Roadha Mihaaru
ކޯޓުތަކަށް އެތެރެ އާއި ބޭރުން ވެސް ނުފޫޒު

ކޯޓުތަކަށް އެތެރެ އާއި ބޭރުން ވެެސް ނުފޫޒު

08 ސެޕްޓެމްބަރ 2021

ދައުލަތުގެ ތިން ބާރު ވަކިވެ، އަދުލު އިންސާފު ގާއިމް ކުރުން މިނިވަން ބާރެއްގެ ގޮތުގައި ގާނޫނީ ގޮތުން ހަމަޖެހިގެން ދިޔަތާ 12 އަހަރުވީއިރު ވެސް ހުއްޓުމެއް ނެތި އިވެނީ އަދުލު އިންސާފު ގާއިމް ކުރުމުގެ ބާރަށް ނުފޫޒު ފޯރުވުމުގެ ޝަކުވާ އެވެ. ސިޔާސީ ބޭފުޅުންގެ މައްސަލަތައް ބައްލަވާ ފަނޑިޔާރުން ކުއްލި ގޮތަކަށް ސަސްޕެންޑް ކުރުން ނުވަތަ އެހެން ކޯޓަކަށް ބަދަލު ކޮށްލުމެވެ. ނުވަތަ އެ އެ ނޫން ވެސް ފިޔަވަޅެކެވެ. މިއީ އަނެއްކާވެސް އެފަދަ ޝަކުވާތަކުގެ އަޑު ގަދަވެފައިވާ ދުވަސްކޮޅެކެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ދައުލަތުގެ ތިން ބާރު ވަކިވެ، އަދުލު އިންސާފު ގާއިމް ކުރުން މިނިވަން ބާރެއްގެ ގޮތުގައި ގާނޫނީ ގޮތުން ހަމަޖެހިގެން ދިޔަތާ 12 އަހަރުވީއިރު ވެސް ހުއްޓުމެއް ނެތި އިވެނީ އަދުލު އިންސާފު ގާއިމް ކުރުމުގެ ބާރަށް ނުފޫޒު ފޯރުވުމުގެ ޝަކުވާ އެވެ. ސިޔާސީ ބޭފުޅުންގެ މައްސަލަތައް ބައްލަވާ ފަނޑިޔާރުން ކުއްލި ގޮތަކަށް ސަސްޕެންޑް ކުރުން ނުވަތަ އެހެން ކޯޓަކަށް ބަދަލު ކޮށްލުމެވެ. ނުވަތަ އެ އެ ނޫން ވެސް ފިޔަވަޅެކެވެ. މިއީ އަނެއްކާވެސް އެފަދަ ޝަކުވާތަކުގެ އަޑު ގަދަވެފައިވާ ދުވަސްކޮޅެކެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށްލާން ކުރި ހުކުމާ ގުޅިގެން އަނެއްކާވެސް އެފަދަ ވާހަކަތަކެކެވެ. އެ މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަތް ފަނޑިޔާރުންތަކެއްގެ އޯޑިއޯއެއް ކަމަށް ބުނާ އޯޑިއޯއެއް ލީކުވެ، އެ މައްސަލައިގެ ތެރެއަށް ސަރުކާރުން ނުފޫޒު ފޯރުވިކަމުގެ ތުހުމަތު އަނެއްކާވެސް ދަނީ ގަދަވަމުންނެވެ. އެ ތުހުމަތާ އެކު، ކޯޓުތަކުގައި ހުރި އެހެން މައްސަލަތަކަށް ވެސް ސަރުކާރުން ނުފޫޒު ފޯރުވި ކަމުގެ ތުހުމަތާ އެކު ކުރީގެ ބައެއް ފަނޑިޔާރުން ނިކުމެވަޑައިގަތީ އެވެ.

