Roadha Mihaaru
ތަނާޒުލް ވުމާ ގުޅޭގޮތުން ގޮތް ނިންމާނީ އިސް ފަނޑިޔާރު

ފަނޑިޔާރުން ތަނާޒުލްވުމާ ގުޅޭގޮތުން ގޮތް ނިންމާނީ އެ ކޯޓެއްގެ އިސް ފަނޑިޔާރު ކަމުގައި ހަމަޖައްސައިފި

13 އޯގަސްޓް 2018

މައްސަލައެއް ބެލުމުން ފަނޑިޔާރަކު ތަނާޒުލް ވާން ބޭނުންވެއްޖެ ނަމަ އެކަމާ މެދު ގޮތެއް ނިންމަން ޖެހޭނީ އެ ކޯޓެއްގެ އިސް ފަނޑިޔާރު ނުވަތަ އިސް ފަނޑިޔާރުގެ މަސްއޫލިއްޔަތު އަދާކުރާ ފަނޑިޔާރަކު ކަމަށް ސުޕްރީމް ކޯޓުން މިއަދު ހަމަޖައްސައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

މައްސަލައެއް ބެލުމުން ފަނޑިޔާރަކު ތަނާޒުލް ވާން ބޭނުންވެއްޖެ ނަމަ އެކަމާ މެދު ގޮތެއް ނިންމަން ޖެހޭނީ އެ ކޯޓެއްގެ އިސް ފަނޑިޔާރު ނުވަތަ އިސް ފަނޑިޔާރުގެ މަސްއޫލިއްޔަތު އަދާކުރާ ފަނޑިޔާރަކު ކަމަށް ސުޕްރީމް ކޯޓުން މިއަދު ހަމަޖައްސައިފި އެވެ.

ސުޕްރީމް ކޯޓުން ކުރިން އަންގާފައި އޮންނަނީ އެއްވެސް ކޯޓެއްގެ ފަނޑިޔާރަކު ބަލަމުންދާ މައްސަލައަކުން ތަނާޒުލް ވެވޭނީ ސުޕްރީމް ކޯޓުގެ ހުއްދަ ހޯދުމަށް ފަހު ކަމަށެވެ.

އެކަމަކު، އެ އުސޫލަށް ބަދަލު ގެނެސް ސުޕްރީމް ކޯޓުން މިއަދު ނެރެފައިވާ އާންމު ސިޓީގައިވާ ގޮތުން ހައި ކޯޓާއި ދަށު ކޯޓުތަކުގެ ފަނޑިޔާރުން ވެސް މައްސަލައަކުން ތަނާޒުލް ވާ ނަމަ އެކަމާ މެދު ގޮތެއް ނިންމާނީ އެ ކޯޓެއްގެ އިސް ފަނޑިޔާރު ނުވަތަ އިސް ފަނޑިޔާރުގެ މަސްއޫލިއްޔަތާ ހަވާލުވެ ހުންނެވި ފަނޑިޔާރެވެ. އަދި މެޖިސްޓްރޭޓް ކޯޓުތަކުގައި ވެސް އަމަލު ކުރަން ޖެހޭނީ އެ އުސޫލުން ކަމަށް ވެސް އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ސޮއި ކުރައްވައި، ނެރުއްވާފައިވާ ސިޓީގައިވެ އެވެ.

ނަމަވެސް، ހައި ކޯޓާއި މާލޭގެ ދަށު ކޯޓުތަކުގެ އިސް ފަނޑިޔާރުން ނުވަތަ އިސް ފަނޑިޔާރުގެ މަސްއޫލިއްޔަތާ ހަވާލުވެ ތިއްބަވާ ފަނޑިޔާރުންނާއި ޖުޑިޝަލް ދާއިރާތަކުގެ އިސް މެޖިސްޓްރޭޓުން މައްސަލައަކުން ތަނާޒުލް ވާ ނަމަ އެކަމާ މެދު ގޮތެއް ނިންމާނީ އުއްތަމަ ފަނޑިޔާރު ކަމަށް ސިޓީގައިވެ އެވެ. މެޖިސްޓްރޭޓް ކޯޓެއްގެ އިސް މެޖިސްޓްރޭޓަކު މައްސަލައަކުން ތަނާޒުލް ވުމާ މެދު ގޮތެއް ނިންމާނީ އެ ޖުޑިޝަލް ދާއިރާއެއްގެ އިސް މެޖިސްޓްރޭޓެވެ.

އާންމު ސިޓީގައިވާ ގޮތުން އެގޮތަށް ހަމަޖެއްސީ އަދުލު އިންސާފު ގާއިމް ކުރުމުގެ އެންމެ އިސް ފަރާތަކީ ސުޕްރީމް ކޯޓު ކަމަށް ވެފައި، ފަނޑިޔާރުން ތަނާޒުލް ވުމާ ބެހޭ ގަވާއިދުތަކާއި އުސޫލުތައް ކަނޑައެޅުމަކީ އެ ކޯޓުގެ މަސްއޫލިއްޔަތެއް ކަމަށް 2011 ގައި ސުޕްރީމް ކޯޓުން ނެރުނު ސާކިއުލާއަކުން ކަނޑައަޅާފައިވާތީ އެވެ.