Roadha Mihaaru
ޕާކިސްތާނުގައި ޓްވިޓާ ބަންދުކޮށްފާނެ ކަމުގެ އިންޒާރު

ޕާކިސްތާނުގައި ޓްވިޓާ ބަންދުކޮށްފާނެ ކަމުގެ އިންޒާރު ދީފި

17 އޯގަސްޓް 2018

މުޖުތަމައާ ނުގުޅޭ ކޮންޓެންޓްތަކާއި ކޮމެންޓްތައް ޓްވިޓާގައި އާންމުކުރާ ނަމަ ޓްވިޓާ ބަންދުކޮށްފާނެ ކަމުގެ އިންޒާރު ޕާކިސްތާނުގައި ދީފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މުޖުތަމައާ ނުގުޅޭ ކޮންޓެންޓްތަކާއި ކޮމެންޓްތައް ޓްވިޓާގައި އާންމުކުރާ ނަމަ ޓްވިޓާ ބަންދުކޮށްފާނެ ކަމުގެ އިންޒާރު ޕާކިސްތާނުގައި ދީފި އެވެ.

ޕާކިސްތާން ޓެލެކޮމިއުނިކޭޝަން އޮތޯރިޓީ (ޕީޓީއޭ) އިން ބުދަ ދުވަހު ބުނީ އެފަދަ ކޮންޓެންޓްތައް ބްލޮކްކޮށްދޭން ސަރުކާރުން ޓްވިޓާގައި ރަސްމީކޮށް އެތައް ފަހަރެއްގެ މަތިން އެދިގެން ވެސް އިޖާބަދީފައި ނުވާ ކަމަށެވެ.

އެކަމަކު ފޭސްބުކާއި ޔޫޓިއުބް ފަދަ ޕްލެޓްފޯމްތަކުން އެންގުންތަކަށް ތަބާވާ ކަމަށް ބުންޏެވެ.

"ބޭއަދަބީ ކޮންޓެންޓްތައް ބްލޮކްކޮށް ދޭން މިހާތަނަށް އަހަރެމެން ފޮނުވި ސަތޭކައެއްހާ ރިކްއެސްޓްގެ ތެރެއިން ގިނަ ހުށަހެޅުންތަކަކަށް ޓްވިޓާ އިން އިޖާބައެއް ނުދޭ،" ޕީޓީއޭގެ އިންޓަނެޓް ޕޮލިސީ އެންޑް ވެބް އެނެލިސިސްގެ ޑިރެކްޓަރު ޖެނެރަލް ނިސާރް އަހުމަދު ވިދާޅުވި އެވެ. "އެހެންވެ ސަރުކާރުގެ އެންގުމަށް ޓްވިޓާ އިން އިޖާބަ ނުދޭ ނަމަ ޓްވިޓާ ބަންދު ކުރަން ޖެހިދާނެ."

ސަރުކާރުގެ އެންގުމަށް ޓްވިޓާ އިން އިޖާބަ ނުދޭ މައްސަލަ މިހާރު ވަނީ އިސްލާމްއާބާދު ހައި ކޯޓަށް ވެސް ހުށަހަޅައިފަ އެވެ.

ޕާކިސްތާންގެ ޓެލެކޮމް އޮތޯރިޓީ (ޕީޓީއޭ): ޓްވިޓާ އަށް މިހާރު ވަނީ އިންޒާރު ދީފައި.

ޕާކިސްތާންގެ ޓެލެކޮމް އޮތޯރިޓީ (ޕީޓީއޭ): ޓްވިޓާ އަށް މިހާރު ވަނީ އިންޒާރު ދީފައި.

މީގެ ކުރިން ތިން ފަހަރެއްގެ މަތިން ޕާކިސްތާނުގައި ފޭސްބުކް ވެސް ބަންދުކޮށްފައިވެ އެވެ. އަދި ދެ އަހަރަށް ވުރެ ގިނަ ދުވަހަށް އެ ގައުގައި ޔޫޓިއުބް ވެސް ކުރިން ބަންދުކޮށްފައިވެ އެވެ.

ޕާކިސްތާންގެ ވެރިކަމަށް އަލަށް އިންތިހާބުވި ކުރީގެ ކްރިކެޓް ތަރި އިމްރާން ހާންގެ ޕާޓީ ތަހުރީކީ އިންސާފުން ބުނީ ހިޔާލުފާޅު ކުރުމުގެ މިނިވަންކަން ގެއްލޭ ގޮތަށް އެއްވެސް ކަމެއް ކުރުމަކީ އެ ޕާޓީން ދެކޮޅު ކަމެއް ކަމަށެވެ. އަދި ފްރީ މީޑިއާއަކަށް އަބަދު ވެސް ފުރުސަތު އޮންނާނެ ކަމަށް ބުންޏެވެ.

ތަހުރީކީ އިންސާފުގެ އިންފޮމޭޝަން ސެކްރެޓަރީ ފަވާދު ޗައުދަރީ ވިދާޅުވީ ސޯޝަލް މީޑިއާ އަށް ގޯނާ ކުރުމަކީ އިޖުތިމާއީ ގޮތުންނާއި އިގުތިސާދީ ގޮތުން ވެސް ގެއްލުންތަކެއް ލިބި ދާނެ ކަމެއް ކަމަށެވެ.