނާޔަތް ބޮޑުވާނެ: ރައީސް

13 އޯގަސްޓް 2018

ވަޒީފާތަކުގައި އުޅޭ ދިވެހިން ރިޓަޔާ ކުރާ އުމުރަކީ 74 އަހަރު ނުވަތަ 75 އަހަރު ކަމަށް ހެދުމަށް ހުށަހެޅުއްވީ، މަޖުބޫރުން ރިޓަޔާ ކުރުވަން ނޫން ކަމަށާއި އެ ބަދަލު ގެނައުމުން ރިޓަޔާ ކުރާ މީހުންނަށް ލިބޭ އިނާޔަތް ބޮޑު ވެގެންދާނެ ކަމަށް ވެސް ރައީސް އަބްދުﷲ ޔާމީން ތ. ވޭމަންޑޫގައި މިއަދު ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ވަޒީފާތަކުގައި އުޅޭ ދިވެހިން ރިޓަޔާ ކުރާ އުމުރަކީ 74 އަހަރު ނުވަތަ 75 އަހަރު ކަމަށް ހެދުމަށް ހުށަހެޅުއްވީ، މަޖުބޫރުން ރިޓަޔާ ކުރުވަން ނޫން ކަމަށާއި އެ ބަދަލު ގެނައުމުން ރިޓަޔާ ކުރާ މީހުންނަށް ލިބޭ އިނާޔަތް ބޮޑު ވެގެންދާނެ ކަމަށް ވެސް ރައީސް އަބްދުﷲ ޔާމީން ތ. ވޭމަންޑޫގައި މިއަދު ވިދާޅުވެއްޖެ އެވެ.

މިދިޔަ ހަފުތާގައި ހުވަދު އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ޔާމީން ވިދާޅުވެފައި ވަނީ، ރިޓަޔާ ކުރަން ޖެހޭ އުމުރަކީ 65 އަހަރު ކަމަށް އެ މަނިކުފާނު ގަބޫލުފުޅު ނުކުރައްވާ ކަމަށެވެ. ދިވެހިންގެ ވައްޓަފާޅި އަށް އައިސްފައި ހުރި ބަދަލާއި ސިއްހީ ހޭލުންތެރި ކަމަށް ބަލާފައި ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ގާނޫނަށް ބަދަލު އަންނަން ޖެހޭ ކަމަށް އެ މަނިކުފާނު ވަނީ ވިދާޅުވެފަ އެވެ.

ތ. އަތޮޅަށް މިއަދު ފެއްޓެވި ދަތުރުފުޅުގައި ތިމަރަފުށީގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ރިޓަޔަމެންޓާ ގުޅޭ ގޮތުން އެ މަނިކުފާނު ދެއްކެވި ވާހަކަފުޅު އޮޅުވާލައިގެން ފަތުރަމުންދާ ކަމަށާއި އޭގައި އެއްވެސް ހަގީގަތެއް ނެތް ކަމަށެވެ. އެހެންވެ، އުމުރުން 65 އަހަރުގެ މީހުންނަށް ދެމުން އަންނަ 5،000ރ.ގެ އިނާޔަތް، އެ މަނިކުފާނު އަލަށް ގެންނަވަން އުޅުއްވާ ބަދަލުގެ ސަބަބުން ކެނޑިގެންދާނެތޯ ގިނަ ބަޔަކު ސުވާލު އުފައްދަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

އުމުރުން 65 އަހަރު ވުމުން 5،000ރ. ލިބިފައި، އެ ބޭފުޅުންގެ ތެރެއިން ސަރުކާރުގައި ދެމިތިބޭ ބޭފުޅުންނަށް އިނާޔަތަށް ވުރެން ބޮޑު އެއްޗެއް ލިބިގެންދާނެ. --ރައީސް
ތިމަރަފުށީގައި ގާއިމު ކުރި ފެނުގެ ހިދުމަތް އިފްތިތާހު ކުރުމަށް އެ ރަށުގައި ބޭއްވި ޖަލްސާއެއްގައި ބައިވެރިވެ ވަޑައިގަތުމަށް ރައީސް ޔާމީން ވަޑައިގަންނަވަނީ.-- ފޮޓޯ: ރައީސް އޮފީސް

ތިމަރަފުށީގައި ގާއިމު ކުރި ފެނުގެ ހިދުމަތް އިފްތިތާހު ކުރުމަށް އެ ރަށުގައި ބޭއްވި ޖަލްސާއެއްގައި ބައިވެރިވެ ވަޑައިގަތުމަށް ރައީސް ޔާމީން ވަޑައިގަންނަވަނީ.-- ފޮޓޯ: ރައީސް އޮފީސް

ރައީސް ވިދާޅުވި ގޮތުގައި 65 އަހަރުގެ މީހުންގެ އިނާޔަތް، އެ މަނިކުފާނު ގެންނަވަން އުޅޭ އެއްވެސް ބަދަލަކާ ހެދި އުނިވެގެން ނުދާނެ އެވެ. އެ ބަދަލުން ލިބޭނީ އިތުރު އުފާވެރިކަމާއި ހިތްހަމަޖެހުމެއް ކަމަށް ވެސް ވިދާޅުވި އެވެ.