ކޯޓުތަކުގައި ހުރި ބައެއް މައްސަލަތަކަށް ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ނުފޫޒު ފޯރުވި ކަމަށް ކުރީގެ ބައެއް ފަނޑިޔާރުން ވިދާޅުވިއިރު، މީގެ ތެރެއިން ގިނަ ބޭފުޅުންނަކީ އެކި ތުހުމަތުތަކުގައި މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ފޮނުވުމުން އިސްތިއުފާ ދެއްވި ބޭފުޅުންނެވެ. އަދި ނުފޫޒު ފޯރުވިކަމުގެ ހެކި ދެއްކެވުމުގެ ގޮތުން، އެ ބޭފުޅުން ދެއްކެވި ބައެއް ވާހަކަތައް ކުރީގެ އެހެން ފަނޑިޔާރުން ދޮގު ކުރައްވަ އެވެ. އެހެންކަމުން މި ތުހުމަތުތަކުގެ ހަގީގަތް އަދި މުޅިން ސާފެއް ނޫނެވެ.

ލީކުވި އޯޑިއޯތަކާ ގުޅިގެން، ޔާމީންގެ މައްސަލާގައި ފަނޑިޔާރުންނަށް ނުފޫޒު ފޯރުވާފައިވޭތޯ ބެލުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބޮޑު ތަހުގީގެއް ފަށާފައި ވިޔަސް، ޖޭއެސްސީއަކީ މިކަމުގައި އިންސާފުވެރި ތަހުގީގެއް ހިންގިދާނެ މުއައްސަސާއެއްތޯ އެއީ އުފެދޭ ސުވާލެކެވެ. އެންމެ ފުރަތަމަ ސަބަބަކީ ސިޔާސީ ބޭފުޅުން ތިއްބަވާ ކޮމިޝަނެއްގެ ގޮތުގައި އެ ކޮމިޝަން އޮޮތްއޮތުމެވެ. އެކަން ބަދަލު ކުރުމަކީ ސަރުކާރުގެ ވައުދަކަށް ވިޔަސް، މިހާތަނަށް އެކަމެއް ނުވެ އެވެ.

ކްރިމިނަލް ކޯޓުގެ ވައިބާ ގްރޫޕެއްގައި ހައިލަމް ހިއްސާކުރެއްވި ފޮޓޯއަކާ ގުޅިގެން ހައިލަމް ސަސްޕެންޑްކުރީ ޔާމީންގެ މައްސަލާގެ ހުކުމް އިއްވަން ދެ ތިން ގަޑިއިރަށް ވެފައި އޮއްވާ

ދެވަނަ ކަމަކީ ޔާމީންގެ މައްސަލާގައި ޖޭއެސްސީން ކުރިން އަމަލުކުރި ގޮތެވެ. އެ މައްސަލާގެ ހުކުމް އެންމެ ފުރަތަމަ އިއްވަން އޮތް ދުވަހު، އެ މައްސަލަ ކުރިން ބެއްލެވި ގާޒީ އަހުމަދު ހައިލަމް ކުއްލި ގޮތަކަށް ސަސްޕެންޑްކުރި ހިސާބުން ފެށިގެން ޖޭއެސްސީ އަށް އަމާޒުވަމުން ދިޔަ ތުހުމަތުތަކެވެ. ކްރިމިނަލް ކޯޓުގެ ވައިބާ ގްރޫޕެއްގައި ހައިލަމް ހިއްސާކުރެއްވި ފޮޓޯއަކާ ގުޅިގެން ހައިލަމް ސަސްޕެންޑްކުރީ ޔާމީންގެ މައްސަލާގެ ހުކުމް އިއްވަން ދެ ތިން ގަޑިއިރަށް ވެފައި އޮއްވަ އެވެ.

ހެނދުނު ހެނދުނާ ކުއްލި ގޮތަކަށް ޖޭއެސްސީގެ ބައްދަލުވުން ބާއްވައި، އެގޮތަށް ނިންމުމަކީ އެ ކޮމިޝަނަށް ތުހުމަތު އަމާޒުވި ސަބަބެވެ. އަދި އެއަށް ވުރެ ބޮޑެތި ތުހުމަތުތައް ކުރެވިފައި ފަނޑިޔާރުން މަގާމުގައި ތިއްބެވިއިރު ހައިލަމްގެ މައްސަލަ ތަފާތުވި ގޮތެއް ޖޭއެސްސީއަކަށް ބުނެދެވިފައެއް ނެތެވެ. އެހެންވެ، ފެށުނީއްސުރެން ފެށިގެން މި މައްސަލާގައި ޖޭއެސްސީ އަށް އޮތް ތުހުމަތު ބޮޑެވެ. ހާއްސަކޮށް، ރައްޔިތުންގެ މަޖިލީހާއި ސަރުކާރުގެ ބޮޑު އަޣުލަބިއްޔަތެއް ޖޭއެސްސީގައި އޮތްއިރު، ސަރުކާރުން ފަނޑިޔާރުންނަށް ނުފޫޒު ފޯރުވި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި އެ ކޮމިޝަންގެ ތަހުގީގު އިންސާފުވެރިވާނެތޯ އެއީ ގިނަ ބަޔަކު އުފައްދާ ސުވާލެކެވެ.

މިއީ ފަނޑިޔާރުން ޖަވާބުދާރީ ކުރުވުމުގެ ނިޒާމާ މެދު އޮތް ޝަކުވާތަކެވެ. ހަމައެހެންމެ، މި ނިޒާމުގެ ބޭރުން ކޯޓުތަކަށް ކުރިމަތިކުރާ ނުފޫޒުތަކާއި ފިއްތުންތައް ވެސް ވަކި ކުޑައެއް ނޫނެވެ. އެ ބަޔަކު ހިތްހަމަނުޖެހޭ ގޮތަކަށް ފަނޑިޔާރަކު މައްސަލައެއް ނިންމައިފި ނަމަ، އެ ފަނޑިޔާރެއްގެ ސުލޫކީ މައްސަލަ ޖޭއެސްސީ އަށް ހުށަހެޅުމުގެ ސަގާފަތެއް މިހާރު ދަނީ ފެތުރެމުންނެވެ. ބައެއް މައްސަލަތަކުގައި ހުކުމް ނުކުރެވި އޮއްވާ ވެސް ޖޭއެސްސީ އަށް ޝަކުވާ ހުށަހަޅާފައި އެބަހުއްޓެވެ.

ޖޭއެސްސީގެ މެމްބަރުންތަކެއް --- ފޮޓޯ/މިހާރު

ޖޭއެސްސީގެ މެމްބަރުންތަކެއް --- ފޮޓޯ/މިހާރު

ގާނޫނީ ގޮތުން ޖޭއެސްސީއަކީ އެއްވެސް ގޮތަކަށް ކޯޓުތަކުގެ ނިންމުންތަކުގެ ސައްހަކަން ބެލުމުގެ ބާރު އޮންނަ މުއައްސަސާއެއް ނޫނެވެ. ފަނޑިޔާރުން ނިންމާ ނިންމުންތަކުގެ ގާނޫނީ ސައްހަކަން ބެލޭނީ ހަމައެކަނި އިސްތިއުނާފް މަރުހަލާގެ ތެރެއިންނެވެ. އެހެންވީއިރު، ފަނޑިޔާރަކު ނިންމާ ނިންމުމާ މެދު ހިތްހަމަނުޖެހިގެން އިސްތިއުނާފް މަރުހަލާއަށް ދިއުމުގެ ބަދަލުގައި ޖޭއެސްސީއަށް ޝަކުވާ ހުށަހެޅުމަކީ ނިޒާމުގެ ބޭނުން ނަހަމަ ގޮތުގައި ހިފުން ކަމަށް ނޫނީ ނުވާނެ އެވެ. މިއީ ވެސް ފަނޑިޔާރުންނަށް ނުފޫޒު ފޯރުވުމެކެވެ.