"އުމުރުން ދޮށީ ބޭފުޅުންގެ އިނާޔަތް ކެނޑިގެނެއް ނުދާނެ. އަދި ކީއްތޯ، އެ އިނާޔަތް 5،000ރ. ލިބިފައި އެ ބޭފުޅުންގެ ތެރެއިން ސަރުކާރުގެ ވަޒީފާ އަށް ވަޑައިގަންނަވަން ބޭނުންފުޅުވާ ބޭފުޅުންނަށް އެ ބޭފުޅުންގެ އިނާޔަތަށް ވުރެން ބޮޑު އެއްޗެއް ލިބިގެންދާނެ ފޯމިއުލާއެއް އަޅުގަނޑު ހުށަހެޅީ. އެއިން ވާނީ ފައިދާ،" ރައީސް ޔާމީން ވިދާޅުވި އެވެ.

65 އަހަރުން މަތީގެ އެންމެންނަށް މަޖުބޫރު ވަނީކީއެއް ނޫން 74 އަހަރު ވަންދެން ސަރުކާރުގައި އުޅޭ ކަށެއް. އެއީ އިޚްތިޔާރެއް، ލިބޭނީ ފައިދާ --ރައީސް ޔާމީން

އެ ފޯމިއުލާ އަކީ، ރައީސް ވިދާޅުވި ގޮތުގައި، އުމުރުން 65 އަހަރުގެ މީހުން 74 އަހަރު ވަންދެން ސަރުކާރުގައި މަސައްކަތް ކުރަން މަޖުބޫރުވުމެއް ވެސް ނޫނެވެ. އެއްވެސް މަޖުބޫރު ކަމެއް ނެތް ކަމަށާއި އެ ފޯމިއުލާ އަކީ އެ މީހަކަށް ހުށަހަޅުއްވާ އިޚްތިޔާރެއް ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑަށް އެބަ އެނގޭ، އެ ގޮތް އިޚްތިޔާރު ކުރައްވަން ބޭނުންފުޅުވާ ޓީޗަރުން އެބައުޅޭ، ޑޮކްޓަރުންނާއި ނަރުހުން އެބައުޅޭ. ޑޮކްޓަރުން ވެސް އަޅުގަނޑު ގަބޫލެއް ނުކުރަން 65 އަހަރުވުމާ އެކު އެ މީހުން ގެ އަށް ދާން ޖެހޭނެ ކަމަކަށް. އެ މީހުންނަށް ޚިދުމަތް ނުދެވޭނެ ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން،" ރައީސް ވިދާޅުވި އެވެ.

އުމުރުން 65 އަހަރު ވުމުން ރިޓަޔާ ކުރަން ޖެހޭނީ ގާނޫނުގައި އެ ގޮތަށް ކަނޑައަޅާފައި އޮތުމުން ކަމަށާއި އެފަދަ އެތައް ބޭފުޅުންނާ އެކު، މަސައްކަތް ކުރައްވަމުން އަންނަ ކަަމަށް ރައީސް ވިދާޅުވި އެވެ.

ރިޓަޔާ ކުރައްވާ އުމުރު މަތިކުރަން ވިސްނެވީ، ރައީސް ވިދާޅުވި ގޮތުގައި، ރައްޔިތުންގެ ފައިދާ އަށެވެ. އެކަމުން އެއްވެސް ރައްޔިތަކަށް ލިބޭނެ ގެއްލުމެއް ނޯންނާނެ ކަަމަށް ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވެފައިވާ ގޮތުގައި މިހާރު 65 އަހަރުވެގެން ރިޓަޔަ ކޮށްފައި ތިބި މީހުންނަށް ވެސް ސަރުކާރުން ގޮތްތަކެއް ހަމަޖައްސައި ދޭނެ އެވެ. އަދި ރިޓަޔަ ކުރާ އުމުރަށް އައިސްފައި ތިބި މީހުން، ރިޓަޔަ ކުރަން ޖެހިދާނެ ކަމަށް އެއްވެސް ގޮތަކަށް ނުވިސްނުމަށް ރައީސް ޔާމީން ވަނީ އެދިވަޑައިގެންފަ އެވެ.