ދެން އޮތީ ސިޔާސީ ފަރާތްތަކާއި ބާރުގަދަ މަގާމުތަކުގައި ތިއްބަވާ ބޭފުޅުންގެ މައްސަލަތަކާ ހަމައިން އަންނަ ނުފޫޒުތަކެވެ. އެއިރެއްގެ ސަރުކާރަކާ ގުޅުންހުރި ބޭފުޅެއްގެ މައްސަލައެއް ނަމަ، ސަރުކާރުން އެކަމަށް ނުފޫޒު ފޯރުވާކަމުގެ ތުހުމަތު އަމާޒުވާއިރު، އިދިކޮޅުގައި ތިބޭ ބައެއްގެ މައްސަލައެއް ނަމަ، ވަކިވަކި ފަނޑިޔާރުންނަށް އަމާޒުކޮށް ފާޑު ކިޔުން އަބަދުވެސް އޮންނަނީ އާންމު ކަމަކަށްވެފަ އެވެ. ސިޔާސީ ބޭފުޅުންގެ މައްސަލަތަކުގައި އަބަދުވެސް މި މަންޒަރު ދަނީ ފެންނަމުންނެވެ.

ގާނޫނުއަސާސީ ބުނާގޮތުން އަމިއްލަ ފަރުދަކު ވިޔަސް، އަދި ދައުލަތުގެ މަގާމެއްގައި ހުރި ބޭފުޅަކު ކަމަށް ވިޔަސް، ފަނޑިޔާރުންގެ މަސައްކަތާ ބެހި ނުފޫޒު ފޯރުވައިގެން ނުވާނެ އެވެ. އަދުލު އިންސާފު ގާއިމް ކުރުމުގެ ބާރު ދައުލަތުގެ މިނިވަން ބާރެއްގެ ގޮތުގައިި ހަމަޖެހިގެން ދިއުމާ އެކު، ގާނޫނުއަސާސީގައި ކިތަންމެ ސާފު އިބާރާތަކުން އެކަން ލިޔުނަސް، އެކަން އެމަގުން ހިނގި ތަނެއް އަދިވެސް ނުފެނެ އެވެ. ކުރިން ވެސް މިހާރު ވެސް ފެންނަނީ އެ މަންޒަރެވެ.

ފަނޑިޔާރުން ނިންމާ ނިންމުންތަކަށް އިލްމީ ގޮތުން ފާޑު ކިޔުމުގެ ފުރުސަތު އަބަދުވެސް އޮންނަން ޖެހޭނެ ކަމާ މެދު ދެބަސްވުމެެއް ނެތެވެ. އަދި ފަނޑިޔާރަކު މައްސަލައެއް ބެލުމުގައި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ހިލާފަށް ނުވަތަ ފަނޑިޔާރަކު ކޮށްގެން ނުވާނެ ފަދަ އަމަލެއް ހިންގައިފި ނަމަ އެކަމެއް ބެލެން ވެސް ޖެހޭނެ އެވެ. އެކަމަކު އެ ނިޒާމުގެ ބޭނުން ނާޖާއިޒް ގޮތުގައި ހިފުމާއި ވަކިވަކި ފަނޑިޔާރުންނަށް ފާޑުކިޔުމަކީ ނުފޫޒު ފޯރުވުން ކަމަށް ނޫނީ ނުވާނެ ގޮތެއް ނެތެވެ.

ގާނޫނީ ބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގައި ކޯޓުތަކަށް ހުށަހެޅޭ ބައެއް މައްސަލަތަކުގައި ސީދާ ގޮތުންނާއި ނުސީދާ ގޮތުން ވެސް ފަނޑިޔާރުންނަށް ނުފޫޒުތައް ކުރިމަތިވެ އެވެ. ފަނޑިޔާރުންނަށް ވަޒީފާގެ ރައްކާތެރިކަން ލިބިގެންވާ ކަމަށް ގާނޫނުއަސާސީގައި ބުނެފައި އޮތަސް، އެ ރައްކާތެރިކަން މިހާރު ނެތް ކަމަށް ގާނޫނީ ބައެއް ބޭފުޅުން ވިދާޅުވެ އެވެ. އަދިި ޖޭއެސްސީގައި އަދިިވެސް ސިޔާސީ ބޭފުޅުން ތިއްބެވުމަކީ އޭގެ އެއް ސަބަބު ކަމަށް އެ ބޭފުޅުން ވިދާޅުވެ އެވެ.

ކޮމްޕްލިކޭޓެޑް ކޭސްއެއް އަންނަ ހިސާބުން ފަނޑިޔާރުންނަށް މިހާރު ބިރު އޮވޭ ދެން ތިމަންނަ އަމަލުކުރާ ގޮތަކުން ވަކިކޮށްފާނެ ކަން. ވަކި ނުކުރިއްޔާ ކޮންމެވެސް އެހެން ފިޔަވަޅެއް އަޅާފާނެ ކަން. މިހާރު އަސްލު ފަނޑިޔާރުންނަށް ވަޒީފާގެ ޔަގީން ކަމެއް ނެތް.

"ކޮމްޕްލިކޭޓެޑް ކޭސްއެއް އަންނަ ހިސާބުން ފަނޑިޔާރުންނަށް މިހާރު ބިރު އޮވޭ ދެން ތިމަންނަ އަމަލުކުރާ ގޮތަކުން ވަކިކޮށްފާނެ ކަން. ވަކި ނުކުރިއްޔާ ކޮންމެވެސް އެހެން ފިޔަވަޅެއް އަޅާފާނެ ކަން. މިހާރު އަސްލު ފަނޑިޔާރުންނަށް ވަޒީފާގެ ޔަގީން ކަމެއް ނެތް،" ދުސްތޫރީ ބޮޑެތި މައްސަލަަތަކެއްގައި ވަކާލާތު ކުރެއްވި އެ ވަކީލް ވިދާޅުވި އެވެ.

އޭނާ ވެސް ދެކެވަޑައިގަންނަވާ ގޮތުގައި ކޯޓުތަކުގެ ނިންމުންތަކާ ގުޅުވައިގެން ފަނޑިޔާރުންނަށް ޒާތީ ގޮތުން އަމާޒުކޮށް ފާޑު ކިޔުމުގެ ފުރުސަތު އެއްވެސް ބަޔަކަށް ދެވިގެން ނުވާނެ އެވެ. އެކަމަކު ސިޔާސީ ފަރާތްތަކާއި ގާނޫނީ ދާއިރާގެ ތެރެއިން ވެސް އެގޮތަށް އަމަލު ކުރަމުންދާ ކަމަށް އޭނާ އެއްބަސްވެ ވަޑައިގަންނަވަ އެވެ.

"ކޯޓުތަކުގެ ބައެއް ނިންމުންތަކާ މެދު އަބަދުވެސް ހިތްހަމަނުޖެހުން އޮންނާނެ. އެއީކީ އެ ފަނޑިޔާރަށް ސީދާ އަމާޒު ކޮށްގެން އާންމުކޮށް ފާޑު ކިޔައި، ޒާތީ ގޮތުން ޖައްސާލައިގެން އުޅެވޭނެ ކަމެއް ނޫން. ނިންމުން ގޯސްވަންޏާ އޮންނަ އުސޫލުތަކުގެ ތެރެއިން އަމަލު ކުރަން ޖެހޭނީ،" އެ ވަކީލް ވިދާޅުވި އެވެ.

ގާނޫނުއަސާސީ ތަސައްވުރު ކުރާ ފަދަ ގޮތަށް، ކޯޓުތަކާއި ފަނޑިޔާރުންނަށް ގާނޫނީ އިމުގެ ތެރެއިން މަސައްކަތް ކުރުމުގެ ފުރިހަމަ މިނިވަންކަން އަބަދުވެސް އޮންނަން ޖެހެ އެވެ. އެ މިނިވަންކަން ލިބޭނީ ޖޭއެސްސީ އެކުލެވޭ ގޮތް ބަދަލު ކުރުމާ އެކު، ނިޒާމީ ގޮތެއްގައި ފަނޑިޔާރުންނަށް ކުރިމަތިކުރާ ފިއްތުންތަކާއި ނުފޫޒުތައް ވެސް ހުއްޓުވިގެންނެވެ. އެކަމަކު އަދިވެސް ފެންނަމުން ދަނީ އެކިގޮތްގޮތުން އަންނަ ނުފޫޒުތައް އިތުރުވަމުންދާ ތަނެވެ.